ފާހަގަ މިކުރަނީ މިހާރު ވަރަށް ބޮޑަށް ޢާންމުވެފައިވާ ކަމެކެވެ. މިފާހަގަކުރަނީ އަންހެން ދަރިން ބޮޑެތިވީކަމަށް ބަލައި އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލައިގެން ތިބޭ މައިންބަފައިންގެ ވާހަކައެވެ. ވަޒިފާއަށް ގޮސްގެން ގެއަށް ފައިސާ ވައްދާނަމަ އެކަން ވަކިން ބޮޑުވާ ވާހަކައެވެ.
މަންމަ އާ ބައްޕަ ނަމާދުކުރެއެވެ. ހެޔޮޢަމަލުތައްވެސް ކުރެއެވެ. އެކަމަކު ދަނީ ފާފަވެރިވަމުންދާ މައިންބަފައިން ވަރަށް ގިނަވެއްޖެއެވެ. ހޭލުންތެރިކަން އިތުރުކޮށް ފާފަވެރިވަމުން ނިމުމަކަށް ގެންނަމާ ހިންގަވާށެވެ! ﷲ ތަޢާލާއަށްޓަކައި އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަމުން ގެންދަމާ ހިންގަވާށެވެ!
ކިތަންމެ ބޮޑެތިވެފައިތިބިނަމަވެސް ކިތަންމެ މަތީ ވަޒީފާއެއްގައި ތިބިނަމަވެސް ކައިވެނިނުކުރާހައި ހިނދަކު އަންހެންދަރިން ތިބޭނީ މައިންބަފައިންގެ ބެލެނިވެރިކަމުގެ ދަށުގައެވެ. އޮފީހު މީހަކަސް އެކުވެރިއަކަސް އަދި ލޯބިވެރިޔަކަސް ހިލޭފިރިހެނަކާއިއެކު ގެއިން ބޭރުގައި އުޅެން ދޫކޮށްލައިގެން ތިބުމަކީ މައިންބަފައިން ފާފަވެރިވާނެ ކަމެކެވެ.
"ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. އެކުދިން ގޯސް މަގަކުން ދާނަމަ ރަނގަޅުކުރަންވެސް ޖެހޭނެއެވެ. ވީމާ އެކަން ނުކުރާނަމަ މައިން ބަފައިން ފާފަވެރިވާނެއެވެ. އަންހެން ދަރިއަކު ކިތަންމެ ބޮޑުވި ނަމަވެސް، ކިތަންމެ މަތީ މަޤާމެއްގައި ހުރި ނަމަވެސް ކައިވެނިކުރަންދެން ބެލެހެއްޓުމަކީ މައިންބަފައިންގެ ޒިންމާއެކެވެ."
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
މިމޭރުމުން ޑރ. އިޔާޟް ވިދާޅުވެފައިވަނީ "ތިމާގެ އަންހެން ދަރިފުޅު ހިލޭ ފިރިހެނުންނާއިއެކު ސައިކަލް ދުއްވަން ނުވަތަ އެނޫން ކަމުގައިވެސް ގެއިން ބޭރަށް ގޮސް އުޅޭއިރު އެކަން އެނގިހުރެ ނުހުއްޓުވާ މައިންބަފައިން ފާފަވެރިވާނެތޯ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.
ވީމާ މައިންބަފައިންނަށް އޮތީ ފާފަވެރިވާން ބޭނުން ނޫންނަމަ ދަރިންގެ ކަންކަން އިސްލާމްމް ދީނުގައިވާ ގޮތަށް ބެލެހެއްޓުމެވެ. ހަމަ އެއާއިއެކު މައިންބަފައިން ފާފަވެރިކުރުވަން ދަރިން ބޭނުން ނުވާނަމަ އޮތީ އިސްލާމް ދީނުގައިވާ ގޮތާއި ޚިލާފަށް އަމަލު ނުކުރުމެވެ. ﷲ ތަޢާލާއަށް ބިރުވެތިވުމުގެ އިތުރުން މައިންބަފައިން މުސްކުޅިވާ ދުވަހު އެމީހުންގެ ބޮލުގައި ފާފަތައް އެޅޭނެ ގޮތަށް އެއްވެސް ކަމެއް ނުކުރުމަކީ މައިންބަފައިން ދެކެ ލޯބިވާނަމަ ދަރިން ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ!
- މިއަދުނޫސް