ކައިވެނިކުރެވުން ލަސްވާނަމަ މިދުޢާކުރައްވާ!

ކިޔުމަށް ހޭދަވާނީ 1މ 46ސ
ކައިވެނިކުރެވުން ލަސްވާނަމަ މިދުޢާކުރައްވާ!

ޢާއިޝަތު ރަފާޙް ޢަލީ

 

މިއަދުވެސް އެންމެން އުޅެނީ އެއްގޮތަކަށް ނޫނެވެ. ކައިވެނި ނުކުރެވި ލަސްވާތީ ކަންބޮޑުވާ ބައަކާއި ކައިވެނި ރޫޅުމުން ދެވަނަ ކައިވެނި ނުކުރެވިގެން ކަންބޮޑުވާ މީހުން ބައިވަރެވެ. އެއިގެ ތެރޭގައި ތަޤްވާވެރިކަންމަތީގައި ކެތްތެރިވާ މީހުންވެސް ބައިވަރެވެ.  

ކައިވެނި ކުރެވޭނެ މަގު ފަހިވުން އެދިގެން ކުރާނެ ދުޢާއަކަށް ގިނަ ބައަކު އެދޭތީ މިގެނެސްދެނީ ދުޢާ ހިމެނޭ ލިޔުމެކެވެ. އިން ޝާ ﷲ  

ކައިވެންޏަށްޓަކައި ކުރެވޭ އެންމެ މާތް ދުޢާތަކުގެ ތެރޭގައި މޫސާ ޢަލައިހިއްސަލާމްގެ ކިބައިން އަޅުގަނޑުމެންނަށް ދަސްވި ދުޢާ ހިމެނެއެވެ. އެއީ މޫސާ ޢަލައިހިއްސަލާމް މަދްޔަންގައި ހުންނެވި ވަގުތެވެ. މޫސާ ޢަލައިހިއްސަލާމަށް ކުރެވުނު ކުށަކަށްފަހު، މިޞްރުން ފިއްލަވައިގެން ވަޑައިގެންނެވުނު ތަނާއެވެ. 

އެކަލޭގެފާނު އެއިރު ވަނީ އެކަނިވެރިވެ، އެހީތެރިއަކު ނެތި، ފިލައިގެން އުޅޭ ކުށްވެރިއެއްގެ ގޮތުގައެވެ. އަދި ދިރިއުޅުމުގައި ދެން އަޅުއްވަވާނެ ފިޔަވަޅަކާމެދު އެއްވެސް އިޚްތިޔާރެއް ނެތިފައެވެ. އެއަށްފަހު އެކަލޭގެފާނު ކުޑަ ހެޔޮ ކަންތައްކޮޅެއް ކުރެއްވުމަށްފަހު، ގަހެއްގެ ހިޔަލުގައި އަރާމުކޮށްލައްވަން އިށީންނެވިއެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި މި ދުޢާ ކުރެއްވިއެވެ. އެކަލޭގެފާނު ދެންނެވިއެވެ؛  

ޤަޞަޞް ސޫރަތުގެ 24 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

رَبِّ إِنِّي لِمَا أَنزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ

އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާއަށް ދެއްވި ކޮންމެ ހެވަކަށް ހަމަކަށަވަރުން، މިއަޅާވަނީ ބޭނުންވެގެންނެވެ.

އެކަލޭގެފާނު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކިބައިން ބޭނުންފުޅުވަނީ ކޮން އެއްޗެއްކަން ވަކިން ވިދާޅެއްނުވެއެވެ. ސަބަބަކީ އެކަލޭގެފާނު ބޭނުންފުޅުވާ ކަންކަމުގެ ލިސްޓު ވަރަށް ދިގުވުމުންނެވެ. ރައްކާތެރިކަމާއި، ކާބޯތަކެއްޗެވެ. ބޯހިޔާވަހިކަމެވެ. ކައިވެނި ކުރެއްވުމެވެ. 

މިދުޢާކުރެއްވެވުމުން ﷲ ތަޢާލާ އެހުރިހާ ބޭނުންތަކެއް ފުއްދަވައިދެއްވެވިއެވެ.


- ޑރ އުމަރް ސުލައިމާންގެ ދަރުސަކުން

- މިއަދުނޫސް

މިއަދު އޮންލައިން