މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ޝަހީދު ހުސެއިން އާދަމް ބިލްޑިންގުން ފެށިގެން ދޮށިމޭނާ ބިލްޑިންގާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ މިނިސްޓްރީ އޮފް ޑިފެންސްގެ ބޭނުންތަކަށް ޚާއްސަ ސަރަޙައްދެއްގެ ގޮތުގައި ސަރުކާރުން މިއަދު ކަނޑައަޅައިފިއެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި ސަރަޙައްދަކީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ ބޭނުމަށް ޚާއްސަކޮށްފައިވާ ސަރަޙައްދެއް ކަމަށެވެ. އެހެންކަމުން، މިއަދުން ފެށިގެން އެ ސަރަޙައްދުގެ އެއްގަމު ތޮއްޓަށް، ޑިފެންސް މިނިސްޓްރީގެ އުޅަނދުފަހަރު ފިޔަވައި އެހެން އެއްވެސް އުޅަނދެއް ކައިރިކުރުމަކީ މަނާކަމެއް ކަމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.
މާލޭގެ އުތުރު ފަރާތުގެ ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ ދަށުން، މިހާރު ވަނީ އެ ސަރަޙައްދުގެ ބޮޑު ބައެއް ތަރައްޤީކޮށް ނިންމައި އާންމުންނަށް ހުޅުވާލާފައެވެ. ކުރީން ވެސް މި ސަރަޙައްދުގެ ބައެއް ބޭނުންކުރަމުން އައީ ޑިފެންސް މިނިސްޓްރީގެ އުޅަނދުތަކަށް ޚާއްސަކޮށްގެންނެވެ. ނަމަވެސް، އައު ތަރައްޤީއާއެކު މިހާރު މި ވަނީ ރަސްމީކޮށް އެ ސަރަޙައްދުގެ އެއްގަމު ތޮށިގަނޑު އެ މިނިސްޓްރީގެ ބޭނުންތަކަށް ޚާއްސަކޮށްފައެވެ.
މި ނިންމުމަކީ މާލޭގެ ބަނދަރު ސަރަޙައްދު ތަރުތީބުކޮށް، ދައުލަތުގެ މުހިންމު އިދާރާތަކުގެ މަސައްކަތްތަކަށް ބޭނުންވާ ފަސޭހަކަން ހޯދައިދިނުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ.