އަޅުކަން ކުރުމަށްފަހު އެ އަޅުކަން ޤަބޫލުފުޅުކުރެއްވެވެވުން އެދިގެން ދުޢާކުރަންވާނެ!: ޝައިޚް ޢަބްދުއްރައްޒާޤް

ކިޔުމަށް ހޭދަވާނީ 2މ 22ސ
އަޅުކަން ކުރުމަށްފަހު އެ އަޅުކަން ޤަބޫލުފުޅުކުރެއްވެވެވުން އެދިގެން ދުޢާކުރަންވާނެ!: ޝައިޚް ޢަބްދުއްރައްޒާޤް

ޢާއިޝަތު ރަފާޙް ޢަލީ

 

ޞަޙާބީންގެ ޒަމާނުން ފެށިގެން މިއަދާ ހަމައަށް މުސްލިމުންގެ މެދުގައި ދެމިގެން އައިސްފައިވާ އާދައެއްގެ ގޮތުން، ޢީދުލްފިޠުރި ނުވަތަ ޢީދުލްއަޟްޙާގައި ބައްދަލުވުމުން، އެއްބަޔަކު އަނެއްބަޔަކަށް "ތަޤައްބަލަ ﷲ މިއްނާ ވައިންކުމް" (އޭ ﷲ، އަޅުގަނޑުމެންގެ ކިބައިންނާއި ތިބާގެ ކިބައިން ވެސް ޤަބޫލުކުރައްވާށިއެވެ.) މިފަދައިން ދުޢާކޮށް އުޅެއެވެ.

މިއީ ހަމަޔަޤީނުންވެސް ފުރިހަމަ މުއުމިނެއްގެ މުހިންމު ސިފައެކެވެ. އެގޮތުން، އޭނާގެ ޢަމަލުތަކުގެ މައްޗަށް ބަރޯސާނުވުމާއި، އަބަދުވެސް އޭނާގެ އަމިއްލަ ނަފްސު ފުރިހަމަކަނޫންކަމާއި ކުށްދެއްކުމަކީ މުއުމިނެއްގެ ސިފަތަކުގެ ތެރޭގައި ހިމެނެއެވެ. 

މުއުމިނަކު އޭނާގެ ޢަމަލުތައް ފުރިހަމަކުރުމަށް ގަދައަޅާ މަސައްކަތްކުރެއެވެ. ނަމަވެސް، ޢަމަލު ފުރިހަމަކުރެވުނު ކަމުގައިވިޔަސް، އެއީ އެކަންކަން ހަމަ ފުރިހަމައަށް ޤަބޫލުކުރެވޭނެކަމަށް އޭނާ ނުދެކެއެވެ. އަދިކިއެއްތަ، އޭނާ އުންމީދުކުރަނީ މާތް ﷲ އެކަން ޤަބޫލުކުރައްވާނެ ކަމަށެވެ. 

އަޅުގަނޑުމެންގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދުޢާފުޅުތަކުގެ ތެރޭގައި، ކޮންމެ ދުވަހަކު ފަތިސް ނަމާދަށްފަހު ސަލާމްދެއްވުމަށްފަހު، "އޭ ﷲ، މިއަޅާގެ ކިބައިން ހެޔޮ ޢަމަލު ޤަބޫލުކުރައްވާށިއެވެ" މިފަދައިން ވިދާޅުވުން ހިމެނެއެވެ. އެހެނީ ޢަމަލު ޤަބޫލުވެވޭވެސް އަދި ނުޤަބޫލުވެވޭވެސް އެވެ. އެހެންކަމުން، މާތް ﷲ ގެ އަޅާ އޭނާގެ ޢަމަލު ޤަބޫލުކުރެއްވުމަށް އުންމީދުކުރެއެވެ؛ އޭނާ ޢަމަލު ފުރިހަމަކުރުމަށް ގަދައަޅާ މަސައްކަތްކުރާ އިރު، ﷲ ގެ ހަޟްރަތުން އެ ޢަމަލު ޤަބޫލުކުރެއްވުމަށް އެދެއެވެ. 

މިގޮތުން، މި ދުޢާއަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ދުވާލަކު ތަކުރާރުކޮށް ކުރެވޭ ސުވާލެކެވެ؛ ޢަމަލު ޤަބޫލުކުރެއްވުމަށް އެދި ދުޢާކުރުމެވެ.

މިކަމާ ގުޅޭގޮތުން ދެ ރިވާޔަތެއް ވާރިދުވެފައިވެއެވެ. އެއް ރިވާޔަތަކީ 'ހެޔޮ ޢަމަލު' ޤަބޫލުކުރެއްވުމަށް އެދި ދުޢާކުރުމެވެ. އަނެއް ރިވާޔަތަކީ 'ޤަބޫލުކުރެވޭ ޢަމަލު' ޤަބޫލުކުރެއްވުމަށް އެދި ދުޢާކުރުމެވެ. މި ދެ ރިވާޔަތް ގުޅުވައިލުމުން ދޭހަވަނީ ޤަބޫލުކުރެވޭ ޢަމަލަކީ ހެޔޮ ޢަމަލުކަމެވެ. 

ހެޔޮ ޢަމަލު ބިނާވެފައިވަނީ މުހިންމު ދެ ކަމެއްގެ މައްޗަށެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް އިޚްލާޞްތެރިވުމާއި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ތަބާވުމެވެ. ﷲ އަށް އިޚްލާޞްތެރިވުމަކީ، ނިޔަތުގައި އެއްވެސް އުނިކަމެއް ނެތި، ހަމައެކަނި ﷲ ގެ ވަޖުހަފުޅަށްޓަކައި ޢަމަލުކުރުމެވެ. 

އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ތަބާވުމަކީ، ޢަމަލުތައް އަމިއްލަ އީޖާދުކުރުމުގެ މައްޗަކަށް ނުވަތަ އެދުންތަކުގެ މައްޗަކަށް ބިނާނުކޮށް، ސުންނަތްފުޅަށް އެއްގޮތަށް ކުރުމެވެ.

ސޫރަތުލް ކަހްފުގެ ނިމޭ އާޔަތުގައި، ޢަމަލު ޤަބޫލުކުރެއްވުމުގެ ޝަރުޠުތައް ހިމެނިފައިވެއެވެ. އެއީ ﷲ އަށް އިޚްލާޞްތެރިވުމާއި، ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ތަބާވުމެވެ.

 

- ޝައިޚް ޢަބްދުއްރައްޒާޤްގެ ދަރުސަކުން  

- މިއަދުނޫސް                

މިއަދު އޮންލައިން