ރަންކިޔުއްވައި ކައިވެނިކުރަން ކޯޓަށް ހުށަހަޅާފައިވީނަމަވެސް ކައިވެނި ނުކުރެވެނީސް ދެމީހުން ބީހުމަކީ ކައިވެނީގެ ބަރަކާތް ކެނޑިގެން ހިނގައިދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ރަންކިޔުއްވައި ކައިވެނިކުރަން ކޯޓަށް ހުށަހަޅާފައިވީނަމަވެސް ކައިވެނި ނުކުރެވެނީސް ދެމީހުން ބީހުމަކީ ކައިވެނީގެ ބަރަކާތް ކެނޑިގެން ހިނގައިދާނެ ކަމެއް!

ދީނުގައި ނަހީކުރައްވަވާފައިވާ ކަންކަން ކުރުމަށް ޝައިޠޯނާ އަބަދުވެސް ބާރުއަޅާނެއެވެ. ކައިވެނި ނުކޮށް ތިބުމަށާއި ކައިވެނިކުރަން އުޅޭނަމަ ކައިވެނި ކުރުމުގެ ކުރިން ގައިގައި ބީހުމަށް ޝައިޠޯނާ ވަރަށް ބޮޑަށް ބާރުއަޅާނެއެވެ. މބުނެދެނީ އެކަމުގެ ޙުކުމާއި އެކަމުން ލިބޭނެ އެންމެ ބޮޑު ދެރައެވެ.  

ކައިވެނިކުރަން ދުވަސް ކަނޑައަޅައި ކައިވެންޏަށް ތައްޔާރުވަމުންގޮސް ރަންކިޔާފައިވެސް ދެމީހުން ބީހިލުންވެސް ހަމަ ހުއްދަނުވާނެތޯއެވެ؟

ޖަވާބަކީ ކައިވެނީގެ މަޖިލީހަށް ގޮސްތިބި ނަމަވެސް ކައިވެނި ނުކުރެވޭހައި ހިނދަކު އެއީ ހަމަ ހިލޭ ދެމީހުންނެވެ. ޙުކަމަކީ ހިލޭ ދެމީހުންގެ ޙުކުމެވެ. އެޙުކުމް ބަދަލުވާނީ ކައިވެނިކުރެވުމުންނެވެ.  

އަންހެން މީހާއަށް ރަންކެނޑިދާނެއެވެ. ފިރިހެން މީހާއަށް މަޖިލިސް ދޫކޮށް ދެވިވެސްދާނެއެވެ. އެކަމަކަށް އެއްވެސް ހުރަހެއް ނެތެވެ. އެކަމުން އެނގެނީ ދެމީހުން އެތިބީ ބަނދެވިގެން ނޫން ކަމެވެ. ބަނދެވޭނީ ކައިވެނީގެ ގޮށުން ކަމެވެ. މީގެ އިތުރުން އިސްލާމް ދީނުގައި އޮތީ ކައިވެނި ނުކުރެވޭހައި ހިނދަކު އެއީ ހިލޭ ދެމީހުން ކަމަށެވެ. ވީމާ ކައިވެނިކުރުމުން ކުރަން ހުއްދަވާ އެއްވެސް ކަމެއް ކައިވެނި ނުކުރެވެނީސް ކުރުން ހުއްދައެއް ނުވާނެއެވެ.

ދެން ބުނެލަން އޮތީ ތިއަޙާލަތަށް ވިސްނުން ދާނީ ދުވަސްތަކެއް ވަންދެން ލޯބިވެގެން އުޅެފައި ތިބުމުން ކަމަށެވެ. ވީމާ ﷲ ތަޢާލާއަށް ތެދުވެރިކަމާއިއެކު ކުރީގެ ދުވަސްތައް ހޭދަކުރިފަދައިން ކައިވެނިކުރެވެންދެން ކުރިއަށް އޮތް މަދު ދުވަސްކޮޅުވެސް ކެތްތެރިވެލާށެވެ! ލައްވަޥާނެ ރަޙްމަތް މާބޮޑުވާނެއެވެ. އިން ޝާ ﷲ  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

މިހާރަކަށް އައިސް ޒުވާން ފިރިހެން ކުދިން ވަރަށް ގިނައިން ކުރާ ސުވާލެކެވެ. އަހަރެން ކުއްޖަކު ދެކެ ވަރަށް ވަރަށް ބޮޑަށް ލޯބިވަމެވެ. ނަމަވެސް ކައިވެނިކުރެވޭކަށް އަދި ނެތެވެ. ކައިވެނި ނުކުރެވުނަސް ދެމީހުންވެސް ގައިގަ ބީހެން ބޭނުންވެއެވެ. ވީމާއެހާލަތުގައި ހަދާނީ ކިހިނަކުންތޯއެވެ؟ 

ޖަވާބު ވަރަށް ކުރެވެ. ކައިވެނި ކުރެވެންދެން އަތް ނުލައި ކައިރިވެސް ނުވެ ދުރުގައި ހުންނާށެވެ. ކައިރިވެއްޖެ ނަމަ ވާނެ ގޮތް ކިޔައިދެން ހެއްޔެވެ؟ ވާނީ މީރުކާއެއްޗެއް ލިބުނީމާ ވާނެ ގޮތެވެ! ފަހަރަކު އެތިކޮޅެއް ކަމުންގޮސް ކައި ހުސްކޮށްލެވޭނީއެވެ.  

ވީމާ މިގޮތަށް ވިސްނާށެވެ!  ޕާޓީ އޮތީ މާދަމާއެވެ. ފަހަރެއްގައި ޕާޓީއަށް ބޭނުންވާ ކޭކު ގެއަށް ގެނައީ މިއަދު ކަމަށްވެދާނެއެވެ. ކޭކު ކިތަންމެ ވަރަކަށް ޒީނަތްތެރިކޮށްފައި އޮތް ނަމަވެސް އަދި ފެނުނީމާ ކިތަންމެ ވަރަކަށް ކުޅުދިޔާވިނަމަވެސް އެކަމުގެ ވަގުތުގައި ނޫނީ ކޭކުގައި އަތްލައި ނުހަދަމު ނޫންހެއްޔެވެ؟ ހަމަ ބަލަން ތިބެނީ ނޫން ހެއްޔެވެ؟ ކޭކު ފޮތިކޮށްގެން ކަނީ އެކަމުގެ ވަގުތުގައި ނޫންހެއްޔެވެ؟  

ވީމާ ކިތަން ވަރަކަށް ލޯބިވި ނަމަވެސް ކައިވެނީގެ ކުރިން ގައިގައި ނުބީހޭށެވެ! ބީހިއްޖެ ނަމަ ވާނީ މީރުކާއެތި ލިބުނު މީހާއަށް ވީގޮތެވެ! ކައި ހުސްކޮށްލެވޭނީއެވެ. އެއީ އިސްލާމް ދީން ހުއްދަކުރާ ގޮތެއް ނޫނެވެ! އަދި އެކަމުގެ ސަބަބުން އެންމެ ބޮޑެތި ފާފަތަކަށް ވެސް އަރައިގަނެވިދާނެ ކަމެކެވެ. އެފަދަ ގޮތެއް މެދުވެރިވެއްޖެ ނަމަ ކައިވެނީގެ ބަރަކާތް ކެނޑިގެން ހިނގައިދާނެ ކަމަށް ބިރުވެތިވާށެވެ.! އެގޮތަކަށް މެދުވެރިވެއްޖެނަމަ އެއީ އެދެމީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ.

 

- ޝައިޚް ޚާލިދް ޔާސީންގެ ދަރުސަކުން

 

މިއަދު އޮންލައިން