ބ. ކަމަދުއާއި ކުޑަރިކިލުގައި އަލަށް ބިނާކުރާ މިސްކިތްތަކުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް، މުއްދަތުގެ ތެރޭގައި ނިންމާލެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްވައިފިއެވެ.
ވަޒީރު މި ޔަޤީންކަން ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު، އެ ރަށްރަށުގެ މިސްކިތްތަކުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ކަމަދޫ މިސްކިތުގެ މަސައްކަތާ ގުޅޭގޮތުން ތަފްޞީލް ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިމަކީ ކުރިންވެސް މިސްކިތެއް ހުރި ބިމެއް ކަމަށެވެ. އަދި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ރިޢާޔަތްކޮށް، އީދު ބަންދާ ހަމައަށް ކުރިން ހުރި މިސްކިތް ބޭނުންކުރެވޭ ގޮތަށް ބަހައްޓައިދިނުމަށް ކަމަދޫ ކައުންސިލުން އެދިފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، އީދު ޗުއްޓީއަށްފަހު އެތަން ތަޅާލައި، ސާފުކުރުމުގެ މަސައްކަތް ނިންމައި، ޖޫން މަހުގެ 21 ވަނަ ދުވަހު އެ ބިން އެއްކޮށް ސާފުކޮށް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މަސައްކަތުގެ ތާވަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، ޖޫން 26 ގައި އައު މިސްކިތުގެ ގިބުލަޖެހުމުގެ މަސައްކަތް ނިމި، ޖުލައި 7، 2024 ގައި އަމަލީ މަސައްކަތް ފެށިފައިވާ ކަމަށެވެ.
"މިހާރު ކުރިއަށްދަނީ ތަނބުތައް ކޮންކްރީޓްކުރުމުގެ މަސައްކަތް. އެ މަސައްކަތް ނިންމަން ދިން 540 ދުވަސްތެރޭގައި މަސައްކަތް އެއްކޮށް ނިމޭނެ،" ވަޒީރު ވިދާޅުވިއެވެ.
ބ. ކަމަދޫގައި 300 މީހުންގެ ޖާގައިގެ މި މިސްކިތް އިމާރާތް ކުރުމަށް އެސް.އޭ.އެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ޒަމާނީ ފެންވަރަށް ބިނާކުރާ މި މިސްކިތުގައި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދުކުރެވޭނެ އިންތިޒާމާއި، ވުޟޫކުރާ ބައިގެ އިތުރުން ލައިބްރަރީއަކާއި ކުލާސްރޫމެއްވެސް ހިމެނޭނެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދެއްވަނީ ރަށްރަށުގައި ފެށިފައިވާ ދީނީ ބިނާތަކުގެ މަސައްކަތްތައް ހުއްޓުމެއްނެތްތޯ ކަށަވަރުކޮށް، އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންނަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ.