ޢާއިޝަތުގެފާނާ ކުރެއްވެވި ކައިވެނިފުޅުގެ ވާހަކަދައްކާ މީހުން 80 އަހަރުގެ ސައުދާ ބިންތި ޒަމްޢާ އާއި ރަސޫލް ޞޢޥ ކުރެއްވެވި ކައިވެނިފުޅުގެ ވާހަކަ ދައްކަން ލަދުގަންނަނީތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 32ސ
ޢާއިޝަތުގެފާނާ ކުރެއްވެވި ކައިވެނިފުޅުގެ ވާހަކަދައްކާ މީހުން 80 އަހަރުގެ ސައުދާ ބިންތި ޒަމްޢާ އާއި ރަސޫލް ޞޢޥ ކުރެއްވެވި ކައިވެނިފުޅުގެ ވާހަކަ ދައްކަން ލަދުގަންނަނީތަ؟

މިލިޔުން ޚާއްޞަކޮށްމިލަނީ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ކުރެއްވެވި ކައިވެނިފުޅުތަކުގެ ޙަޤީޤަތް އޮޅޭގޮތަށް، ޚާއްޞަކޮށް ޢާއިޝަތުގެފާނާއި ކުރެއްވެވި ކައިވެނިފުޅުގެ ވާހަކަ ދައްކާ މީހުންނަށާއި އަދި ސުންނަތަކަށްވީތީ އިތުރު އަނބިން ހޯދާއިރު ހަމައެކަނި ޒުވާން، ރީތި އަންހެންކުދިންނާއި ކައިވެނިކުރާ މީހުންނަށެވެ.  

އިސްލާމް ދީނުގެ ޢަދާވާތްތެރިން އެންމެ ގިނައިން ދައްކާނީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވެވި ކައިވެނިފުޅުތަކުގެ ވާހަކައެވެ. އެކަން އެމީހުން ބޭނުންވާ ގޮތަށް ބަދަލުކޮށްގެންނެވެ. ހިތާމައަކީ އެފަދަ ވާހަކަތައް ބައެއް މުސްލިމުންނަށްވެސް ޤަބޫލުކުރެވޭ ކަމެވެ.  

ނިކަން ވިސްނައިލަބަލާށެވެ!  

ޚަދީޖާ ރަޟިޔަالله ޢަންހާ އަށް ފަހު ރަސޫލާ ﷺ ކައިވެނި ކުރެއްވީ އިސްލާމްދީނުގައި އެންމެ ފުރަތަމަ ހުވަފަތްވެ ވަޑައިގެން ކަމަނާ ސައުދާ ބިންތި ޒަމްޢާ އާއިއެވެ. އޭރު އެކަމަނާގެ ޢުމުރުފުޅަކީ 80 އަހަރެވެ.   

މީސްތަކުންނަށް އެހީތެރިވުން ގިނަކަމުން މިސްކީނުންގެ މަންމަގެ ލަޤަބު ލިބިވަޑައިގެންފައިވާ ޒައިނަބު ބިންތި ޚުޒައިމާގެ ފިރިކަލުން އުޙުދު ހަނގުރާމާގައި ޝަހީދުވެ ވަޑައިގަތުމާއި ގުޅިގެން އެކަމަނާ އަށް ހެޔޮކޮށް ހިއްތެވުމުގެ ގޮތުން ރަސޫލާ ﷺ ކައިވެނި ބައްލަވައިގެންނެވިއެވެ.  

ޒައިނަބު ބިންތި ޖަޙްޝި އާއި ރަސޫލާ ﷺ ކައިވެނި ބައްލަވައިގެންނެވީ ތަބައްނީ (އެޑޮޕްޓު) ކުރުމުގެ އުޞޫލު އުވި، އަދި ތަބައްނީގެ ގޮތުން ދަރިޔަކު އިނދެވަރިކޮށްފައިވާ މީހަކާ ކައިވެނި ކުރުމަކީ ހުއްދަކަމެއްކަން އުނގަންނައިދެއްވުމުގެ ގޮތުންނެވެ.  

ރަސޫލާ ﷺ އުއްމު ޙަބީބާ، އުއްމު ސަލަމާ އަދި ސައުދާ ބިންތި ޒަމްޢާ އާއި ކައިވެނި ބައްލަވައިގެންނެވީ ހުވަފެންވެފައިވާ އަންހެން ކަނބަލުންނަށް އެހީތެރިވެ ވަޑައިގަތުމުގެ ގޮތުންނެވެ. 

ޢުމުރުން 80 އަހަރުގެ ސައުދާ ބިންތި ޒަމްޢާ އާއި ރަސޫލާ ﷺ ކައިވެނި ބައްލަވައިގަތީ ހުވަފެން އަންހެނަކަށް އެހީތެރިވެ ވަޑައިގެން އަދި އެކަމުގެ ނަމޫނާ އުއްމަތަށް ދެއްކެވުމުގެ ބޭނުންފުޅުގައެވެ. 

އުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމުގެ ގޮތުން ރަސޫލާ ﷺ އެކަލޭގެފާނުގެ ދެއަންހެން ކަނބަލުން ޢުޘްމާން ރަޟިޔަالله ޢަންހު އާއި ކައިވެނި ކޮށްދެއްވެވިއެވެ. އަދި ޙަފްޞާ ބިންތި ޢުމަރާއި ޢާއިޝާ ބިންތި އަބީބަކްރި އާއި ކައިވެނި ބައްލަވައިގެންނެވިއެވެ.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް


"ރަސޫލާ ﷺ ޢާއިޝާ ރަޟިޔަالله ޢަންހާ އާއި ކައިވެނި ކުރެއްވެވުމުގެ ޙިކްމަތްތަކުގެ ތެރެއިން--:

"ރަސޫލާ ﷺ ޢާއިޝާ ރަޟިޔަالله ޢަންހާ އާއި ކައިވެނި ކުރެއްވެވުމުގެ ޙިކްމަތްތަކުގެ ތެރޭގައި އެކަމަނާ މެދުވެރިކުރައްވާ އެކަލޭގެފާނުގެ ކިބައިން ގިނަ ޢިލްމު ފެތުރުއްވުން ހިމެނެއެވެ. ޅަޢުމުރުގައި ދަސްކުރާ ތަކެއްޗަކީ ހިލަގަނޑެއްގައި ކަނޑާ ނެގުންފަދަ ކަމެކެވެ. ޢާއިޝާ ރަޟިޔަالله ޢަންހާ ގެންދެވީ ގިނަކަންތައްތަކެއް ދަސްކުރައްވަމުންނެވެ. 

ރަސޫލާ ﷺ ސުވަރުގެ ވަޑައިގަތުމަށްފަހު 42 އަހަރު ވަންދެން އެކަލޭގެފާނުގެ ސުންނަތް މީސްތަކުންނަށް އުނގަންނަވައިދެއްވުމުގައި ޢާއިޝާ ރަޟިޔަالله ޢަންހާ ހޭދަކުރެއްވެވިއެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ޢާއިޝާ ރަޟިޔަالله ޢަންހާ އާއި ރަސޫލާ ﷺ އެހާ ހަގު ޢުމުރުފުޅުގައި ކައިވެނި ބައްލަވައިގަތުމުން އުންމަތަށް ކުރިފައިދާތައް ވަރަށް ގިނައެވެ. ޑރ. އިޔާޟް ބަޔާން ކުރައްވަވާފަދައިން އެކަމަނާ އުނގެނިވަޑައިގެންނެވި ކަންކަން ރަސޫލާ ﷺ އަށްފަހު އުންމަތަށް ދަސްފުޅުކޮށްދެއްވެވުމުގައި އަވަދިނެތި އުޅުއްވެވިއެވެ. އެކަމުގެ ސަބަބުން އިސްލާމް ދީނަށް ލިބުނު ނަޞްރާއި ކުރިއެރުން ވަރަށް ބޮޑެވެ.  

ރަސޫލާ ﷺ އަށްފަހު ޞަޙާބީންނަށް ކުރިމަތިވެވަޑައިގެންނެވި ކޮންމެ ކަމެއްގައިހެން އެކަމަނާ ވަނީ ސުންނަތުގައި އޮތްގޮތް ބަޔާންކޮށްދެއްވަވައިފައެވެ. އެކަމަނާއަކީ ކަންކަން ދަސްފުޅު ކުރެއްވެވުމުގައި ނަމޫނާ ބޭކަނބަލެކެވެ. ރަސޫލް އާލާސްކަންފުޅާ އުޅުއްވެވިއިރު ޙަކީމުން ކުރި ބޭސްފަރުވާވެސް އެކަމަނާވަނީ ދަސްފުޅުކުރައްވައިފައެވެ. އެއީ ގިނަ ބައަކަށް ސިހުން ލިބިގެންދިއަ ކަމެއްގެ ގޮތުގައިވެސް ޢިލްމުވެރިން ވަނީ ބަޔާންކުރައްވަވައިފައެވެ.  

ވީމާ ތަންދޮރު ނުދަންނަ ޖާހިލުން ދައްކާ ވާހަކަތައް ޙައްޤު މަގުގައި ތިބި މުސްލިމުން ޤަބޫލެއް ނުކުރާނެއެވެ. މާތް ﷲ ގެ ވާގިފުޅާއިއެކު ދުޝްމިނުންނާއި ދުޝްމިނުންގެ ވާގިވެރިން ނިކަމެތިވެގެންދާތަން ލަސްތަކެއް ފެންނާނެއެވެ.  

ރަސޫލާ ޞޢޥ ކުރެއްވެވި ކައިވެނިފުޅުތަކާމެދު މުސްލިމުންގެ އެންމެ ބޮޑު ޢަދާވާތްތެރިން ފަތުރާ ދޮގު ވާހަކަތަކުގެ ޙަޤީޤަތް--  

ރަސޫލާ ﷺ އެންމެ ފުރަތަމަ ކައިވެނި ބައްލަވައިގަތީ އެކަލޭގެފާނަށްވުރެ 15 އަހަރު ދޮށީ، އަދި ކުރިން ދެކައިވެންޏެއް ކުރައްވައި ދަރިން ލިބިވަޑައިގެންފައި ހުންނެވި ކަނބަލަކާއިއެވެ އެކަމަނާ އަވަހާރަވުމަށްދާންދެން އިތުރު ކައިވެންޏެއް ނުކުރައްވަވައެވެ.  

(އެހެންކަމުން އެކަލޭގެފާނުގެ އެންމެ ޒުވާން ޢުމުރުފުޅުން 25 އަހަރު ހޭދަކުރެއްވެވީ އެކަމަނާ އާއިި އެކަނި ކައިވެނިފުޅު ބައްލަވައިގަނެގެންނެވެ. އެއީ ޢުމުރުފުޅުން 25 އަހަރުން 50 އަހަރަށެވެ.)  

ޝަހްވާނީ އެދުންވެރިކަމަކަށްޓަކައި ރަސޫލާ ﷺ ކައިވެނި ކުރެއްވެވިނަމަ ޚަދީޖާ ރަޟިޔަالله ޢަންހާ އަވަހާރަވުމުގެ ހިތާމާގައި 2 އަހަރުވަންދެން ކައިވެނި ނުކުރައްވާ ނުހުންނެވީހެވެ.

ރަސޫލާ ﷺގެ ފުރަތަމަ އަނބިކަނބަލުން ދުނިޔެ ދޫކުރެއްވިއިރު އެކަލޭގެފާނުގެ ޢުމުރުފުޅުން 50 އަހަރެވެ. އެކަމަނާ އަވަހާރަވުމުގެ ހިތާމާގައި ކައިވެނި ބައްލަވައި ނުގެން 2 އަހަރު ހޭދަކުރެއްވެވިއެވެ.

ރަސޫލާ ﷺގެ ޢުމުރުފުޅުން 52 އާއި 60 އާއި ދެމެދު ތަފާތު ކައިވެނިތަކެއް ކުރެއްވެވިއެވެ. ނަމަވެސް އެއީ ދީނީ, ސިޔާސީ އަދި އިޖްތިމާޢީ މަޞްލަޙަތުތަކަކަށްޓަކައި ކުރެއްވި ކައިވެނިފުޅުތަކެކެވެ.  

ޞަފިއްޔާބިންތިޙުޔައްޔުބިންއަޚްޠަބުގެ ބައްޕާފުޅު ބަނޫގުރައިޡާގައި، ފިރިކަލުން ޚައިބަރުގައި ގަތުލުވީ ހިނދު ޚައިބަރުގެ ސައްޔިދު ދިޙްޔަތުލްކަލްބީގެ ދަށަށް އެކަމަނާ ގެންދެވުނެވެ. އެހިނދު އެކަމަނާ އަށް ލިބިދާނެ ނިކަމެތި ކަމަކުން ސަލާމަތްކުރެއްވުމަށްޓަކައި ރަސޫލާ ﷺ ކައިވެނި ކުރެއްވެވީއެވެ.  

ރަސޫލާ ﷺ ގެ އެންމެ ޒުވާން ޢުމުރުފުޅު ހޭދަކުރެއްވީ އެކަލޭގެފާނަށްވުރެ 15 އަހަރު ދޮށީ އަންހެން ކަނބަލަކާއެކުއެވެ.

ރަމްލާ ބިންތި އަބީސުފްޔާން އެކަމަނާގެ ފިރިކަލުންނާއި އެކު ޙަބަޝާއަށް ހިޖްރައަށް ވަޑައިގެންނެވި ހިނދު ފިރިކަލުން ނަޞާރާދީނަށް ބަދަލުވެވަޑައިގެންނެވިއެވެ. ނަމަވެސް އެކަމަނާ އިސްލާމްދީނުގެ މަތީގައި ޘާބިތުވެހުންނެވިއެވެ. އަނެއްކޮޅުން ބައްޕާފުޅު އަބޫސުފްޔާނަކީ އޭރު މުސްލިމުންގެ ޢަދާވާތްތެރިއެކެވެ.  

އެފިތުނަގަނޑުގެ ތެރެއަށް އެކަމަނާ ދޫކޮށްނުލައްވާ ސަލާމަތް ކުރެއްވުމުގެ ގޮތުން ރަސޫލާ ﷺ އެކަމަނާ އާއި ކައިވެނި ބައްލަވައިގެންނެވިއެވެ.

އުންމު ސަލަމާ-ރަޟިޔަﷲ ޢަންހާ- ވިދާޅުވިއެވެ. އަބޫސަލަމާ- ރަޟިޔަﷲ ޢަންހު- އަވަހާރަވީ ހިނދުގައި ތިމަންކަމަނާ ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް ގޮސް އެޚަބަރު ދިނީމެވެ. އެހިނދު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. ކަމަނާ ވިދާޅުވާށެވެ. 

މާތް الله ތިމަންކަމަނާ އަށް މުޙައްމަދު ﷺ ދެއްވެވިއެވެ.  ރަސޫލާ ﷺ އުއްމު ސަލަމާ އާއި ކައިވެނި ބައްލަވައިގެންވިއިރު އެކަމަނާ އަކީ މުސްކުޅި ޢުމުރުގެ ބޭކަނބަލެކެވެ. ނަމަވެސް ވިސްނުންތޫނު ދުރުވިސްނޭ ބޭކަނބަލެކެވެ. 

އެކަމަނާ އެކަނިވެރިވިޔަ ނުދެއްވާ އަދި އެކަމަނާގެ ފަރާތުން އިސްލާމީ އުއްމަތަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ބޭނުންފުޅުގައި ރަސޫލާ ﷺ އެކަމަނާ އާއި ކައިވެނި ބައްލަވައިގަތެވެ.

ކައިވެނި ކުރުމަށް ވަކި ޢުމުރެއް ކަނޑައަޅުއްވާފައިނުވެއެވެ. އެކަން ބިނާވެގެންވަނީ އެބަޔެއްގެ މުޖްތަމަޢުގެ ޙާލަތަށެވެ. އެކި މުޖްތަމަޢުތަކުގައި އަންހެން ކުއްޖާގެ ހެދިބޮޑުވުމާއި ވިސްނުންތެރިކަން ކުރިއަރާ މިންވަރު ތަފާތުވާނެއެވެ. 

ބަނުލް މުޞްޠަލަޤު ވަންހައިގެ ގިނަބަޔަކު އަސީރު ކުރެވިފައިވީ ހިނދު އެބައިމީހުން މިނިވަންކުރުމަށް ބާރުއެޅުއްވުމުގެ ގޮތުން އެވަންހައިގެ ސައްޔިދު އަލްޙާރިޘްގެ ދަރިކަނބަލުން ޖުވައިރިއްޔާ އާއި ރަސޫލާ ﷺ ކައިވެނި ބައްލަވައިގެންނެވިއެވެ. ނަތީޖާއަކީ މުސްލިމުންނާއިދެމެދު ގާތްގުޅުމެއް އުފެދުމެވެ.

ތިމާގެ އަމިއްލަ ނަފްސާއި ދަރިންނާއި އެންމެހައި ތަކެއްޗަށްވުރެ ރަސޫލާ ﷺ ދެކެވާ ލޯބި އިތުރުވުމަށް ދާންދެން އެއްވެސް މީހެއްގެ އީމާންކަން ފުރިހަމަ ނުވާނެއެވެ. ތިމާ އެމީހަކު ދެކެ ލޯބިވާ ފަރާތަކަށް ބަދުބަސްބުނެވޭއިރު ހަނުހުރުމަކީ އެފަރާތެއް ދެކެ ލޯބިނުވުމުގެ ޢަލާމާތެކެވެ.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން