ޖޫންމަހު އެންސްޕާގައި ރަޖިސްޓްރީކުރި ތެލަސީމިއާ ކުދިންގެ އަދަދު އިތުރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ޖޫންމަހު އެންސްޕާގައި ރަޖިސްޓްރީކުރި ތެލަސީމިއާ ކުދިންގެ އަދަދު އިތުރުވެއްޖެ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި ތެލަސީމިއާ ބަލި މީހުންގެ ގޮތުގައި ރަޖިސްޓްރީކުރާ މީހުންގެ އަދަދު ނިމިދިޔަ ޖޫން މަހުގެ ތެރޭގައި އިތުރުވެފައިވާކަން އެ އެޖެންސީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

އެންސްޕާއިން އާންމުކޮށްފައިވާ މާލީ އެހީގެ ތަފްސީލުތަކަށް ބަލާއިރު، ޖޫން މަހުގެ ތެރޭގައި އަލަށް 7 ކުއްޖަކު ވަނީ އެ އެޖެންސީގައި ރަޖިސްޓްރީކޮށްފައެވެ. ސަރުކާރުން ތެލަސީމިއާ ކުދިންނަށް ދޭ ޚާއްޞަ އެލަވަންސް ދޫކުރަން ފެށުމާ ގުޅިގެން، މި ބައްޔަށް ފަރުވާ ހޯދަމުންދާ ގިނަ ފަރާތްތަކުން އަންނަނީ އެންސްޕާގެ ދަފްތަރުގައި ރަޖިސްޓްރީވަމުންނެވެ.

މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ތެލަސީމިއާ ބަލި މީހުންނަށް މާލީ އެހީގެ ގޮތުގައި އެންސްޕާއިން ވަނީ ޖުމްލަ 1.05 މިލިޔަން ރުފިޔާ ދޫކޮށްފައެވެ. އަދި މިހާތަނަށް އެ އެޖެންސީގެ ދަފްތަރުގައި ރަޖިސްޓްރީވެގެން ތެލަސީމިއާއަށް ފަރުވާ ހޯދަމުންދާ މީހުންގެ ޖުމްލަ އަދަދު ވަނީ 526 އަށް އަރާފައެވެ.

މޯލްޑިވްސް ބްލަޑް ސަރވިސަސްގެ ރެކޯޑުތަކަށް ބަލާއިރު، މުޅި ރާއްޖޭގައި ތެލަސީމިއާ ދަފުތަރުގައި ޖުމްލަ 978 މީހުން ރެކޯޑުކުރެވިފައިވެއެވެ. އޭގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ 652 މީހުންނެވެ.

މި ބަލީގައި ރާއްޖޭގައި އެންމެ ގިނައީ 11 އަހަރާއި 20 އަހަރާ ދެމެދުގެ ކުދިންނެވެ. އެ އުމުރުފުރާގެ 215 ކުދިން ތިބިއިރު، ދެވަނައަށް އެންމެ ގިނައީ 21 އަހަރާއި 30 އަހަރާ ދެމެދުގެ މީހުން ކަމަށް ބްލަޑް ސަރވިސަސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާއާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަސައްކަތެކެވެ.

މިއަދު އޮންލައިން