ބަލިމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގައި ފުރަތަމަ ފަހަރަށް "މެޑިކޭޝަން ސޭފްޓީ ޖެކެޓް" އާއި "ނޯ އިންޓަރަޕްޝަން ޒޯން" އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މިއަދު ތަޢާރަފްކޮށްފިއެވެ.
މި އައު ނިޒާމު އިފްތިތާޙްކުރުމާ ގުޅިގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ހާމަކުރި ގޮތުގައި، މިއީ ބަލިމީހުންނަށް ދެވޭ ފަރުވާގެ ފެންވަރު މަތިކުރުމަށާއި، ބޭސް ދިނުމުގައި ދިމާވެދާނެ އޮޅުންތައް މަދުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ޖެކެޓަކީ ނަރުހުން ބަލިމީހުންނަށް ބޭސް ތައްޔާރުކޮށްދޭ ގަޑީގައި ބޭނުންކުރާނެ ޖެކެޓެކެވެ.
އޭއީއެޗް އިން ވިދާޅުވީ، މިއަދަކީ އެ ހޮސްޕިޓަލުގެ "ޕޭޝަންޓް ސޭފްޓީ" ނުވަތަ ބަލިމީހުންގެ ރައްކާތެރިކަމުގެ ދަތުރުގައި އިތުރު ކުރިއެރުމެއް ލިބިގެންދިޔަ ދުވަހެއް ކަމަށެވެ. އަދި މިފަދަ މުހިންމު ނިޒާމެއް ރާއްޖޭގެ ހޮސްޕިޓަލްތަކުގެ ތެރެއިން އެންމެ ފުރަތަމަ ތަޢާރަފްކުރި ހޮސްޕިޓަލަށް ވުމަކީ އެ މުއައްސަސާއަށް ލިބުނު ފަޚުރެއްކަންވެސް އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.
މި ނިޒާމުގެ ދަށުން ކަނޑައެޅިފައިވާ "ނޯ އިންޓަރަޕްޝަން ޒޯން" ތަކުގައި ނަރުހުން ބޭސް ތައްޔާރުކުރަމުންދާއިރު، އެހެން މީހުންގެ ފަރާތުން ކުރިމަތިވާ މެދުކެނޑުންތައް މަދުވެ، މުޅި ސަމާލުކަން ބަލިމީހާއަށް ދޭންޖެހޭ ބޭހަށް ދިނުމަށް މަގުފަހިވެގެންދާނެއެވެ. މިއީ ބޭސް ދިނުމުގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ބޭނުންކުރަމުންދާ ކާމިޔާބު އުސޫލެކެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އަންނަނީ ދެކުނުގެ ސަރަހައްދުގައި ސިއްހީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި ތަޢާރަފްކުރެވުނު މެޑިކޭޝަން ސޭފްޓީ ޖެކެޓާއެކު، ބޭސް ދިނުމުގެ ސައްހަކަން އިތުރުވެ، ބަލިމީހުންނަށް ލިބޭ ޚިދުމަތުގެ އިތުބާރު ބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ.