އެހީ ފޯރުކޮށްދެވެނީ ސީދާ އޭގެ ހައްގުވެރިންނަށްކަން ކަށަވަރުކުރުމުގެ މަސައްކަތް އެންސްޕާއިން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
އެހީ ފޯރުކޮށްދެވެނީ ސީދާ އޭގެ ހައްގުވެރިންނަށްކަން ކަށަވަރުކުރުމުގެ މަސައްކަތް އެންސްޕާއިން ފަށައިފި

އިޖުތިމާއީ އެހީތެރިކަމާއި ގުޅުންހުރި ޕްރޮގްރާމްތަކުގެ ދަށުން ދެވޭ އެހީތަކަކީ ސީދާ އޭގެ ހައްގުވެރިންނަށް ލިބޭ އެހީތަކެއްކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ މޮނިޓަރިންގ މަސައްކަތްތައް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން އަލުން ފަށައިފިއެވެ.

ދިރިއުޅުމުގެ އެކި ހާލަތްތަކާ ގުޅިގެން އިޖުތިމާއީ އެހީތެރިކަމަށް އެދޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެންސްޕާގެ މައިގަނޑު އެއް މަސްއޫލިއްޔަތެވެ. މީގެ ތެރޭގައި ފަގީރު ހާލަތުގައި ދަރިން ބަލަހައްޓާ އެކަނިވެރި މައިން ނުވަތަ ބަފައިންނަށް ދެވޭ އެހީއާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ އެހީގެ އިތުރުން، މައިންބަފައިންގެ އެހީތެރިކަމެއް ނެތި ކުދިން ބަލަހައްޓާ ފަރާތްތަކާއި ކާބޯތަކެތި ގަތުމަށް ދަތިވާ ފަގީރު އާއިލާތަކަށް ދެވޭ މާލީ އެހީތެރިކަން ހިމެނެއެވެ.

އެންސްޕާގެ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެ އެޖެންސީގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވީ، އިޖުތިމާއީ އެހީ ފޯރުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މޮނިޓަރިންގގެ މަސައްކަތް ކަމަށެވެ. ނަމަވެސް 2020 ވަނަ އަހަރު އެ އިދާރާގެ މޮނިޓަރިންގ ސެކްޝަން އުވާލުމާ ގުޅިގެން، އެހީ ދެވޭ ފަރާތްތަކުގެ ހާލަތު ބެލުމުގެ ކަންކަން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝިރުނާ އިތުރަށް ވިދާޅުވީ، މޮނިޓަރިންގ ނިޒާމު ހުއްޓުމަކަށް އައުމުގެ ސަބަބުން އެހީގެ ހައްގުވެރި ނޫން ފަރާތްތަކަށްވެސް އެހީ ފޯރުކޮށްދެވި، ދައުލަތަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެހެންކަމުން، މިހާރު ފަށާފައިވާ މަސައްކަތުގެ ދަށުން އެހީއަށް އެދޭ ފަރާތްތަކުގެ ހާލަތު ގަވާއިދުން ބަލައި، ދައުލަތުގެ އެހީ ސީދާ އޭގެ ހައްގުވެރިންނަށް ފޯރުކޮށްދެވޭކަން ކަށަވަރު ކުރެވިގެންދާނެ ކަމަށް އެންސްޕާއިން ހާމަކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ ދައުލަތުގެ އެހީތެރިކަން އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް، ހަމަހަމަކަމާއެކު ފޯރުކޮށްދީ، އިސްރާފު ކުޑަކުރުމަށެވެ.

މިއަދު އޮންލައިން