މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ޒިންމާ އަދާކުރުމަށް ކުރާ މަސައްކަތްތަކާމެދު ރައްޔިތުންގެ މެދުގައި ޝައްކު އުފައްދައި، ނުރަނގަޅު ތަސައްވުރެއް އުފެދޭގޮތަށް އެއްވެސް ފަރާތަކުން އަމަލު ނުކުރެއްވުމަށް އެ މުއައްސަސާއިން އިލްތިމާސްކޮށްފިއެވެ.
ކަސްޓަމްސްއިން މިކަމަށް އިލްތިމާސް ކުރައްވާފައިވަނީ، އެ ސާރވިސްއިން އަދާކުރާ ޤާނޫނީ ޒިންމާއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފަހަކަށް އައިސް ދައުރުވަމުންދާ ތަފާތު ވާހަކަތަކާ ގުޅިގެން ނެރުއްވި ނޫސްބަޔާނެއްގައެވެ.
އެ ބަޔާނުގައި ކަސްޓަމްސްއިން ވިދާޅުވީ، ދިވެހިރާއްޖެއަށް އެތެރެކުރާ މުދަލާއި، ފަސިންޖަރުންނާއި، އަދި ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު ބަލައި ފާސްކުރުމަކީ ރާއްޖޭގެ ކަސްޓަމްސް ޤާނޫނުގެ ދަށުން އެ ސާރވިސްއާ މަތިކުރެވިފައިވާ ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ. އަދި މި ޒިންމާ އަދާކުރުމުގެ ގޮތުން ރާއްޖޭގެ ބަނދަރުތަކުގައި ޤާއިމްކޮށްފައިވާ އެންމެހާ ވަސީލަތްތައް ބޭނުންކޮށްގެން މުދަލާއި އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާކަން އެ މުއައްސަސާއިން ފާހަގަކުރައްވައެވެ.
ކަސްޓަމްސްއިން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމާއި، ޤާނޫނާ ޚިލާފު ތަކެތި ރާއްޖެއަށް އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން، މިފަދަ މުހިންމު މަސައްކަތްތަކާ މެދު ރައްޔިތުންގެ މެދުގައި ނުބައި ތަސައްވުރެއް އުފެދޭ ފަދަ ވާހަކަތައް ނުފެތުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ނޫސްބަޔާނުގައި ކަސްޓަމްސްއިން ވަނީ އެ މުއައްސަސާއިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ކަނޑައެޅިފައިވާ ޤާނޫނީ އިމުގެ ތެރެއިން، ދެފުށް ފެންނަ ގޮތަކަށް ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.