އަކުނިވަޔަށް ދަމަން މެދުވެރިވާ ސަބަބުތަކާ އަމިއްލައަށް ހޯދިދާނެ ފަރުވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
އަކުނިވަޔަށް ދަމަން މެދުވެރިވާ ސަބަބުތަކާ އަމިއްލައަށް ހޯދިދާނެ ފަރުވާ!

އަކުނިވަޔަށް ދެމުމަކީ (Muscle Cramps) ކުއްލިއަކަށް މަސްގަނޑަށް އަންނަ ބާރުވުމެކެވެ. މިއީ އާންމުކޮށް ފަޔަށް ދިމާވާ، ވަރަށް ބޮޑަށް ތަދުވާ ކަމެކެވެ. 

އަކުނިވަޔަށް ދަމަން މެދުވެރިވާ މައިގަނޑު ސަބަބުތައް: 

1.    ހަށިގަނޑުން ފެން މަދުވުން (Dehydration): ހަށިގަނޑުގައި ފެން މަދުވުމަކީ އަކުނިވަޔަށް ދަމަން މެދުވެރިވާ އެންމެ އާންމު އެއް ސަބަބެވެ. 

2.    މައުދަނުތައް މަދުވުން: މަސްތަކުގެ މަސައްކަތަށް ބޭނުންވާ މައުދަނުތައް ކަމަށްވާ ޕޮޓޭސިއަމް، މެގްނީޒިއަމް ނުވަތަ ކެލްސިއަމް ހަށިގަނޑުގައި މަދުވުން 

3.    މަސްގަނޑަށް ބާރުބޮޑުވުން: މާ ގިނައިރު ކަސްރަތު ކުރުން ނުވަތަ މަސްގަނޑަށް އާދަޔާ ހިލާފަށް ބާރުބޮޑުވާ ފަދަ މަސައްކަތެއް ކުރުން. 

4.    ލޭ ދައުރުވުން ދަށްވުން: ގުނަވަންތަކަށް ލޭ ފޯރުކޮށްދޭ ނާރުތައް ހަނިވުމުގެ ސަބަބުން ލޭ ދައުރުވުން ދަށްވުން. 

5.    މާބަނޑު ދުވަސްވަރު : މާބަނޑު ދުވަސްވަރު ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން ގިނައިން އަކުނިވަޔަށް ދަމާގޮތްވެއެވެ. 

6.    އެއްގޮތަކަށް މާގިނައިރު އިށީނދެގެން ނުވަތަ އޮށޯވެގެން ތިބުން. 

ގޭގައި ނުވަތަ އަމިއްލައަށް ކުރެވިދާނެ ކަންތައްތައް: 

1.    މަސްގަނޑު ދެމުން (Stretching): އަކުނިވަޔަށް ދަމާފައިވާ މަސްގަނޑު މަޑުމަޑުން ދަމާލާށެވެ. މިސާލަކަށް ފަޔަށް ދަމައިފިނަމަ، ފައިގެ އިނގިލިތަކުގައި ހިފާފައި މައްޗަށް (ކަކުލާ ދިމާއަށް) މަޑުމަޑުން ދަމާލާށެވެ. 

2.    މަސާޖުކުރުން: ބާރުވެފައިވާ މަސްގަނޑު މަޑުމަޑުން މަސާޖުކޮށްލުމުން މަސްގަނޑު ދޫވާނެއެވެ. 

3.    ހޫނު ނުވަތަ ފިނި ފެންކޮތަޅު އެޅުން: ބާރުވެފައިވާ މަސްގަނޑުގައި ހޫނު ފެންކޮތަޅެއް އެޅުމުން މަސްގަނޑު ދޫވާނެއެވެ. ނުވަތަ ތަދު ކަނޑުވަން އައިސްޕެކެއްވެސް ބޭނުންކުރެވިދާނެއެވެ.  

4.    ގިނައިން ފެން ބުއިން: ހަށިގަނޑުގައި ފެން ހުންނަ މިންވަރު އިތުރުކުރުމަށް ގިނައިން ފެން ބޯށެވެ. 

5.    ސިއްހަތަށް ފައިދާހުރި ކާނާ ކެއުން: ޕޮޓޭސިއަމް ގިނަ ކާނާ (މިސާލަކަށް: ދޮންކެޔޮ) އަދި މެގްނީޒިއަމް ގިނަ ކާނާ ކެއުމަށް ސަމާލުކަން ދޭށެވެ. 

6.    ލުއި ކަސްރަތު: ނިދުމުގެ ކުރިން ފައިގެ ކުޑަ ކަސްރަތެއް ކޮށްލުމަކީ ރޭގަނޑު އަކުނިވަޔަށް ދެމުމުން ސަލާމަތްވުމަށް އެހީތެރިވެދޭނެ ކަމެކެވެ. 

އަކުނިވަޔަށް ދެމުމަކީ ވަރަށް ގިނައިން ދިމާވާ ކަމެއްނަމަ ނުވަތަ އޭގެ ސަބަބުން ހަންގަނޑުގެ ކުލަ ބަދަލުވެ ދުޅަވާނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ އިރުޝާދު ހޯދުން މުހިންމެވެ. 

- މިއީ އަކުނިވަޔަށް ދެމުމަށް ހޯދިދާނެ ފަރުވާއަކަށް މިއަދުނޫހުގެ ކިޔުންތެރިއަކު އެދިލައްވާފައިވާތީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ އިސް ބޭފުޅަކު ދެއްވާފައިވާ މަޢުލޫމާތެވެ. އެދެނީ އިތުރަށް ކަމެއް އޮޅުން ފިލުވަން ބޭނުންނަމަ އެކަމެއް ފާހަގަކޮށްލައި އަންގައިލަދިނުމެވެ. ޖަވާބުދޭން މަސައްކަތްކުރާނަމެވެ. އިން ޝާ ﷲ

- މިއަދުނޫސް

 

މިއަދު އޮންލައިން