މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ޓޫރިސްޓް ރިސޯޓް ތަރައްޤީކޮށް ހިންގުމަށް ސަބްލީސް ކޮށްފައިވާ އެއްވެސް ރަށެއްގެ ހެޑްލީސް ހައްޤެއް ވިއްކާލުމަށް ނިންމާފައި ނުވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޓީޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ ދަށުގައިވާ އެއްވެސް ރަށެއްގެ ހެޑްލީސް ހައްޤު ވިއްކާލުމާ ގުޅޭގޮތުން އެއްވެސް ފަރާތަކާއެކު އެފަދަ އެއްވެސް މަޝްވަރާއެއް މިހާތަނަށް ކޮށްފައިނުވާ ކަމަށެވެ.
ދިވެހި ސަރުކާރާއި އެމްޓީޑީސީއާ ދެމެދު ސޮއިކޮށްފައިވާ ލީސް އެއްބަސްވުންތަކުގެ ދަށުން ޓޫރިސްޓް ރިސޯޓު ތަރައްޤީކޮށް ހިންގުމަށް އެ ކުންފުނިން ކުއްޔަށް ހިފާފައިވާ ތިން ރަށަކީ ހދ. ނާގޯށި، ގދ. މަގުއްދުވާ އަދި ބ. ކިހަވައްހުރަވަޅިއެވެ. އެމްޓީޑީސީން ބުނިގޮތުގައި، މި ތިން ރަށުގެ ހެޑްލީސްއާ ގުޅޭ އެންމެހައި ހައްޤުތަކުގެ މިލްކުވެރި ފަރާތަކީ ސީދާ އެ ކުންފުންޏެވެ.
ކުންފުނީގެ ހަރުމުދަލާ ގުޅޭގޮތުން ވާހަކަދައްކަމުން އެމްޓީޑީސީން އިތުރަށް ބުނެފައިވަނީ، އެއްވެސް ހަރުމުދަލެއްގެ ހެޑްލީސް ނުވަތަ ހެޑްލީސްއާއި ގުޅުންހުރި ހައްޤުގެ އެއްވެސް މިންވަރެއް ވިއްކުމަށް، އެހެން ފަރާތަކަށް ދޫކޮށްލުމަށް ނުވަތަ މިނޫންވެސް މިފަދަ އެހެން މުއާމަލާތެއް މެދުވެރިކޮށް ކުންފުންޏަށް ލިބިފައިވާ މިލްކުވެރިކަމުގެ ހައްޤު ނުވަތަ މަސްލަހަތު ސީދާގޮތުން ނުވަތަ ނުސީދާ ގޮތުންވެސް ގެއްލޭފަދަ ނުވަތަ ހަނިވާފަދަ އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމަށެވެ.
މީގެއިތުރުން، ހދ. ނާގޯށި، ގދ. މަގުއްދުވާ އަދި ބ. ކިހަވައްހުރަވަޅިއާއި ގުޅުންހުރި އެއްވެސް ހައްޤެއް ވިއްކާލުމުގެ ނުވަތަ ދޫކޮށްލުމުގެ ނުވަތަ އެފަދަ ހައްޤަކަށް ނޭދެވޭ އަސަރުކުރާ ފަދަ އެއްވެސް މަޝްވަރާއެއް އެއްވެސް ފަރާތަކާއިއެކު ކުރިއަށް ނުދާކަމުގެ ފުރިހަމަ ޔަޤީންކަން އެ ކުންފުނިން ވަނީ ހިއްސާދާރުންނަށް އަރުވާފައެވެ.