އަންނަ އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށް ހުޅުމާލެ ފޭސް 2 ގައި މީޑިއަމް ސްޕީޑް ޕަވަރ ހައުސްއެއް ތަރައްޤީ ކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 47ސ
އަންނަ އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށް ހުޅުމާލެ ފޭސް 2 ގައި މީޑިއަމް ސްޕީޑް ޕަވަރ ހައުސްއެއް ތަރައްޤީ ކުރަނީ

މާލެ ސަރަޙައްދުގެ އާބާދީ އިތުރުވަމުންދާތީ، ކުރިއަށް އޮތް އަހަރުތަކުގެ ޕީކް ސީޒަނަށް ކަރަންޓުގެ ޚިދުމަތް ކަށަވަރުކުރުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީޑިއަމް ސްޕީޑް ޕަވަރ ހައުސްއެއް ތަރައްޤީކުރުމަށް ސްޓެލްކޯއިން ނިންމައިފިއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، މާލެ ސަރަޙައްދުގެ އާބާދީ އިތުރުވަމުންދާއިރު މިހާރުން މިހާރަށްވެސް ކަރަންޓުގެ ނިޒާމަށް ގެންނަންޖެހޭ މުހިންމު އަޕްގްރޭޑްތަކެއް ހުރި ކަމަށެވެ.

ޑރ. އަޒުވަރު ފާހަގަކުރެއްވި ގޮތުގައި، މީގެކުރިން ކޮންމެ އަހަރަކު އިތުރުވާ ކަރަންޓުގެ ޑިމާންޑަށް ހައްލެއް ހޯދުމަށް ބޭނުންކުރަމުން އައީ ހައި ސްޕީޑް ޖެންސެޓުތަކެކެވެ. ނަމަވެސް، އަންނަ އަހަރާއި 2028 ވަނަ އަހަރުގެ ޕީކް ސީޒަނަށް ދިގުދަމީ ހައްލެއް ހޯދުމުގެ ގޮތުން، ހުޅުމާލެ ފޭސް 2 ގައި މީޑިއަމް ސްޕީޑް ޕަވަރ ހައުސްއެއް ތަރައްޤީކުރުމަށް މިހާރު ވަނީ ޕްލޭންކުރެވިފައެވެ.

މާލެ ސަރަޙައްދުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލު ދެއްވަމުން ޑރ. އަޒުވަރު ވިދާޅުވީ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުމާލެ އިންޖީނުގެއާ އިންވެގެން 'ފިފްތު ޕަވަރ ޕްރޮޖެކްޓް' ގެ ދަށުން 70 މެގަވޮޓްގެ އިތުރު އިންޖީނުގެއެއް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަޝްރޫޢު ނިމުމުން ހުޅުމާލޭގެ ކަރަންޓު ކެޕޭސިޓީ 120 މެގަވޮޓަށް އިތުރުވެގެންދާނެއެވެ.

މީގެ އިތުރުން، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ޑިމާންޑަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން، އެ ސަރަޙައްދުގައި 20 މެގަވޮޓުގެ ވަގުތީ އިންޖީނުގެއެއް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަން މެނޭޖިންގ ޑިރެކްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ސްޓެލްކޯއިން މި ފިޔަވަޅުތައް އަޅަމުންދަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ކުރިއަށް އޮތް ތަނުގައި ކުރިމަތިވެދާނެ ކަރަންޓުގެ ދަތިކަމަށް ދުރާލާ ތައްޔާރުވުމުގެ ގޮތުންނެވެ.

މިއަދު އޮންލައިން