ހުއްދަނެތް ބައެއް އުފެއްދުންތައް ބާޒާރުގައި!: ބޭނުންކުރުމުގެ ކުރިން ސަމާލުވުމަށް އެމް.އެފް.ޑީ.އޭ އިން އިލްތިމާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 47ސ
ހުއްދަނެތް ބައެއް އުފެއްދުންތައް ބާޒާރުގައި!: ބޭނުންކުރުމުގެ ކުރިން ސަމާލުވުމަށް އެމް.އެފް.ޑީ.އޭ އިން އިލްތިމާސްކޮށްފި

ރާއްޖޭގެ ބާޒާރުގައި ހުއްދަނެތް ބައެއް އުފެއްދުންތައް އިޝްތިހާރު ނުކުރި ނަމަވެސް، ފިހާރަތަކުން ފަސޭހަކަމާއެކު ލިބެން ހުރިކަމުގެ ކަންބޮޑުވުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ފާޅުކޮށްފިއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި އެމް.އެފް.ޑީ.އޭގެ ފުޑް ކޮލިޓީ އެޝުއަރަންސްގެ ކޯޑިނޭޓަރ އާމިނަތު ޝަބާނާ އަލީ ވިދާޅުވީ، ރަސްމީކޮށް އިޝްތިހާރު ނުކުރި ނަމަވެސް ސިއްހީ ގޮތުން ހުއްދަ ނުހޯދާ ބައެއް އުފެއްދުންތައް ބާޒާރުގައި ދައުރުވަމުންދާ ކަމަށެވެ. އެހެންކަމުން، މިފަދަ ތަކެތި ގަނެ ބޭނުންކުރުމުގެ ކުރިން އެއީ ހަށިގަނޑަށް ކޮންމެހެން ބޭނުންތެރި އެއްޗެއްތޯއާއި އޭގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ އާންމު ރައްޔިތުން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝަބާނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި އެއްވެސް ބާވަތެއްގެ ކާބޯތަކެތީގެ އުފެއްދުމެއް އިޝްތިހާރު ކުރުމުގެ ކުރިން އެމް.އެފް.ޑީ.އޭ އަށް ހުށަހަޅައިގެން ހުއްދަ ހޯދުމަކީ މަޖުބޫރު ކަމެކެވެ. އެ އިދާރާއަށް ހުށަހެޅުމުން، އެ އުފެއްދުމަކީ ކަނޑައެޅިފައިވާ ސިއްހީ މިންގަނޑުތަކަށް ފެތޭ އެއްޗެއްތޯ ބަލައި ޗެކް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޚާއްޞަކޮށް ރާއްޖެއަށް ފުޑް ސަޕްލިމަންޓް އެތެރެކުރުމުގެ ކުރިން އެމް.އެފް.ޑީ.އޭގެ ހުއްދަ ހޯދަންޖެހޭނެކަން ފާހަގަކުރައްވަމުން ޝަބާނާ ވިދާޅުވީ، މިކަމުގައި އަމަލުކުރާ މައިގަނޑު ދެ އުސޫލަކީ ރަޖިސްޓަރީ ކުރުން ނުވަތަ ލިސްޓު ކުރުން ކަމަށެވެ. "ލިސްޓު ކުރުމުގެ ނިޒާމުގެ ތެރެއިން ރާއްޖެއަށް އެތެރެކުރާ ތަކެތީގެ ބާވަތްތަކާއި އެތެރެކުރާ މިންވަރު އަޅުގަނޑުމެންނަށް ދެނެގަނެވޭނެ،" ޝަބާނާ ވިދާޅުވިއެވެ.

އެމް.އެފް.ޑީ.އޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ފުޑް ސަޕްލިމަންޓުގެ ގޮތުގައި ބޭނުންކުރާ 8,000 އަށްވުރެ ގިނަ އުފެއްދުން ރާއްޖޭގައި ލިސްޓު ކުރެވިފައިވާ ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ. ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކަމާބެހޭ އިދާރާތަކުގެ ހުއްދަ ލިބިފައިވާ އުފެއްދުންތައް ބޭނުންކުރުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިރުޝާދު ދެއެވެ.

މިއަދު އޮންލައިން