ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމުކުރާ ޕޯސްޓްމޯޓަމް ފެސިލިޓީ ތަރައްޤީ ކުރުމަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައިވާ ކަމަށް މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، މި ފެސިލިޓީ ތަރައްޤީ ކުރުމަށް ބޭނުންވާ ބިން ހަމަޖެހި، އެތަނުގެ ކުރެހުންތައްވެސް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އަދި މި ސެންޓަރު ތަރައްޤީ ކުރާނީ ޕޯސްޓްމޯޓަމް ހެދުމުގެ އިތުރުން، ސްކޭންތައް ކުރެވޭނެ ފަދަ ޒަމާނީ ވަސީލަތްތަކާ އެކުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ސިއްޙީ ވަޒީރު ޤީލާ އަލީ ވިދާޅުވީ، މި މެޑިކަލް ޔުނިޓު މެދުވެރިކޮށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށެވެ. އެގޮތުން ލާއިންސާނީ އަނިޔާތަކާއި، ބަންދުގައި ތިބޭ މީހުންނަށް ލިބޭ އަނިޔާތައް ބެލުމުގެ އިތުރުން، ޝަރުޢީ އިންޝުއަރެންސްގެ ބޭނުމަށް މީހަކަށް ލިބޭ އަނިޔާގެ މިންވަރު ވަޒަންކުރުމުގެ ޚިދުމަތްވެސް މި ޔުނިޓުން ލިބޭނެ ކަމަށެވެ.