ތިމާގެ ދިރިއުޅުން އުފާވެރިކުރަން ބޭނުންނަމަވެސް މަންމައަށް ހެޔޮކޮށް ހިތާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ތިމާގެ ދިރިއުޅުން އުފާވެރިކުރަން ބޭނުންނަމަވެސް މަންމައަށް ހެޔޮކޮށް ހިތާށެވެ!

މައިންބަފައިންނަށް ޚާއްޞަކޮށް މަންމައަށް ހެޔޮކޮށް ނުހިތާނަމަ އެމީހަކީ މިއުންމަތުގެ މީހުންގެ ތެރެއިން ވީނަމަވެސް އުންމަތާއި ވަރަށް ދުރުގައިވާ މީހެކެވެ. އަދި މަންމައަށް ހެޔޮކޮށް ނުހިތާ ދަރިންނަކީ ﷲ ތަޢާލާ އާއި "ގުޅިފައިވާ" މީހެއް ކަމަކަށް އަހުރެން ޤަބޫލެއް ނުކުރާނަމެވެ. އެހެނީ ﷲ ތަޢާލާ އާއި ގުޅިގެން އުޅުމަކީ ﷲ ތަޢާލާގެ އެންގެވުންތަކަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިވެ ޢަމަލުކުރަމުން ގެންދިއުން ކަމުގައިވާތީއެވެ.  

ސަބަބުވެސް ބަޔާންމިކުރަނީއެވެ.  

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ބަޔާބްކުރައްވަވައިފައެވެ. މީސްތަކުންނަށް އަންގަވައިފައެވެ. އެންމެ މަތިވެރި ދަރަޖައިގައެވެ. ހަމައެއާއިއެކު ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި އެންމެ ބޮޑަށް ހެޔޮކޮށް ހިތަންވީ މަންމައަށް ކަމަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ވިދިވިދިގެން 3 ފަހަރު ވަޞިއްޔަތް ކުރައްވަވައިފައެވެ.  

ތިމާގެ މަންމަ އިޚްތިޔާރުކުރުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. މައިން އަދި ދަރިން ކަނޑައަޅުއްވަވަނީ ﷲ ތަޢާލާއެވެ. މައިން ކަނޑައަޅުއްވެވުމަށްފަހު ﷲ ތަޢާލާ ދަރިންނަށް މިއަންގަވަނީ މައިމީހާއަށް ހެޔޮކޮށް ހިތުމަށެވެ.  

ބައެއް މައިންނަކީ ކޮންމެވެސް ސަބަބެއް މެދުވެރިވެ އެހައި ރަނގަޅު މަންމައަކަށްނުވެވެސްހިނގައިދާނެއެވެ. އެޙާލަތުގައިވެސް ދަރިންނަށް އަންގަވަނީ މައިންނަށް ހެޔޮކޮށް ހިތުމަށެވެ. އެއީ އެމައިމީހާގެ ކިބައިގައި އެ މައްސަލަ އެބަހުރިކަން މޮޅަށް ދެނެވޮޑިގެންވާއިރުވެސްމެއެވެ.

ވީމާ މައިމީހާ ކޮންމެ ފަދަ ގޮތަކަށް ކަންކަން ކޮށްފައިވީނަމަވެސް އަދި މިހާރުކުރަމުން ގެންދިއަނަމަވެސް އެއިން އެއްވެސް ކަމަކަށް ނުވިސްނައި ﷲ ތަޢާލާ ތިބާއަށް ޢަމަލުކުރަން އަންގަވާފައިވާ ގޮތަށް މައިމީހާއާއިމެދު ޢަމަލުކުރާށެވެ! ޢަމަލުކޮށްފައި ﷲ ތަޢާލާގެ ޙަޟްރަތުން ޖަޒާއަށް އެދި ދަންނަވާށެވެ! ދުނިޔޭގައި ހުއްޓައިވެސް އެކަމުގެ ފައިދާކުރަމުން އަންނަކަން މިދަނީ ލޯތަކަށް ފެންނަމުންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން