މިދިޔަ އެމްޑީޕީ ސަރުކާރުން ފަށާފައިވާ ހުރިހާ މަޝްރޫއުތަކެއްވެސް މި ސަރުކާރަށް ޖެހުނީ އަލުންބަލުން ފަށައިގަންނަން ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްތަލިބު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރަށްރަށުގައި ކުރިއަށްގެންދާ ތަރައްީގެ މަޝްރޫއުތަކާއި ގުޅޭގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެ ކުންފުނިތަކަށް ގެއްލުން ނުވާނެ ގޮތަށް ކަންކަން ރޭވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރުން ކުރިން ގަބޫލުކޮށްގެން ތިބީ އޭރު މަސައްކަތްތައް ހަވާލުކޮށްފައި ހުރި ކޮންޓްރެކްޓްތަކާއެކު މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ނަމަވެސް، ކަންތައްތައް ދިމާވީ އެހެން ނޫން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ނަމަވެސް އެމްޑީޕީ ސަރުކާރުން ފަށާފައިވާ ހުރިހާ މަސައްކަތްތަކެއް ވެސް މި ސަރުކާރަށް ޖެހުނީ އަލުންބަލުން ފަށައިގަންނަން،" މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ކުރީ ސަރުކާރުން ފަށާފައި ހުރި ހުރިހާ މަސައްކަތްތަކެއްވެސް އަލުން ފަށައިގަންނަން ޖެހުނު ނަމަވެސް، އެ ހުރިހާ މަޝްރޫއުތަކެއް ފަށައިގެން ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް މިހާރު ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ރަށްރަށުގެ ތަރައްގީއަށް މެދުކެނޑިފައި ހުރި މަޝްރޫއުތައް ބާރުސްޕީޑުގައި ކުރިއަށް ގެންދިއުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.