އަންހެންކުދިންގެ ޙަޤީޤީ ކާމިޔާބީ އެންމެ ބޮޑަށް ގުޅިފައިވަނީ ވިސްނުން ތޫނުކަމާ! ބުއްދީގެ ބޭނުންކުރަން އެނގުމާކަން މިޙާދިސާއިންވެސް ޔަޤީންކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 54ސ
އަންހެންކުދިންގެ ޙަޤީޤީ ކާމިޔާބީ އެންމެ ބޮޑަށް ގުޅިފައިވަނީ ވިސްނުން ތޫނުކަމާ! ބުއްދީގެ ބޭނުންކުރަން އެނގުމާކަން މިޙާދިސާއިންވެސް ޔަޤީންކުރެވޭނެ!

ހުރިހާ މުޖުތަމަޢުތަކަށް ބެލިނަމަވެސް ޒަވާޖީޙަޔާތްވެސް އަދި ކުރާ މަސައްކަތްވެސް ކާމިޔާބުކުރެވޭ ގިނަ އަންހެނުންނަކީ ވިސްނުންތެރިކަމާއިއެކު ކަންކަންކުރާ އަންހެނުންނެވެ. މީހަކު ބުނާހާ ކަމެއް ނުކޮށް ތިމާއަށް އެކަމަކުން ފައިދާކުރާނެކަން ޔަޤީންކުރެވޭ ކަންކަން ކުރާ އަންހެނުންނެވެ.

އެފަދަ އަންހެނަކު މަޅީގައި ޖައްސުވައި ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހޭނެ ކަންކަން ކުރުވަން ވަރަށް އުނދަގޫވާނެއެވެ. އެކަނބަލުން އެކަނބަލުންގެ ފިރިންނަށް ބޭވަފާތެރިއެއް ނުވާނެއެވެ. އަދި އިހްމާލެއްވެސް ނުވާނެއެވެ. އެކަންކަން ކުރެވެނީ ބުއްދީގެ ބޭނުން ނުކުރެވޭ އަންހެނުންނަށެވެ.  

މިގެނެސްދޭ ޙާދިސާއަކީ ލޯބިވެރިޔާ ހޯދުމަށްޓަކައި ބުއްދީގެ ބޭނުންކޮށް ހޫނު އަލިފާން ފިނިފެނަށް ބަދަލުކުރުވި އަްނހެނެއްގެ ވާހަކަ އެވެ. ވަރަށް ޢިބްރަތްތެރި ޙާދިސާއެކެވެ.  

ލޮބުވެތި އުޚުތުންނޭވެ! ފުރިހަމަ އަންހެނަކަށްވުމުގެ ޝަރުޠުތަކުގެ ތެރޭގައި އޭނާގެ ރީތިކަމާއި އަދި ތަޢުލީމީ ފެންވަރެއްވެސް ނުހިމެނެއެވެ. އެއަށްވުރެ މާމުހިންމު ޝަރުޠެއް ވެއެވެ. އެއީ އޭނާގެ ބުއްދިއެވެ. ބުއްދީގެ ބޭނުންކުރަން އެނގުމެވެ.  

ވިސްނައިގެން އަޑުއަހާށެވެ!  

ވަރަށް ތަނަވަސް މީހެއްގެ ހުރި އެންމެ ފިރިހެން ދަރިފުޅު ކައިވެނިކުރަން ބޭނުންވީ ވަރަށް ފަޤީރު ކުއްޖަކާއިއެވެ. އެކަން ހުއްޓުވޭތޯ ކުރި އެއްވެސް މަސައްކަތެއް ކާމިޔާބު ނުކުރެވުމުން ފިރިހެން ކުއްޖާގެ ބައްޕަ އަންހެންކުއްޖާއަށް ބުންޏެވެ. "އަހުރެން މިކުރާ ސުވާލަށް ތެދުބަހުން ޖަވާބުދީފިނަމަ ކައިވެނިކުރަން އެއްބަސްވާނަމެވެ." 

އަންހެންކުއްޖާ ބުނީ ޖަވާބުދޭނީ ތެދުބަހުން ކަމަށެވެ. ނަމަވެސް ބައްޕަ ތިބުނި ބަސް ކަރުދާހުގައި ލިޔެ ބައްޕަ ސޮއިކުރަންވާނެއެވެ. އަދި ވަޢުދާ ބައްޕަ ޚިލާފްވާނަމަ ދޭނެ ބަދަލުވެސް ލިޔަންވާނެއެވެ.  

ބައްޕަ ވަޤުތުން ލިޔުމެއް ލިޔުނެވެ. އަދި ބަދަލުގައި 1 މިލިއަން ޑޮލަރު ދޭނެ ކަމަށްވެސް ލިޔެފައި ސުވާލުކުރިއެވެ. "ކަލޭ ލޯބިވެގެން ތިއައުޅެނީ އަހުރެންގެ ދަރިފުޅުގެ އަތުގައި ހުރި ފައިސާއަކަށް ނޫންހެއްޔެވެ؟"  

ޖަވާބުގައި އަންހެން ކުއްޖާ ބުންޏެވެ. "ތިބާގެ ދަރިފުޅުގެ އަތުގައި ހުރި ފައިސާއަކަށް ނޫނެވެ. ދަރިފުޅުދެކެއެވެ."   

ޔަޤީންހޭ؟ ހެއްކަކީ ކޮބައިހޭ؟ ބައްޕަ ސުވާލުކުރުމުން އޭނާ ބުންޏެވެ. "ޔަޤީނެވެ! ހެއްކަކީ ބައްޕަގެ ދަރިފުޅުގެ އަތުގައި އަދި އެއްވެސް ފައިސާއެއް ނެތްކަމާއި ހުރިހާ ފައިސާއެއް ހުރީ ބައްޕަގެ އަތުގައި ކަމެވެ. ބައްޕަ ނުދީފިނަމަ އެއްވެސް ފައިސާއެއް ނުލިބޭނެ ކަމެވެ. ބައްޕާއެވެ! ކުރި ސުވާލަށް ތެދުބަހުން ޖަވާބުދީފީމެވެ. އެކަމުގެ ހެކިވެސް މިދެއްކީއެވެ. އަހުރެންނަކީ ފައިސާއަށް ބޭނުންވެގެން އުޅޭ އަންހެނެއް ނޫންކަމުގެ އިތުރު ހެކިވެސް މިދައްކަނީއެވެ. ގާތީ ބައްޕަ ވަޢުދު އުވާލުމެވެ. އެއިރުން އަހުރެންނަށް 1 މިލިއަން ޑޮލަރު ލިބެން އޮތަސް އެވެސް ބޭނުމެއް ނޫނެވެ. ލިޔުން މިއިރައިލަނީއެވެ."  

އެހެން ބުނެފައި ލިޔުން އިރާލުމުން ބުނާނެ އެއްޗެއްވެސް ބައްޕައަކަށް ނުވިސްނުނެވެ. އިރުކޮޅަކު ހިމޭނުން ހުރެފައި ބައްޕަ ބުންޏެވެ. "އަހަރެން ވަޢުދު ދަމަހައްޓާނީއެވެ. އަވަހަށް ދެކުދިން ކައިވެނިކުރަންވީއެވެ."  

މިހާދިސާއިންވެސް އެނގިގެން މިދަނީ ޙިކުމަތްތެރިކަން އިސްކޮށް ބުއްދީގެ ބޭނުން ކުރުމަކީ ކަންކަން ކާމިޔާބުކުރެވެން އެންމެ ރަނގަޅު އަދި ފަސޭހަ ގޮތްކަމެވެ. ހަމައެކަނި ތަޢުލީމުން ކުރާނެ ފައިދާއެއް ނެތެވެ. ތަޢުލީމް ލިބުމަކީ ބުއްދީގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން އިތުރަށް މަގުފަހިވާނެ ކަމެކެވެ. ވީމާ ކޮންމެ ކަމެއްގައިވެސް ބުއްދި އިސްކުރާށެވެ! އެކަމުގެ ފަހަތުން ކާމިޔާބީ އައިސް ތިބާއާއި ބައްދަލުކުރާނެއެވެ. އިން ޝާ ﷲ  

އިސްލާމް ދީނުގައި އޮތީ ކޮންމެ ޙާލަތެއްގައިވެސއް ބުއްދީގެ ބޭނުން ކުރުމަށެވެ. ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފާނަމަ ދެމަފިރިންގެ މައްސަލަތައް މަދުވެ އުފާވެރިކަން ލިބޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން