އުކުޅަހުގައި ޤާއިމްކުރި އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް ނިންމާ ރަސްމީކޮށް ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
އުކުޅަހުގައި ޤާއިމްކުރި އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް ނިންމާ ރަސްމީކޮށް ހުޅުވައިފި

އއ. އުކުޅަހުގައި މި ސަރުކާރުން ޤާއިމްކުރި އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް ނިންމާ، އެ ކޯޓު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މި ކޯޓު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އުކުޅަހުގެ ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ މި މަޝްރޫޢަކީ ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ. މި މަސައްކަތް ނިންމާލާފައި ވަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކަމަށް ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ދެއެވެ.

މި ވޮލީކޯޓު ޤާއިމްކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން ޖުމްލަ 1,359,163.58 (އެއް މިލިއަން ތިން ލައްކަ ފަންސާސް ނުވަހާސް އެއްސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ފަންސާސް އަށް ލާރި) ޚަރަދުކޮށްފައިވެއެވެ.

މި އައުޓްޑޯ ވޮލީކޯޓު ހުޅުވުމާއެކު، އުކުޅަހުގެ ޒުވާނުންނަށާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް އެކަށީގެންވާ ރަނގަޅު މާޙައުލެއްގައި ވޮލީ ކުޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިއީ ރަށްރަށުގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނިންމާލެވުނު މުހިންމު މަޝްރޫޢެކެވެ.

މިއަދު އޮންލައިން