ފާފައެއް ކުރެވިއްޖެނަމަ މިތަރުތީބުން ޢަމަލުކުރުމަށް އަވަސްވެގެންފި މީހާ އެވަނީ ކާމިޔާލިބިގެންފަ! އިން ޝާ ﷲ

ކިޔުމަށް ހޭދަވާނީ 2މ 41ސ
ފާފައެއް ކުރެވިއްޖެނަމަ މިތަރުތީބުން ޢަމަލުކުރުމަށް އަވަސްވެގެންފި މީހާ އެވަނީ ކާމިޔާލިބިގެންފަ! އިން ޝާ ﷲ

މަރްޔަމް ސާޖިދާ

 

އިންސާނަކަށްވީތީ ފާފަކުރުމާއި ކުށްކުރުމަކީ ވެދާނެކަމެކެވެ. ކޮންމެ އާދަމުގެ ދަރިއަކީވެސް ކުށްކުރެވޭނެ މީހެކެވެ. ނަމަވެސް، އެންމެ ހެޔޮ މީހަކީ، ކުށެއް ނުވަތަ ފާފައެއް ކުރެވެމުން، އެކަމާއި ދެރަވެ، އަވަހަށް ﷲގެ ޙަޟްރަތަށް އެނބުރި ރުޖޫޢަވާ މީހާއެވެ. ފާފައެއް ކުރެވޭ ހިނދު މާޔޫސްނުވެ، އަމަލުކުރަންވީގޮތް އިސްލާމްދީން އަޅުގަނޑުމެނަށްވަނީ ބަޔާންކޮށްދީފައެވެ.  

ތައުބާވުން އަވަސްކުރުން:

ފާފައެއް ކުރެވުމާއިއެކު އަވަސްވެގަންނަންވީ ތައުބާވުމަށެވެ. ތައުބާވުން ފަސްކުރުމަކީ ޝައިޠާނާގެ މަގެކެވެ. ޞައްޙަ ތައުބާއަކުން ތައުބާވުމަށް ތިން ޝަރުޠެއް ފުރިހަމަވާންޖެހެއެވެ.  

·      ކުރެވުނު ކަމަށް ހިތާމަކުރުން : ތިމާއަށް ފާފަކުރެވުނީތީ ހިތުގެ އަޑިން އެކަމާއި ދެރަވެ ހިތާމަކުރުމެވެ.

·      ފާފަކުރުން ވަގުތުން ހުއްޓާލުން: ކުރަމުންދިޔަ ނުބައި އަމަލު ވަގުތުން ހުއްޓާލައި އެކަމާއި ދުރުހެލިވުމެވެ.

·      އަލުން އެފާފަ ނުކުރުމަށް ޢަޒުމު ކަނޑައެޅުން: ދެން ދުވަހަކުވެސް އެ ފާފަ ނުކުރުމަށް ހިތުގެ އަޑިން ޢަޒުމުކަނޑައެޅުމެވެ.

ކުރެވުނު ފާފައަކީ މީހެއްގެ މުދަލަކަށް، އަބުރަށް ނުވަތަ ޖިސްމަށް ދެވުނު ގެއްލުމެއްނަމަ، މަތީގައިވާ ޝަރުތުތަކުގެ އިތުރުން ހަތަރުވަނަ ޝަރުޠެއް ފުރިހަމަކުރަންޖެހެއެވެ. އެއީ އަނިޔާ ލިބުނު މީހާގެ ކިބައިން މާފަށް އެދުމާއި، ދިން ގެއްލުމުގެ ބަދަލު ދިނުން ނުވަތަ މުދާ ރައްދުކުރުމެވެ.  

އިސްތިޣްފާރުކުރުން ގިނަކުރުން:

ﷲ ގެ ޙަޟްރަތުން ފާފަފުއްސެވުން އެދި ދުޢާކުރުމަކީ ހިތަށް ހަމަޖެހުން ލިބޭ ކަމެކެވެ. އިސްތިޣްފާރުކުރުމަކީ ކޮށްފައިވާ ފާފަތައް ފުއްސެވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ.  

سورة النساء ގެ 110 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

" ނުބައިކަމެއްކޮށް، ނުވަތަ، އެމީހެއްގެ އަމިއްލަ نفس އަށް އަނިޔާވެރިވެ، ދެން (އެއަށްފަހު) ފާފަފުއްސެވުން އެދި اللَّه ގެ حضرة އަށް ދަންނަވާމީހާ (ދަންނާށެވެ!) اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ކަލަކު ކަމުގައި އޭނާ ދެކޭނެއެވެ. (110)"

ހެޔޮ އަމަލުތަކުން ނުބައި އަމަލުތައް ފޮހެލުން: 

ފާފައެއް ކުރެވުމާއިއެކު ތައުބާވުމަށް ފަހު އަވަސްވެގަންނަންވީ، ހެޔޮ އަމަލެއް ކުރުމަށެވެ. ރަސޫލާ ﷺ މުޢާޛް ބިން ޖަބަލް رضي الله عنه  އަށް ކުރެއްވި ވަޞިއްޔަތެއްގައި ޙަދީޘް ކުރައްވާފައިވެއެވެ. " وأتبع السيئة الحسنة تمحها" (ތިރްމީޛީ)

މާނައީ: " އަދި ނުބައި އަމަލަކަށްފަހު ހެޔޮ އަމަލެއް ކުރާށެވެ. އޭރުން އެހެޔޮ އަމަލު، އެނުބައި އަމަލު ފޮހެލާނެއެވެ."  

މިގޮތުން، ޚާއްޞަކޮށް ކުރެވިދާނެ އެއް އަމަލަކީ ޞަދަޤާތް ދިނުމެވެ. އެހެނީ ޞަދަޤާތަކީ ފެނުން އަލިފާން ނިއްވާލާ ފަދައިން، ޞަދަޤާތުގެ ސަބަބުން ފާފަތައް ފޮހެވިގެންދާ އަމަލެކެވެ.  

އެހެންކަމުން އަޅުގަނޑުމެނަށް އޮތީ ފާފައެއް ކުރެވުނު ނަމަވެސް، މާޔޫސްނުވެ އަވަހަށް ތައުބާވުމަށް އަވަސްވެގަތުމެވެ. ހަމައެހެންމެ އަޅުގަނޑުމެންނަކީ އެނގުމާއި ނޭނގުމުގެ ތެރޭގައިވެސް ފާފަތަކަށް އަރައިގަނެވޭ ބަޔަކަށް ވީހިނދު ކޮންމެ ދުވަހަކީވެސް އަޅުގަނޑުމެން އިސްތިޣްފާރު ކުރުމުގައި ވަގުތުކޮޅެއް ހޭދަކުރާ ބައެއްކަމުގައި ވަމާތޯއެވެ. ފާފައެއް ކުރެވުމުން، އެއާއި ވިދިގެން ހެޔޮ އަމަލެއް ކުރުމަށް އަވަސްވެގަންނަ ބަޔަކަށް އަޅުގަނޑުމެން ވަމާތޯއެވެ.

މިއަދު އޮންލައިން