ފިރިމީހާގެ ރުހުން ލިބެން އޮތީ އޭނާ ބޭނުންވާ ގޮތަށް ތަހުޒީބުވެގެންނެވެ. އެގޮތަށް ތަހުޒީބުވެއްޖެނަމަ ތަޤްވާވެރިކަމުން ބޮޑުބައެއް އެބައުނިވެއެވެ. މިޙާލަތުގައި ފިރިމީހާއާ ދުރުވުމަކީ ކުރެވޭ ކުށަކަށްވާނެތޯ؟
ޖަވާބަކީ ނުވާނެއެވެ. ފިރިމީހާ ބޭނުންވާ ގޮތަށް ބަދަލުވިޔަސް އެކުގައި ގެންގުޅޭނެކަމުގެ ޔަޤީންކަމެއް ނެތެވެ. ނަމަވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅޭ އަޅުންނަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެކަން އެއީ ޔަޤީންކަމެކެވެ.
ގުޅުންހުރި ޙާދިސާއެއްގެ ވާހަކަ:
"ބައަކު ތިއަ އުޚުތުން ކަޓް އަންހެނަކަށް ހެދިޔަސް ނަޓަކަށް ނުވާށެވެ! ނަޓަކަށް ވެވިއްޖެނަމަ އެއްވެސް ގަޓްކަމެއް ނެތެވެ. ގަޓްކަމަކީ ތަޤްވާގެ މަގުގައި ސާބިތުވުމެވެ." ކިޔުންތެރިޔާ ބުނެފައިވާ މިބަސްކޮޅަކީ ވަރަށް މާނަފުން ބަސްކޮޅެކެވެ. އަދި އެހައިމެ ޢިބްރަތްތެރި ބަސްކޮޅެކެވެ.
ތަންކޮޅެއް ތިލަކޮށްލައިފިނަ އެބުނަނީ އިސްލާމް ދީނުގައިވާ މަގުން ފޭރާންލައި އަދި ޢަމަލުކުރަން އޮތް ގޮތަށް ޢަމަލުކުރުމުން މަލާތްކުރިޔަސް އަޅައިވެސް ނުލާށެވެ. ކުރެވޭނެ އެންމެ ބޮޑުމޮޔަކަމަކީ ޒަމާނަށް ފެތެން ﷲ ތަޢާލާގެ މަގު ދޫކޮށްލުމެވެ. ކުރެވޭނެ އެންމެ ހިތްވަރުގަދަ ކަމަކީ ޝައިޠޯނުންގެ ވަސްވާސްތަކަށް ނުހެއްލި ﷲ ތަޢާލާގެ މަގުގައި ޘާބިތުވުމެވެ.
އެގޮތުގައި ޘާބިތުވެއްޖެ މީހަކަށް ހިތަށްވެސް ނުގެނެވޭފަދަ އެތައް ރަޙްމަތެއް ލައްވަވާނެކަން ތިރީގައިވާ ވާހަކައިން އެނގިލައްވާނެއެވެ. އިން ޝާ ﷲ
އަޅުގަނޑުގެ މައިންބަފައިންނަކީ ވަރަށް ފަޤީރު ބައެކެވެ. އެހެންކަމާއިއެކުވެސް އެމީހުންގެ ފެންވަރުން އަޅުގަނޑަށް ކިޔަވައިދިނެވެ. ތަރުބިއްޔަތުކުރީ އިސްލާމް ދީނަށް ޢަމަލުކުރުމަށް ބާރުއަޅައިގެންނެވެ. އެހެންވެ ކުޑައިރުންސުރެ ނަމާދުކުރަމެވެ. ވީހާރަނގަޅަކަށް އުޅެން މަސައްކަތްކުރަމެވެ.
ވަޒީފާއަކަށް ވަންތާ މާގިނަ ދުވަހެއް ނުވެ ވެރިމީހާ އަޅުގަނޑާއި ގުޅެން ބޭނުންވުމުން އެއްވެސް ފޮރުވުމެއް ނެތި އަޅުގަނޑުގެ ކަންކަން ހުރިގޮތަށް ކިޔައިދިނީމެވެ. އަޅުގަނޑަކީ މިޒަމާނުގެ ދިރިއުޅުމަށް ކަމުދާނެ އަންހެނެއް ނޫންކަމާއި އަޅުގަނޑުގެ ދިރިއުޅުމަކީ ތަޤްވާވެރި ދިރިއުޅުމެއްކަމަށް ބުނީމެވެ. އަދި އަޅުގަނޑަކީ ތަނަވަސްކަމަށް ދަހިވެތި އަންހެނެއް ނޫންކަމަށްވެސް ބުނީމެވެ.
އޭނާ އެކަން ޤަބޫލެއް ނުކުރިއެވެ. ގޮސް އަޅުގަނޑުގެ މަންމަމެންނާއި ބައްދަލުކުރިއެވެ. މަންމަމެންވެސް އެނާއަށް ބުނެދިނީ ހަމަ އެއް ވާހަކަތަކެކެވެ. ހުރިހާ ކަންކަން އެނގިހުރެ އަޅުގަނޑުގެ އުޞޫލުތަކަށް އިޙްތިރާމްކުރާނެ ކަމަށާއި އޭނާވެސް ބޭނުންވަނީ ތަޤްވާވެރި އަންތބެއްކަމަށްބުނެ މަންމަމެންގެ ރުހުން ހޯދިއެވެ.
ކައިވެނިކުރެވުނެވެ. މާބޮޑެތި މައްސަލަތަކެއް ނުޖެހި އަހަރެއްހައި ދުވަސްވޭތިވިއެވެ. ނަމަވެސް 2 ވަނަ އަހަރު އޭނާގެ ޑިމާންޑްތައް ހުށަހަޅަން ފެށިއެވެ. ބޭރަށްދާން އަޅުގަނޑުލާ ހެދުން ކަމަކުނުދިއައެވެ. އެކުވެރިން ގެއަށް ގެނެސް މަޖާކުރާ ޕާޓީތައް ބޭއްވުން ފަދަ ކަންކަމަށް ރުހެން މަޖުބޫރުކުރުވަން ފަށައިފިއެވެ. ދެކޮޅު ހެދުމުން އަޅުގަނޑު ވަރިކޮށްލާފައި އެކަންކަމަށް ރުހޭ އަންހެނަކު ހޯދައިގެން ކައިވެނިކުރީއެވެ.
އަޅުގަނޑު މައިންބަފައިންގެ ގާތުގައި ދިރިއުޅެމުން އަނެއްކާވެސް ވަޒީފާއަދާކުރަންފެށީމެވެ. ކައިވެނީގެ ދުވަސްތަކަކީ ފެނުނު ހުވަފެނެއް ކަމަށާއި ދެއްވެވި ފިލާވަޅެއް ކަމަށް ބަލައި އެހަނދާންތަކާއި ދުރުހެލިވީމެވެ. އަދި ރޭގަނޑު ހޭލައި އިނދެގެން ކުރާ އަޅުކަން އިތުރުކުރީމެވެ.
އެކަމުގެ ނަތީޖާވެސް ލަސްތަކެއްނުވެ ފެނުނެވެ. އަޅުގަނޑުފަދައިން ދީނުގެ ކަންކަމަށް ލޯބިކުރާ އެކުވެރި އަންހެން ކުއްޖެއްގެ ބޭބެއާއި ކައިވެނިކުރަން ފުރުޞަތުލިބި ކައިވެނިކުރެވުނެވެ. އޭނާއަކީ ވަރަށް ކުޑަކުޑަ ފިހާއެއް ހިންގާ މީހެކެވެ. އަތްމަތި ދަތި މީހެކެވެ. ކޮންމެހެން ބޭނުންވާ ކަންކަންވެސް ފުއްދައިލެވެނީ ހަމަކިރިޔަކިރިޔާއެވެ.
ހެޔޮގޮތުގައި މަސައްކަތްކުރާނަމަ ރަޙްމަތް ލައްވަވާނެ ކަމަށް ބުނާ ބުނުމުގެ ތެދުކަން ފެނުމެވެ. ކައިވެންޏަށް 5 އަހަރުވީއިރު ފިރިމީހާގެ ފިހާރައަކީ ބޮޑުފިހާރައެކެވެ. ރަނގަޅު އާމްދަނީއެއް ލިބެއެވެ. ބޭނުންވާ ކަންކަން ނުކުރެވި ނުފުދިގެން ތިބޭކަށް ނުޖެހެއެވެ.
އެއަހަރުގެ ބޮޑު ޢީދު ޗުއްޓީގައި ދެ ދަރިންގޮވައިގެން ދެމަފިރިން ދިއައީ ފިރިމީހާގެ އެކުވެރިއަކު ދިން ދައުވަތަކަށް އޭނާގެ ރަށަށެވެ. އޭނާއަކީ ރަށުގައި ވިޔަފާރިކުރާ މީހެކެވެ. އޭނާއަށް މާލެ ނުދެވުނަސް އޭނާއަށް ބޭނުންވާ ތަކެތި އަޅުގަނޑުގެ ފިރިމީހާ ފޮނުވައިދޭތީ ދެމީހުންގެ މެދުގައި ވަރަށް ގާތް ގުޅުމެއް އޮވެއެވެ.
ޢީދު ދުވަހުގެ ރޭ ކާންދިއައީ ރަށުގެ ރެސްޓޯރަންޓަކަށެވެ. ކައިނިމިގެން އެކުވެރިޔާގެ ދެމަފިރިންނާއި އަޅުގަނޑުމެން ދެމަފިރިން ނުކުތްތަނުން އަޅުގަނޑުގެ ފުރަތަމަ ފިރިމީހާ ފެނުނެވެ. އަޅުގަނޑު ފެނުމުން އަނގައިންވެސް ނުބުނެ ބާރުބާރަށް ހިނގާފައި ދިއައީއެވެ. އެހެންވެ އެކުވެރިޔާގެ އަނބިމީހާ ގާތު އޭނާ ދަންނަންތޯ އާއި އޭނާ މިރަށުގައި ކުރަނީ ކީއްތޯ ސުވާލުކުރީމެވެ.
އޭނާ ބުނީ އެއީ ހަމަ އެރަށު މީހެއްކަމަށާއި ކުރިން އުޅުނީ މާލޭގައި ވަރަށް ތަނަވަސްކޮށް ކަމަށެވެ. "މީހުން ކިޔާ ގޮތުން އޭނާގެ ކުރީ އަނބިމީހާއަކީ ކަޓް އަންހެނަކަށްވާތީ ވަރިކޮށްލާފައި ޑިސްކޯ އަންހެނަކާއި ކައިވެނިކޮށް ޑިސްކޯ ދިރިއުޅުން އުޅެން ފެށުމުން ފަޤީރުވެ ދަރަނިވެރިވީމާ ފިހާރަވިއްކާލާފައި ރަށަށް އައީއެވެ. އައިސް ކުޑަ ވަދުދޯންޏެއް ގަނެގެން މިހާރު ކުރަނީ ފަރުމަސްވެރިކަމެވެ. މިހާރު ކައިވެނިކޮށްގެން އުޅެނީ އޭނާއަށްވުރެ ދޮށީ އަންހެނަކާއެވެ. އެއީ ރަށުގައިވެސް ވަންނާނެ އަމިއްލަ ގެދޮރު ނެތުމުން އޭނާގެ ގޭގައި އުޅެން ފަސާހައަކަށް ކަމަށް މީހުން ކިޔައެވެ."
ކޮންމެއަކަސް އަޅުގަނޑަކީ ކަޓް އަންހެނަކަށްވީތާއެވެ. އެކަމުގައި މައްސަލައެއް ނެތްތާއެވެ! ކަޓް އަންހެން މީހާ ދިރިއުޅެމުން މިދަނީ ﷲ ގެ ރަޙްމަތްފުޅުން ހަމަ އުފަލުގައެވެ. އެންމެ ތަނަވަހުގައި ނޫންނަމަވެސް ކުރަން ބޭނުންވާ ކަންކަން ކުރެވި، މައިންބަފައިންވެސް ބެލެހެއްޓި އަދި ޞަދަޤާތްވެސް ކުރެވޭ ފަދަ ޙާލަތުގައި އެކަންކަން ކުރަމުންނެވެ. އިން ޝާ ﷲ
މިއަދުނޫހުގެ ކިޔުންތެރިންނަށް، ޚާއްޞަކޮށް އެކުވެރި އުޚުތުންނަށް ބުނެލަން ބޭނުމީ ބައަކު ތިއަ އުޚުތުން ކަޓް އަންހެނަކަށް ހެދިޔަސް ނަޓަކަށް ނުވާށެވެ! ނަޓަކަށް ވެވިއްޖެނަމަ އެއްވެސް ގަޓްކަމެއް ނެތެވެ. ގަޓްކަމަކީ ތަޤްވާގެ މަގުގައި ސާބިތުވުމެވެ.
އަޅުގަނޑަށް މައްސަލަތައް ކުރިމަތިވި ދުވަހު އަޅުގަނޑު މަސައްކަތްކުރީ ﷲ ގެ މަގުގައި ސާބިތުވުމަށެވެ. އެކަމަށް އެދި ކުރި ދުޢާތަކުގެ ފޮނިމީރުކަން މިއަދު މިވަނީ ފެނިފައެވެ. އިން ޝާ ﷲ
- ޙަނީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް