އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ މަސައްކަތްތައް ބައްޓަންކުރާނެ ގޮތުގެ އައު ސްޓްރެޓީޖިކް ޕްލޭން ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
މި ޕްލޭން އިފްތިތާޙްކޮށްދެއްވީ ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓު އިދާރާތަކުގެ މަހާސިންތާ ނިންމުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
2026 އިން 2029 އަށް އެކުލަވާލާފައިވާ މި ސްޓްރެޓީޖިކް ޕްލޭނަކީ އޮޑިޓް އޮފީހުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތާއި، އެ އޮފީހުން އެންމެ ބޮޑު ސަމާލުކަމެއް ދޭނެ ދާއިރާތަކުގެ ތަފްސީލީ މަޢުލޫމާތު ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ މުހިންމު ލިޔުމެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ، މި ސްޓްރެޓެޖީ އެކުލަވާލާފައި ވަނީ ޒަމާނީ، ބަރޯސާވެވޭ އަދި ނަތީޖާ ހާސިލްކުރެވޭނެފަދަ ތަސައްވުރަކާއެކުގައި ކަމަށެވެ. އަދި އައު ޕްލޭންގައި އިސްކަންދީފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ދައުލަތުގެ ދަރަނި ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާކުރުމާއި، ތިމާވެއްޓަށް އަންނަ ބަދަލުތައް ދެނެގަތުމުގެ އިތުރުން، ސަރުކާރުގެ އާއްމު ޕޮލިސީތައް ތަންފީޒްކުރެވޭ މިންވަރު ބެލުން ހިމެނޭކަން އޭނާ ފާހަަކުރެއްވިއެވެ.
"މިއަދަކީ ރާއްޖެއަށް ވަރަށް ޚާއްސަ ދުވަހެއް. އެއީ އަޅުގަނޑުމެން މި ތަޢާރަފްކުރަނީ ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ސްޓްރެޓީޖިކް ޕްލޭން. މި ޕްލޭން އެކުލަވާލާފައިވާނީ ޤައުމީ މަސްލަހަތު އިސްކޮށް، އާއްމުންނަށް އެންމެ ބޮޑަށް ފައިދާ ވާނެގޮތަށް ވިސްނުން ބަހައްޓައިގެން،" ހުސައިން ނިޔާޒީ ވިދާޅުވިއެވެ.
މި އައު ޕްލޭންގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކުގެ ހިސާބުތައް ބެލެހެއްޓުމާއި، ޖަވާބުދާރީކުރުވުމުގެ ނިޒާމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އުންމީދު ކުރެއެވެ.