ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން އަދާކުރަންޖެހޭ ޤާނޫނީ މަސްއޫލިއްޔަތުތަކާއި ޒިންމާތަކަށް ހުރަސްނޭޅުމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން އިލްތިމާސް ކުރައްވައިފިއެވެ.
އެންއައިސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ކުރާ މަސައްކަތްތަކާމެދު ރައްޔިތުންގެ މެދުގައި ޝައްކާއި ނުރަނގަޅު ތަސައްވުރު އުފެދޭގޮތަށް ސޯޝަލް މީޑިއާގައި ވާހަކަތައް ދައުރުކުރަމުންދާ ކަމަށެވެ. މިއީ އެ ކޮމިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ.
އެ ކޮމިޝަނުން ވިދާޅުވީ، ތަންފީޒީ އިދާރާތަކުން ކުރާ މަސައްކަތަކީ ޤައުމުގެ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކުރަމުންދާ އަގުހުރި މަސައްކަތްތަކެއް ކަމަށެވެ. އެހެންކަމުން، އެ އިދާރާތަކުގެ މަސައްކަތްތަކަށް ހުރަސްނާޅައި، ޤާނޫނު ތަންފީޒު ކުރުމުގައި ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް ހުރިހާ ފަރާތްތަކަށް ވަނީ ގޮވާލައްވާފައެވެ.
ތަންފީޒީ އިދާރާއަކުން ނުވަތަ އެފަދަ އިދާރާއެއްގެ މުވައްޒަފަކު ޤާނޫނާއި ޤަވާއިދާ ޚިލާފު އަމަލެއް ހިންގާކަމަށް ތުހުމަތު ކުރެވޭނަމަ، އެ މައްސަލައެއް ބަލައިދިނުމަށް އެދި އެންއައިސީއަށް ހުށަހެޅުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް އޮންނާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ. މިފަދަ މައްސަލަތައް ތަހުގީގު ކުރުމަކީ ޤާނޫނުން އެ ކޮމިޝަނާ ހަވާލުކޮށްފައިވާ މައިގަނޑު މަސްއޫލިއްޔަތެކެވެ.
އެންއައިސީގެ ބަޔާން ނިންމާލަމުން ވަނީ، ތަންފީޒީ އިދާރާތަކުގެ މުވައްޒަފުންވެސް އެމީހުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ޤާނޫނީ އިމުގެ ތެރެއިން އަދާކުރުމުގައި ދެމިތިބުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި އެފަދަ އެއްވެސް މައްސަލައެއް ފާހަގަކުރެވޭނަމަ، ރަސްމީ ނިޒާމުގެ ތެރެއިން ކޮމިޝަނަށް ހުށަހެޅުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.