ތެދެކެވެ. ރައީސް މައުމޫނުގެ ވެރިކަމުން ފެށިގެން ކޮންމެ ސަރުކާރަކަށްވެސް ކުރީ ސަރުކާރުގެ ދަރަންޏެއް ވާރުތަވެއެވެ. ދަރަނި އަދާކުރަން މަސައްކަތްކުރެއެވެ. އިތުރަށް ދަރަނިވެސް ނަގައެވެ.
މިކަމުގައި އިމުން ނައްޓާލައިގެން ދިއައީ އެމްޑީޕީގެ އެންމެ ފަހުގެ ވެރިކަމުގައެވެ. ދަރަނިމައްޗަށް ދަރަނިނެގީއެވެ. ދަރަނި ދެއްކުމުގެ ބައްދަލުގައި ކުރިކަމަކީ މުއްދަތުއިތުރުކޮށް ދަރަނިތައް ބަންޑެލިކުރީއެވެ. އެވަރުން ފުއްދައިލީއެއް ނޫނެވެ. އެމްއެމްއޭ ހުސްކޮށްލީއެވެ. ހުސްކޮށްލާފައި އިމެއްނެތި ފައިސާ ޗާޕްކުރީއެވެ. އެވަރުން ނުވެގެން ދައުލަތުގެ ފަންޑުތަކުގައި ހުރި ފައިސާކޮޅުވެސް ނަގައިހުސްކޮށްލީއެވެ.
ނަތީޖާއަކަށްވީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް ދަރަންޏެއް ވާރުތަވުމުގެ ބަދަލުގައި ދަރަނި ބަންޑެލިތަކެއް ވާރުތަވުމެވެ. ވީމާ ޖެހުނީ ހަރުދަނާ އިޤްޠީޞޯދީ ފިޔަވަޅުތަކެއް އަޅާށެވެ. އެޅި ފިޔަވަޅުތަކުގެ ރަނގަޅު ނަތީޖާވެސް އަންނަނީ ފެންނަމުންނެވެ.
ދަރަނިމައްޗަށް ދަރަނިވެރިވުން ހުއްޓިއްޖެއެވެ. ވާރުތަވީ ދަރިނިތައް އަދާކުރަމުން އެގެންދަނީ އިޤްޠިޞޯދަށް އެކަމުގެ އަސަރު އެންމެ ކުޑަކޮށް ކުރާނެ ގޮތްތަކަށް ރާވައިގެންނެވެ. ފައިސާޗާޕްކުރުން ފުރަތަމަ ދުވަހުވެސް ހުއްޓައިލިއެވެ. އެމްއެމްއޭއަށް އިތުރުވާން ފަށައިފިއެވެ. ހުސްވެފައި ހުރި ދައުލަތުގެ ފަްނޑުތަކަށް ފައިސާ މިލިއަނުން ޖަމާކުރެވެން ފަށައިފިއެވެ.
ތިމާއަށް އިޤްޠިޞޯދު މާމޮޅަށް އެނގޭކަމަށް ހެދިގެން މިއަދު ވާހަކަދައްކާ ގިނަ މީހުންނަކީ ދައުލަތުގެ މާލީ ޙާލަތު އިނދަޖައްސައިލި މީހުންނެވެ. އެއިރު އިސްމަޤާމުތަކުގައި ތިބެ ޒިންމާ އުފުލަންޖެހޭނެ މީހުންނެވެ. އެންމެ ރަނގަޅު ޢިބާރާތަކަށްވާނީ ރޯނު އެދުރުހެދިގެން ތިބެ ދައުލަތް ބަނގުރޫޓުކޮށްލި ޣައްދާރުން ކަމަށް ބުނުމެވެ.
އިޤްޠީޞޯދީ މައްސަލަތަކަށް ފާޑުކިޔަންވާނީ ތެދުވެރިންނެވެ. ޣައްދާރުންނެއް ނޫނެވެ. ރައްޔިތުންނަށް އޮޅުވާލަން ވާހަކަތައް ދެއްކިނަމަވެސް މިޙަޤީޤަތްތަކަކީ އެންމެންނަށް އެނގޭ ކަންކަމެވެ. ޤަބޫލުކުރަން ބޭނުންނުވެގެން އުޅެނީ ޣައްދާރުން ބާރުވެރިކުރުވުމުން ތިމާމެންނަށް މާލީ ބޮޑު މަންފާއެއް ކޮށްފާނެ ކަމަށް ޤަބޫލުކުރެވޭ މީހުންނެވެ. އެއީ ޤައުމާއި ރައްޔިތުންގެ ކުރިއެރުމަށް އެދޭ ބައެއް ނޫނެވެ.