ލޯފަން މީހުންނަށް މިސްކިތްތަކުގެ ސަފު ދެނަގަންނަން އެޙީތެރިކަން ބޭނުންވޭ!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 35ސ
ލޯފަން މީހުންނަށް މިސްކިތްތަކުގެ ސަފު ދެނަގަންނަން އެޙީތެރިކަން ބޭނުންވޭ!

ނަމާދަކީ އެންމެހާ މުސްލިމް އަޅުތަކުންގެ މައްޗަށް މާތް ﷲ ފަރުޟުކުރައްވާފައިވާ އަޅުކަމަކަށް ވީހިނދު، ފިރިހެނުންނަށް އެންމެ މުސްތަޙައްބު ގޮތަކީ މިސްކިތުގައި ޖަމާޢަތުގައި ނަމާދުކުރުމެވެ. މިކަމުގައި ލޯފަން މީހުންވެސް އިސްތިސްނާވެގެން ނުވެއެވެ. ލޯފަން ޞަޙާބީ ބޭކަލަކު ކީރިތި ރަސޫލާ ﷺ ގެ އަރިހަށް ވަޑައިގެން ކުރެއްވި ސުވާލަށް އެކަލޭގެފާނު ދެއްވި ޖަވާބު އެކަނިވެސް މިކަމުގެ ހެއްކަކަށް ފުދެއެވެ.  

ކީރިތި ރަސޫލާ ﷺ ގެ އަރިހަށް ލޯފަން ޞަޙާބީއެއް ކަމުގައިވާ ޢަބްދުﷲ އިބްނު އުއްމު މަކްތޫމް (ރަޟިޔަﷲ ޢަންހު) ވަޑައިގެން، މިސްކިތަށް ގެންދާނެ މީހަކު ނެތުމުން ގޭގައި ނަމާދުކުރުމުގެ ހުއްދައަށް އެދިވަޑައިގަތެވެ. އެހިނދު ރަސޫލާ ﷺ ސުވާލުކުރެއްވިއެވެ: "ބަންގީގެ އަޑު އިވޭ ހެއްޔެވެ؟" އެކަލޭގެފާނު "އާދޭހޭ (އަޑުއިވެއޭ)" ދެންނެވުމުން، ޙަދީޘްކުރެއްވިއެވެ: "އެހެންވީމާ (މިސްކިތަށް އައިސް) އިޖާބަދޭށެވެ!" 

ކަން މިހެން އޮތް ނަމަވެސް، ޒަމާނާ އެއްގޮތަށް ބިނާކުރަމުން އަންނަ ގިނަ މިސްކިތްތަކަކީ ލޯފަން މީހުންނަށް ނަމާދުކުރާއިރު ސަފު ވަކިކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ތަންތަނެއް ނޫނެވެ. މިކަމާ ގުޅޭގޮތުން، އޮގަސްޓު މަހުގެ 1 ވަނަ ދުވަހުގެ ރޭ ފުވައްމުލަކު ސިޓީގައި ލޯފަން މީހުންގެ ޖަމުޢިއްޔާއިން ކުރިއަށްގެންދިޔަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއްގައި،ބްލައިންޑް އެންޑް ވިޜުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް ގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސައްދާމާއި ބޯޑު މެމްބަރު ޢަބްދުﷲ ޒިޔާޢު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެބޭފުޅުން ވިދާޅުވެފައިވަނީ، ޤިބްލައަށް ކުރިމަތިލައިގެން ހުރެ ނަމާދުކުރުމަކީ ނަމާދު ޞައްޙަވުމުގެ ޝަރުޠަކަށް ވީއިރު، މިހާރު ހަދަމުން އަންނަ ގިނަ މިސްކިތްތަކުގައި ސަފު ވަކިކޮށް ސީދާ ޤިބްލައަށް ހުރުމުގައި ލޯފަން ފަރާތްތަކަށް ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. 

މި މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން، ފައިޖައްސާލުމުން ފަސޭހަކަމާއެކު ސަފު ވަކިކުރެވޭނެ ގޮތަށް ނުވަތަ އިޙްސާސްކުރެވޭނެ ގޮތަށް (ޓެކްޓައިލްކޮށް) މިސްކިތްތަކުގެ ކާޕެޓްތަކާއި ތަޅުންމަތި ފަރުމާކޮށްދިނުމަށް އެ ޖަމުޢިއްޔާއިން ވަނީ ވަރަށް އާދޭހާއެކު އެދިފައެވެ. ލޯފަން ބޭފުޅުންނަށް މިކަމުގައި ފަސޭހަވާނެ ގޮތްތައް ކިޔައިދެއްވަމުން އެބޭފުޅުން ވިދާޅުވެފައިވަނީ، މިސްކިތްތަކުގައި ނެވިލޯން ފަދަ ތަކެތި އަޅާއިރު ކޮންމެ ސަފެއްގައި ވަކިވަކިން އެޅިދާނެ ކަމަށާއި، ނުވަތަ ކޮންމެ ސަފެއް ވަކިވާނެ ގޮތަށް ޓޭޕް ފަދަ އެއްޗެއްވެސް ބޭނުންކުރެވިދާނެ ކަމަށެވެ.

މިސްކިތްތަކަކީ އެންމެހާ ފަރާތްތަކަށްވެސް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ތަންތަނަށް ހަދަންޖެހެއެވެ. އެހެންކަމުން، މިސްކިތްތައް ފަރުމާކުރުމުގައި ރީތި ޑިޒައިންތަކަށް އިސްކަންދޭ ފަދައިން، މިސްކިތްތަކަށް ތަފާތު އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުންވެސް ޒިޔާރަތްކުރާނެކަން ހަނދާނުގައި ބަހައްޓަންޖެހެއެވެ. އަދި ހުރިހާ މިސްކިތްތަކަކީވެސް އެފަދަ ފަރާތްތަކަށް ފަސޭހައިން ވަދެނުކުމެ އުޅެވޭނެ އަދި ބޭނުންކުރަން ފަސޭހަ (އެކްސެސިބަލް) ތަންތަން ކަމުގައި ހެދުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ.

 

- މިއީ މިއަދުނޫހުގެ ޚާއްޞަ ބައިވެރިއަކު ޙިއްޞާކޮށްފައިވާ އޭނާގެ ވިސްނުމެވެ.

މިއަދު އޮންލައިން