އަތޮޅުތެރޭގެ 10 ރަށެއްގެ މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނުކޮށްފިއެވެ. މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ޖޭއެސްސީން މެޖިސްޓްރޭޓުން ހޯދުމަށް އިއުލާނުކޮށްފައިވާ ރަށްތަކަކީ ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓު، ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓު، ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓު (އިސް މެޖިސްޓްރޭޓް)، ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓު، ކ. ހިންމަފުށީ މެޖިސްޓްރޭޓް ކޯޓު (އިސް މެޖިސްޓްރޭޓް)، އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓު، ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓު، ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓު، ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު އަދި ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓެވެ.
މި ރަށްތަކުގެ ތެރެއިން ބ. ގޮއިދޫ އަދި ކ. ހިންމަފުށީ މެޖިސްޓްރޭޓް ކޯޓަށް ހޯދުމަށް އިއުލާނުކޮށްފައިވަނީ އިސް މެޖިސްޓްރޭޓުންނެވެ.
މި މަގާމުތަކަށް ކަނޑައަޅާފައިވާ މުސާރަ އާއި އިނާޔަތްތަކަށް ބަލާއިރު، އަސާސީ މުސާރައިގެ ގޮތުގައި 26,350 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން ލިވިން އެލަވެންސްގެ ގޮތުގައި 12,000 ރުފިޔާ އަދި ރިސްކް އެލަވެންސްގެ ގޮތުގައި 1,650 ރުފިޔާ ލިބޭނެ ކަމަށް ޖޭއެސްސީން ބުނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ފޯނު އެލަވެންސް އާއި މެޑިކަލް އިންޝުއަރެންސްވެސް މި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ލިބިވަޑައިގަންނަވާނެއެވެ.
މި މަގާމުތަކަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 12 އޮގަސްޓު 2026 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.
ޖޭއެސްސީން ބުނި ގޮތުގައި މި މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ އެ ކޮމިޝަނުގެ "ފަހިރެސް" ޕޯޓަލް މެދުވެރިކޮށެވެ. ނަމަވެސް، އެޕްލިކޭޝަންގެ ހާޑް ކޮޕީ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ސުންގަޑި ހަމަވުމުގެ ކުރިން ކޮމިޝަނުގެ ކައުންޓަރަށް އެ ތަކެތި ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.