ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ސަމާލުކަންދޭންވީ ނަމާދަށެވެ. ނަމާދަކީ ސުވަރުގޭގެ ތަޅުދަނޑިކަމަށް ޢިލްމްވެރިން ސިފަކުރައްވަނީ އެކަމުގައި ޙަޤީޤަތެއް އޮތުމުންނެވެ. ވީމާ އަހުރެމެން އެންމެ ބޮޑަށް ސަމާލުކަންދޭންވީ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރުމަށެވެ.
އަހުރެމެންގެ ހުރިހާ ކާމިޔާބީއެއް ގުޅިފައިވަނީ ނަމާދާއިއެވެ. ސަބަބަކީ ނަމާދަކީ އާޚިރަތް ކާމިޔާބުކުރުމުގެ ތަޅުދަނޑި ކަމުގައިވާތީއެވެ. ނަމާދުން ކާމިޔާބު ހޯދިއްޖެނަމަ އާޚިރަތް ކާމިޔާބުކުރެވޭނެތީއެވެ. އިން ޝާ ﷲ. އަދި ނަމާދުން ފޭލްވެއްޖެނަމަ ނަމާދުން ފޭލްވާނެތީއެވެ.
އެންމެންނަކީ މުޅި ޤްރުއާން ހިތުދަސް ހާފިޒުންނަށް ނުވެވިދާނެއެވެ. އަދި މުޅި ޤުރްއާނުގެ މާނަ އެކުގައި ހިތުދަސްނުކުރެވިދާނެއެވެ. ނަމަވެސް މަސައްކަތްކޮށްފިނަމަ ޢާންމުކޮށް ނަމާދުގައި ކިޔަވާ ބައިތައް ހިތުދަސްކުރެވިދާނެއެވެ. މާނަވެސް ހިތުދަސްކުރެވިދާނެއެވެ. އަދި މާނަ އެކުގައި ނުއެނގުނަސް ހިތަށް ނަގައިގަނެވޭނެވަރުވެސް ކުރެވިދާނެއެވެ.
ސަބަބަކީ ޢާންމު ގޮތެއްގައި ގިނަ އިމާމުން ނަމާދުތަކުގައި ކިޔަވާނީ ދާދި އެއް އާޔަތްތަކެކެވެ. ދާދި އެއް ސޫރަތްތަކެކެވެ. މިސާލަކަށް ވަރަށް ގިނަ އިމާމުން ޢިޝާނަމާދުގައި އެންމެ ގިނަވާ އެއްބައަކީ ބަޤަރާ ސޫރަތުގެ އެންމެފަހު 3 އާޔަތެވެ.
ގިނަ އިމާމުން ކިޔަވާނީ ކީރިތި ޤްރުއާނުގެ އެންމެ ފަހު 3 ފޮތުގެ ސޫރަތްތަކެވެ. އެއިގެ ތެރެއިންވެސް ޚާއްޞަކޮށް ފާހަގަކުރާ ސޫރަތްތައް ގިނައިން ކިޔަވާނެއެވެ. ވީމާ އެމީހަކު އަރައި އުޅޭ މިސްކިތެއްގައި އެންމެ ގިނައިން ކިޔަވާ ސޫރަތްތަކާއި އާޔަތްތައް ފާހަގަކުރާށެވެ! އަދި އެބައިތަކާއި އެބައިތަކުގެ މާނަ ހިތުދަސްކުރާށެވެ! އެއިރުން އިމާމް މީހާ ކިޔަވާއިރު ވައިވެ ބާކީވެ އެހެން ފިކުރުތަކުގައި ހުރުމުގެ ފުރުޞަތު ކުޑަވާނެއެވެ.
އެކަމުގެ ސަބަބުން ނަމާދަށްހުންނައިރު ބޭކާރު ޚިޔާލުތައް ކުރެވުން މަދުވާނެއެވެ. ޚުޝޫޢަތްތެރިކަން އިތުރުކުރެވޭނެއެވެ. ކުރާ ނަމާދު ޤަބޫލުފުޅު ކުރެއްވެވުން ގާތްވާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން