ސިޔާސީ މަޤްޞަދެއް ޙާސިލްކުރުމަށްޓަކައި، ރާއްޖޭގެ ވިޔަފާރިތަކަށް އަމާޒުކޮށް ޤައުމީ އިޤްތިޞާދުގެ އިތުބާރު ނަގާލުމަށް އިދިކޮޅު އެމްޑީޕީގެ އިސްފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ގޮވާލައްވައިފިއެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައި ރާއްޖޭގެ ވިޔަފާރިތަކަށް ޓާގެޓްކޮށް، ޤައުމީ އިޤްތިޞާދުގެ އިތުބާރު ގެއްލުވާލުމަށް އެމްޑީޕީގެ އިސްފަރާތްތަކުންނާއި، ޚާއްޞަކޮށް ކުރީން ރާއްޖޭގައި ވެރިކަން ކޮށްފައިވާ ބައެއް ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ.
އެމްޑީޕީގެ ވެރިކަމުގައި އިޤްތިޞާދު އިޞްލާޙު ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، "އެމްޑީޕީއަށް ލިބުނު ފުރުސަތުގައި މިއިން ކަމެއް ރަނގަޅުކުރަން ކުރި އެންމެ ކަމެއްވެސް ދައްކަވާ! ނެތް،" ކަމަށެވެ. އަދި މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކުގެ އަސްލަކީ އެމްޑީޕީގެ ސަރުކާރުން ވަކި މިންވަރެއް ބެލުމެއް ނެތި ފައިސާ ޗާޕްކުރުން ކަމަށްވެސް ވަޒީރު ތުހުމަތު ކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މިހާރުގެ ސަރުކާރުން ދަނީ ކުރީ ސަރުކާރުން ފައިސާ ޗާޕްކުރުމުގެ ސަބަބުން ކުރިމަތިވި މައްސަލަތައް ފޫބެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން ދިވެހި ރައްޔިތުންގެ ބޮލުގައި އެޅިފައި އޮތް ބޮޑު ދަރަނިން ބައެއް ދައްކައި، ޤައުމަށް އިޤްތިޞާދީ ހަމަޖެހުން ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، އިދިކޮޅު ފަރާތްތަކުން އިޤްތިޞާދީ އިތުބާރު ނަގާލަން މަސައްކަތް ކުރުމަކީ "އަނެއްކާވެސް ހަދާ ބޮޑު ގޯހެއް" ގެ ގޮތުގައި ވަޒީރު ސަޢީދު ވަނީ ސިފަކުރައްވާފައެވެ.