އެމްއެންޔޫގެ ދެ ފެކަލްޓީއަކަށް އައު ޑީނުން އައްޔަންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
އެމްއެންޔޫގެ ދެ ފެކަލްޓީއަކަށް އައު ޑީނުން އައްޔަންކޮށްފި

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ދެ ފެކަލްޓީއަކަށް އައު ޑީނުން މިއަދު އައްޔަންކޮށްފިއެވެ.

އެ ޔުނިވަރސިޓީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޑީނުން އައްޔަންކޮށްފައިވަނީ ފެކަލްޓީ އޮފް އާޓްސްއަށާއި، ފެކަލްޓީ އޮފް ހެލްތު ސައިންސަށެވެ.

ފެކަލްޓީ އޮފް އާޓްސްގެ ޑީންގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ޑރ. އައިމިނަތު ރިޔާޟްއެވެ. ޑރ. ރިޔާޟްއަކީ އެމްއެންޔޫގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެކަމަނާ އެންމެ ފުރަތަމަ ޔުނިވަރސިޓީއާ ގުޅިވަޑައިގަތީ 1992 ވަނަ އަހަރު އިންސްޓިޓިއުޓް އޮފް ހެލްތު ސައިންސަސްގެ ލައިބްރޭރިއަންގެ މަޤާމަށެވެ.

އޭގެ ފަހުން 15 އަހަރު ދުވަހު ލައިބްރަރީގެ އެކި މަޤާމުތަކުގައި، ޚާއްސަކޮށް ޗީފް ލައިބްރޭރިއަންގެ މަޤާމު އެކަމަނާ ފުރުއްވިއެވެ. މެދުކެނޑުމަކަށްފަހު 2018 ވަނަ އަހަރު އަލުން ޔުނިވަރސިޓީއާ ގުޅިވަޑައިގެން، ފެކަލްޓީ އޮފް އާޓްސްގެ ލެކްޗަރަރ އަދި ސީނިއަރ ލެކްޗަރަރގެ މަޤާމު އަދާކުރައްވާފައިވެއެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން އެކަމަނާ ހުންނެވީ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައެވެ.

އެމްއެންޔޫއިން ފާހަގަކުރި ގޮތުގައި ޑރ. އައިމިނަތު ރިޔާޟްއަކީ ޑިޕާޓްމަންޓްގެ ހެޑް (އެޗްއޯޑީ) އެއްގެ ހައިސިއްޔަތުން ފެކަލްޓީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ޔުނިވަރސިޓީގެ އެކި ކޮމިޓީތަކުގައި ބައިވެރިވެވަޑައިގެން، މުއައްސަސާގެ ކުރިއެރުމަށް އެކަމަނާ ވަނީ މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފެކަލްޓީ އޮފް ހެލްތު ސައިންސަށްވެސް ވަނީ އައު ޑީނަކު އައްޔަންކުރައްވާފައެވެ. މި ބަދަލުތަކަކީ ޔުނިވަރސިޓީގެ ހިންގުން ހަރުދަނާކޮށް، ތަޢުލީމީ ފެންވަރު މަތިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެމްއެންޔޫއިން ދެކެއެވެ.

މިއަދު އޮންލައިން