ބ. ކިހާދުއާއި ކަމަދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތައް އަންނަ އަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު އަލީ ޝަރީފު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު، އެ ދެ ރަށުގެ ކަރަންޓުގެ ހާލަތާ ގުޅޭގޮތުން ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮނުއްވި ސުވާލުތަކަށް ދެއްވި ޖަވާބުގައެވެ. މެންބަރު މައުރޫފު ވަނީ ކިހާދުއާއި ކަމަދޫގައި އެ ވުޒާރާއިން ހިންގަމުންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ކަމަދޫގެ ކަރަންޓުގެ މަޝްރޫޢާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ވަޒީރު އަލީ ޝަރީފު ވިދާޅުވީ، އެ ރަށުގެ ކަރަންޓުގެ ޚިދުމަތް ފެންވަރު ރަނގަޅު ކުރުމަށްޓަކައި، މީގެ ކުރިން ފެނަކައިން ދެމުން އައި ޚިދުމަތްތައް ސްޓެލްކޯއަށް ބަދަލުކުރުމުގެ ހުރިހާ މަސައްކަތެއް މިދިޔަ ޖުލައި މަހުގެ 20 ވަނަ ދުވަހު ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން، ކަމަދޫ ބަނދަރު ސަރަހައްދުގެ ކަރަންޓު ކޭބަލް ނެޓްވޯކަށް ދިމާވެފައިވާ މައްސަލަތައްވެސް މިހާރު ހައްލުކުރެވިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ރަށުގެ ކަރަންޓުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ކަމަދޫގެ ޑިމާންޑާ އެއްވަރަށް ކަރަންޓު އުފެއްދުމުގެ ގާބިލުކަން މިހާރު ހުރި ނަމަވެސް، ރަށުގައި ގާއިމުކޮށްފައިވާ ކަރަންޓު ވިއުގަ މިހާރުގެ ލޯޑަށް ނުކެތުމުގެ ސަބަބުން ވޯލްޓޭޖް ދަށްވުމާއި ކޭބަލްތައް އޯވަލޯޑްވުމުގެ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ރަށުގެ ކޭބަލް ނެޓްވޯކް އަޕްގްރޭޑްކުރުމަށް ބޭނުންވާ ސާވޭއާއި ޑިޒައިންގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ރަށްރަށުގެ އަސާސީ ޚިދުމަތްތައް ތަރައްގީކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ގިނަ މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ. އެގޮތުން ކަރަންޓުގެ ޚިދުމަތަކީ މެދުކެނޑުމެއްނެތް، އިތުބާރު ހުރި ޚިދުމަތަކަށް ހެދުމަށް މި ސަރުކާރުން ބޮޑު އިސްކަމެއް ދެއެވެ.