ބޭވަފާތެރިވި ފިރިމީހާއާމެދު އަނބިމީހާ ޢަމަލުކުރިގޮތް! އެންމެން ދަސްކުރުން މުހިންމު ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
ބޭވަފާތެރިވި ފިރިމީހާއާމެދު އަނބިމީހާ ޢަމަލުކުރިގޮތް! އެންމެން ދަސްކުރުން މުހިންމު ފިލާވަޅެއް!

ދިރިއުޅުމުގައި އަބަދުވެސް ކަންކަން ކުރިމަތިވާނެއެވެ. މުހިންމީ ކަންކަން ކުރިމަތިވުމުން ތިމާއަށް ފައިދާކުރާނެ ގޮތަށް ކަންކަން ނިންމަން އެނގުމެވެ. ގިނަ ބައަކަށް ނުއެނގެނީ އެކަމެވެ. ވީމާ އޮތީ ކަންކަން ކާމިޔާބުކުރާ މީހުންގެ ކިބައިން ފިލާވަޅު ލިބިގަތުމެވެ.  

ދެމަފިރިން އެކުގައި ދިރިއުޅޭއިރު ތިމާގެ ހިތުގައި ޖައްސުވަން، ތިމާދެރަކޮށްލަން ނުވަތަ ތިމާއާއިމެދު ޝައުޤުވެރިކަން ނެތްކަން ދައްކަން ކުރާ ކަންކަމާއި ގުޅިގެން މާބޮޑަށް އަސަރުކުރާކަން ނުދައްކާށެވެ. އަސަރުކުރާކަން ދައްކާ ވަރަކަށް ކުރާ އަނިޔާ ދާނީ ބޮޑެތިވެ އިތުރުވެސްވަމުންނެވެ.   

ފުރަތަމަ ސަބަބަކީވެސް އެފަދަ ކަންކަން ކުރާނީ ތިބާއަށް އަސަރުކުރުވާށެވެ! ހިތުގައި ޖައްސުވާށެވެ. އެފަދަ މީހެއްގެ ކުރިމަތީގައި އެކަންކަމުން ތިމާއަށް އަސަރުކުރާކަން ދައްކަން މަސައްކަތްކުރުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.  

އަހުރެންގެ ވަރަށް ގާތް އެކުވެރިއެކެވެ. ކައިވެންޏަށް 12 އަހަރެވެ. 4 ދަރިން ވަނީ ލިބިފައެވެ. ފިރިމީހާ ލޯބިވެރިއަކު ހޯދީއެވެ. އެކަން އަނބިމީހާއަށް އެނގުމުން ވާނެދެރަ ނިކަން ހިތްމައްޗަށް ގެނެސްބަލާށެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު އޭނާގެ ލޮލުން ކަރުނައަޅައެވެ. ހިތްދަތިވެ މޭގައި ރިއްސައެވެ. ނިދިނައިސްގެން ނުނުނިދި އެނދުގައި ދެއަތަށް ފުރޮޅެން އޮވެއެވެ.  

ނަމަވެސް އެއްވެސް ކަމެއް ވެގެން އުޅޭކަންވެސް އޭނާ ފިރިމީހާއަށް އަންގައިވެސް ނުލައެވެ. އެންމެ ކުޑަމިނުން ސުވާލެއްވެސް ނުކުރެއެވެ. އޭނާ ތައްޔާރުވަމުން ދިއައީ ފިރިމީހާ އާއިވަކިވެ ދުރަށް ދިއުމަށެވެ. އެހެންވެ އޭނާ ވަޒީފާއެއް ހޯދިއެވެ. ފިރިމީހާއަށް އެކަން އެނގުނީވެސް ވަޒީފާއަށް ނުކުންނަންފެށި ފަހުންނެވެ. ދަރިން ސްކޫލަށް ގެންދާނީ ފިރިމީހާ ކަމަށާއި ސްކޫލުން ގެންނާނީ މަންމަކަމަށް ހަމަޖެއްސުމުންނެވެ.  

އެހިސާބުން ދެން ކަންކަން ބަދަލުވާނެ ގޮތް ފިރިމިހާއަށް ވިސްނުނެވެ. ވަރިކޮށްފައި ގެއިން ނުކުންނަން ޖެހިދާނެކަން އެނގުނެވެ. ދެރަވެ މާފަށް އެދުމުން އަނބިމީހާ ދިން ޖަވާބު އެނގޭހެއްޔެވެ؟ "ހިތް ދެއްވަވާފައިވަނީ ފިރިހެނުންނަށް އެކަންޏެއް ނޫނެވެ. އަސަރުކުޜާނީވެސް ފިރިހެނުންނަށް އެކަންޏެއް ނޫނެވެ. 2 އަހަރު ކެތްކޮށްފީމެވެ. ދެން ކަންތައް ކުރަންވީ ގޮތްވެސް ނިންމައިފީމެވެ. އެކަން އަހަރެން ހާމަނުކުރަނީސް އަމިއްލައަށް ވިސްނުނުކަމަށްޓަކާ އުފާކުރަމެވެ. ދެން ރަނގަޅުވާނީ މިހާރުވެސް ތިއަ އުފާ ހޯދާ ކަންކަމުން އުފާ ހޯދައިގެން އުޅުމެވެ. އެހެނެއް ނޫނެވެ! އަހުރެންނަށް ތިއަހައިވަރަށް އަނިޔާވެރި ތިއަވީ އަހުރެންގެ ކޮން ކުށެއް ފެނިގެންކަން ބުނެދޭށެވެ! ވަޤުތުން އަހުރެންގެ ނިންމުން ބަދަލުކުރާނަމެވެ."  

އެހިސާބުން ފިރިމީހާގެ އަނގަ ބަންދުވީއެވެ. ދޭނެ ޖަވާބެއް ނެތުމުންނެވެ. ތަކުރާރުކޮށް ފިރިމީހާ އާދޭސްކުރުމުން އަނބިމީހާ އޭނާގެ ޝަރުޠޫތައް ހުށަހެޅިއެވެ. "ލޯބިވެރިޔާއަށް މިހާރު ގުޅާށެވެ! ތިކުޅިގަނޑު ނިންމައިލީކަން އަންގާށެވެ! ޗުއްޓީ ނަގައި މަސްދުވަސްވަންދެން ގެއިން ނުނުކުމެ ގޭގައި ހުންނާށެވެ. އަހުރެން ގޭގައި ނުއުޅޭ ވަޤުތުތަކުގައި ފޯނުގެ ބޭނުމެއް ނުކުރެވޭނެއެވެ. ވައިފައިވެސް ކަނޑައިލާނަމެވެ. މަސްދުވަސްވުމުން ވަޒީފާއަށް ދާން ފަށާށެވެ. ވަޒީފާ ނިމުމުން އެނބުރި އަންނަންޖެހޭނީ ސީދާ ގެއަށެވެ. ޛައްރެއްގެ މިންވަރަށްވެސް ކުޅިގަނޑު އަލުން ފަށައިފިނަމަ ވަޤުތުން ގެއިން ބޭރުކޮށްލާނަމެވެ."  

ފިރިމީހާ ވިސްނައިލިއެވެ. ކުރެވުނީ ކުށެއްކަން ޤަބޫލުކޮށް އަނބިމީހާ ހުށަހެޅި ހުރިހާ ޝަރުޠުތަކެއް ޤަބޫލުކުރުމުން އަނބިމީހާ ބުންޏެވެ. "މިއީ އެއްވެސް ޙާލެއްގައި ކަލޭވެގެން ކަލެއަށް ދިން ފުރުޞަތެއް ނޫނެވެ. މިތިބަ 4 ދަރިންނަށްޓަކައި 4 ދަރިންގެ ބައްޕައަށް ދިން ފުރުޞަތެކެވެ."  

މިފަދަ ކާމިޔާބީތައް ހޯދޭނީ ބައިވެރިޔާ ކުރާ ކަންކަމުން ތިމާއަށް މާބޮޑަށް އަސަރުކުރާކަން ނުދައްކައި ކެތްތެރިވެލައި އަދި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަމައެވެ. ވަރަ ކޮށައިލެވޭނީ ކަތުރަކުންނެވެ. ކަތުރު ތޫނުކުރަމުން ގެންދާށެވެ! ވަޤުތު ޖެހުމުން ފިޔަކޮށައިލާށެވެ!

 

- ވާޞިފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން