މާލޭގެ ބޮޑުތަކުރުފާނުމަގުގައި އަލަށް ތަރައްޤީކުރި ސަރަޙައްދުގައި ޤާއިމުކުރާ ތިން ޕަމްޕު ސްޓޭޝަނުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ޕަމްޕު ވަޅުތައް ބެހެއްޓުމާއި ޕަމްޕުތައް ހަރުކުރުމުގެ މަސައްކަތް މިހާރު ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ. މި ހުރިހާ މަސައްކަތްތަކެއް މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަކީ އެ ކުންފުނީގެ އަމާޒެކެވެ.
ބޮޑުތަކުރުފާނުމަގުގެ އަލަށް ތަރައްޤީކުރި ސަރަޙައްދަކީ ވިއްސާރަ ދުވަސްވަރު ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން، ސްޓޯމްވޯޓަރ ޑްރެއިނޭޖް ސިސްޓަމެއް ހިމެނޭހެން ފަރުމާކޮށްފައިވާ ސަރަޙައްދެކެވެ. އެމްޓީސީސީން ބުނީ މަގުގެ މަސައްކަތް އެއްކޮށް ނުނިމެނީސް އާންމުންނަށް ހުޅުވާލަން ޖެހުނީ، މަގު ބަންދުކޮށްފައި އޮތުމުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ދިނުމުގެ މަޤްޞަދުގައި ކަމަށެވެ.
މި މަހުގެ 15 ގެ ކުރިން ޕަމްޕުތައް ބަހައްޓައި، ޓެސްޓުކޮށް، ކޮމިޝަން ކުރުމުގެ މަސައްކަތް ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމްޓީސީސީން ވަނީ ދީފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ވިއްސާރަވެ، މަގުގައި ފެންބޮޑުވާ ހާލަތްތަކުގައި، އާންމުންނަށް ދިމާވާނެ ދަތިތައް ކުޑަކުރުމަށްޓަކައި ވަގުތީ ގޮތުން ފެން ހިންދުމުގެ މަސައްކަތް އެ ކުންފުނިން މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މި ޕަމްޕު ސްޓޭޝަންތައް ނިމުމުން ބޮޑުތަކުރުފާނުމަގުގެ އެ ސަރަޙައްދުގައި ފެންބޮޑުވުމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.