މުދާ ފެރީގެ ޚިދުމަތް ވަގުތީގޮތުން ހެންވޭރު ފެރީ ޓާމިނަލަށް ބަދަލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ
މުދާ ފެރީގެ ޚިދުމަތް ވަގުތީގޮތުން ހެންވޭރު ފެރީ ޓާމިނަލަށް ބަދަލުކޮށްފި

މާލޭގެ އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތްތައް ކުރިއަށްދާތީ، އެމްޓީސީސީއިން ފޯރުކޮށްދެމުންދާ މުދާ ފެރީގެ ޚިދުމަތް މިއަދުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލަށް ބަދަލުކޮށްފިއެވެ.

އެމްޓީސީސީއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ސެގްމަންޓު 1 ގެ މަސައްކަތްތައް ކަމަށެވެ. އެ ސަރަހައްދުގައި މަސައްކަތް ކުރިއަށްދާއިރު ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން، ގްރޭޓާ މާލެ ސަރަހައްދުގައި އެ ކުންފުނިން ދެމުންދާ މުދާ އުފުލާ ފެރީގެ ޚިދުމަތްތައް މިހާރު ވަނީ ހެންވޭރު ފެރީ ޓާމިނަލަށް ބަދަލުކުރެވިފައެވެ.

މި ބަދަލާއެކު، މިއަދުން ފެށިގެން އަމީނީމަގުގެ ފުރަތަމަ ސެގްމަންޓުގެ މަސައްކަތް އެއްކޮށް ނިމެންދެން މުދާ ފެރީގެ ހުރިހާ އޮޕަރޭޝަންތަކެއް ކުރިއަށްދާނީ ހެންވޭރު ފެރީ ޓާމިނަލުންނެވެ.

އަމީނީމަގު މަރާމާތު ކުރުމުގެ ބޮޑު މަޝްރޫޢަކީ މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅުކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަސައްކަތުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޓީސީސީއިން ވަނީ މަޢާފަށް އެދިފައެވެ.

މިއަދު އޮންލައިން