ބޮޑުތަކުރުފާނުމަގު ފެހިކުރުމުގެ ގޮތުން އިތުރު ރުއް އިންދުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ބޮޑުތަކުރުފާނުމަގު ފެހިކުރުމުގެ ގޮތުން އިތުރު ރުއް އިންދުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

މާލޭގެ ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، އެ މަގު ފެހިކޮށް ރީތިކުރުމަށްޓަކައި އިތުރު ރުއް އިންދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

އެމްޓީސީސީން ސޯޝަލް މީޑިއާގައި ހިއްސާކުރި މަޢުލޫމާތެއްގައި ވިދާޅުވީ، ބޮޑުތަކުރުފާނުމަގު ފެހިކުރުމަށާއި، ދިވެހި ސަގާފަތާއި ތަރިކަ ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މާލޭ އުތުރު ބަނދަރުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މިހާރު ރުއް އިންދަން ފަށާފައިވާ ކަމަށެވެ.

މި މަސައްކަތަކީ މާލޭގެ ތިމާވެށި ހިތްގައިމުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރަށުތެރޭގެ މާހައުލު ރީތިކުރުމަށް ކުރިއަށްގެންދާ މުހިންމު އިސްނެގުމެކެވެ. އަދި މިއީ ދިވެހިވަންތަކަމާ ލާމެހިފައިވާ ގުދުރަތީ ރީތިކަން ސިޓީގެ މާހައުލުން ފެންނާނެހެން ކުރުމަށް ކުރެވޭ މަސައްކަތެއްކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

ސަރުކާރުން ކުރިއަށްގެންދާ މާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން، ބޮޑުތަކުރުފާނުމަގަށް ގެނެވޭ މި ބަދަލާއެކު، މަގުގެ ހިތްގައިމުކަން އިތުރުވެ، ހިނގާބިނގާވެ އުޅޭ މީހުންނާއި ދަތުރުވެރިންނަށް ފިނިކަމާއި ހިތްހަމަޖެހުން ލިބިގެންދާނެއެވެ.

މިއަދު އޮންލައިން