ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ބިން ކައުންސިލްގެ އިހުތިސާސުން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދިނުމަށް އިސްލާހެއް ހުށަހަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ބިން ކައުންސިލްގެ އިހުތިސާސުން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ދިނުމަށް އިސްލާހެއް ހުށަހަޅައިފި

ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ބިންތައް، ކައުންސިލްތަކުގެ އިހުތިސާސުން ވަކިކުރުމުގެ ފުރިހަމަ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. އަމިއްލަ މެންބަރެއްގެ ހައިސިއްޔަތުން އޭނާ މި އިސްލާހު ހުށަހެޅުއްވި މައިގަނޑު ސަބަބަކީ، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށްޓަކައި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުމެވެ. އަދި ދައުލަތުގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއާތުތައް މިހާރަށްވުރެ ހަރުދަނާކުރުމަކީވެސް މި ބިލުގެ މަގްސަދެކެވެ.

ލާމަރުކަޒީ ގާނޫނުގެ 56 ވަނަ މާއްދާއަށް ހުށަހަޅާފައިވާ މި އިސްލާހުގައި ބުނެފައިވަނީ، ކައުންސިލެއްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމެއްގައި ސަރުކާރުގެ މަޝްރޫއެއް ހިންގުމަށް ބޭނުންވާނަމަ، އެ ބިމެއް ކައުންސިލްގެ އިހުތިސާސުން ވަކިކުރުމަށް ނިންމުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް އޮންނާނެ ކަމަށެވެ. ވަޒީރުންގެ މަޖިލީހުން އެފަދަ ނިންމުމެއް ނިންމައި، ކަމާބެހޭ ގައުމީ އިދާރާއަކުން އެކަން ކައުންސިލަށް އެންގުމާއެކު، އެ ބިމެއް ކައުންސިލްގެ މިލްކިއްޔަތުން ވަކިވާނެއެވެ. އަދި އެ ބިމަކީ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަނަކަށް ބަދަލުވާނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ރަށެއް ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިންވެސް، ސަރުކާރުގެ މަޝްރޫއެއް ހިންގުމަށް ބިމަކަށް އެދިއްޖެނަމަ، ލަސްނުކޮށް އެ ބިމެއް ގައުމީ އިދާރާއާ ހަވާލުކުރަންވާނެ ކަމަށްވެސް މި އިސްލާހުގައި ވަނީ ހިމަނާފައެވެ.

މި އިސްލާހަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރަށްރަށުގައި ހިންގުމަށް ރާވާފައިވާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށް މަގުފަހިވެގެންދާނެ ބަދަލެއް ކަމަށް ބެލެވެއެވެ. މި ބިލު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާކުރުމުގެ މަރުހަލާއަށް ފޮނުވާފައެވެ.

މިއަދު އޮންލައިން