މާލެ ސަރަޙައްދުން އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި ލިބޭ ފައިސާ މާލެ ސިޓީ ކައުންސިލުގެ ބަޖެޓުން އުނިކޮށް، އެ ފައިސާ ސަރުކާރަށް ލިބޭގޮތް ހަދައިދިނުމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ގޮވާލައްވައިފިއެވެ.
ވަޒީރު މިފަދައިން ގޮވާލެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މި މައުޟޫއާ ގުޅޭގޮތުން ސުވާލު ކުރެއްވީ މައްޗަންގޮޅި ދާއިރާގެ މެންބަރު އަހްމަދު ޒަމީރުއެވެ. މެންބަރު ޒަމީރު ފާހަގަކުރެއްވި ގޮތުގައި، ކައުންސިލުގެ ބަޖެޓު އެންމެ ފަހުން އިއުލާން ކުރިއިރު، މާލޭގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި 130 އާއި 140 މިލިޔަން ރުފިޔާއާ ދެމެދުގެ ބޮޑު އާމްދަނީއެއް ލިބޭކަން ވަނީ ހާމަވެފައެވެ. ނަމަވެސް އެ އަދަދަށް ފައިސާ ލިބުނު ނަމަވެސް، މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ އެއްވެސް ވިސްނުމެއް ކައުންސިލުގައި ނެތްކަމަށާއި، ފެންނަނީ ކައުންސިލުން މަގުތަކުގެ ގައު ނަގައި ގައު ފުރޮޅާ މަންޒަރު ކަމަށް ޒަމީރު ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން މާލޭގެ މަގުތައް ހެދުމަށް ގެންގުޅޭ ވިސްނުންފުޅަކީ ކޮބައިތޯ މެންބަރު ވަނީ ސުވާލު ކުރައްވާފައެވެ.
މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވީ، މާލެއާއި ހުޅުމާލެ ހިމެނޭހެން ގާތްގަނޑަކަށް 150 މިލިއަނެއްހާ ރުފިޔާ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ކަމަށެވެ. ނަމަވެސް ކައުންސިލުން މަގުތައް އެކަށީގެންވާ ގޮތެއްގައި ހަދައި، މަރާމާތުކުރުމަށް އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މަގު ހެދުމަކީ ކައުންސިލްގެ މައްޗަށް މަތިކޮށްފައިވާ ކަމެއް. ނަމަވެސް ސަރުކާރުން ތާރު އަޅާފައި ހުންނަ މަގެއް ކަނޑާލަން ހުއްދަ ދީ، އެތަން ހަލާކު ކޮށްލާފައި ދާއިރު އެ ތަން ރަނގަޅު ކުރުމުގެ ކެޕޭސިޓީވެސް ސިޓީ ކައުންސިލްގައި ނުހުރޭ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ވެހިކަލް ފީގެ ގޮތުގައި ލިބޭ ފައިސާ ސިޓީ ކައުންސިލަށް ލިބޭގޮތަށް އޮތުމުގެ ބަދަލުގައި، އެ ފައިސާ ސަރުކާރަށް ލިބޭގޮތަށް ބަދަލުކުރުމަކީ މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވިދާނެ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން އެ ފައިސާ ބޭނުންކޮށްގެން ސަރުކާރަށް މާލޭގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.