ﷲ ތައާލާގެ ރުހިވޮޑިގަތުން މީހަކަށް ލިބިއްޖެނަމަ ހެޔޮ ޢަމަލުކުރަން ހިތްޖެހޭނެއެވެ. އަޅުކަންކުރުން ގިނަކުރާނެއެވެ. އަދި ފާފައަކަށްވެދާނެ ކަމެއް ނުކުރަންވެސް ގަދައަޅައި މަސައްކަތްކުރާނެއެވެ.
އެއިގެ އިތުރުން އެހެން މީހުން ތިމާއާއިމެދު ދައްކާ ވާހަކަތަކަކަށް ކަންބޮޑެއްވެސް ނުވާނެއެވެ. ކަންބޮޑުވާނީ ހަމައެކަނި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ގެއްލިދާނެ ކަމަށެވެ. ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތަށް ޙާޒިތުވެ ހުންނަންޖެހޭނެ ވަޤުތުގައި ކަންކަން މެދުވެރިވާނެ ގޮތަކާއިމެދުގައެވެ.
ވީމާ އެެހން މީހަކު ނުވަތަ ބައަކު ދައްކާ ވާހަކަތަކަށް ކަންބޮޑުވުން މިވަޤުތުން ފެށިގެން ހުއްޓައިލާށެވެ! ﷲ ތައާލާގެ ރުހިވޮޑިގަތުމާއި ލޯބިވެވޮޑިގަތުން ލިބޭނީ އެކަމަށް އެދިގެން މަސައްކަތްކުރާ މީހުންނަށެވެ.
މިގޮތަށްވެސް ވިސްނާށެވެ! މީހަކު ތިބާގެ ވާހަކަދައްކަނީއެވެ. ދައްކަނީ ތިބާއަށް ކުރެވިފައިވާ ފާފައެއްގެ ވާހަކައެވެ. އެއީ ތިބާއަށް ކުރެވިފައިވާ ފާފައެއްނަމަވެސް އެވާހަކަ ދެއްކުމުން އޭނާގެ ކިބައިން ތިބާއަށް ބަދަލު ހޯއްދަވައި ދެއްވަވާނެތެވެ. އަދި އެއީ ތިބާ ނުކުރާ ކަމެއްގެ ވާހަކަނަމަ ދޭންޖެހޭ ބަދަލު މާބޮޑުވާނެތެވެ.
އެވާހަކައަށް ތިބާ ކަންބޮޑުނުވާންވީ ސަބަބުވެސް ބުނެލާނަމެވެ. އެއީ ތިބާއަށް ކުރެވިފައިވާ ފާފައެއް ނަމަވެސް ތިބާ ތައުބާވުމުން ﷲ ތަޢާލާ ވާނީ ތިބާގެ ފާފަ ފުއްސަވައި ދެއްވަވައިފައެވެ. ހަމައެއާއިއެކު ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިފައިވާ އަޅަކަށް ނުބައި ބަހެއް ބުނުމަކީވެސް ﷲ ތަޢާލާގެ ޙަޟްރަތާއި ދެކޮޅަށް ހަނގުރާމަ އިޢުލާނުކުރުން ފަދަ ބޮޑު ފާފައެކެވެ. ވީމާ އެފަދަ މީހަކަށް ނުބައިބަސްތައް ބުނެފައި އެމީހަކަށް ސަލާމަތްވެވޭނީ ކޮންގޮތަކަށް ހެއްޔެވެ؟
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން