ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ އަޅަކަށްވުމަށް ކުރަންޖެހޭ ހިތްވަރު މެކުހަށް ނުޖަހާ ސުވަރުގެ ވެދެވޭނެކަމަށް ހީވެސްނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 44ސ
ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ އަޅަކަށްވުމަށް ކުރަންޖެހޭ ހިތްވަރު މެކުހަށް ނުޖަހާ ސުވަރުގެ ވެދެވޭނެކަމަށް ހީވެސްނުކުރާށެވެ!

ތިމާއަށް އިސްކަން ދެވެނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަންކަމާއިމެދު ކޮންމެ މީހަކުވެސް އަމިއްލައަށް ވިސްނައިލުން ވަރަށް މުހިންމެވެ. އެއީ މީހަކަށް ޖެހޭނެ ހިސާބެއް ނޫނެވެ. އެހިށާބު ޖެހޭނީ އެމީހަކު އަމިއްލައަށެވެ. އެއީ ތިމާގެ ޙަޤީޤަތް އެންމެ ރަނގަޅަށް އެނގޭނީ ތިމާއަށް ކަމަށްވާތީއެވެ.  

ދުނިޔަވީ މިޘާލެއް ބުނެލާނަމެވެ! ވެރިއަކު މީސްތަކުންގެ ކުރިމައްޗަށް ނުކުމެއްޖެނަމަ ސަލާންކުރުމަށްޓަކައިވެސް ކިޔޫގެ އެންމެ ކުރިއަށް އަރަން މަސައްކަތްކުރެއެވެ. އެންމެ ކުރީ ސަފުން ޖާގަ ހޯދުމުގެ ބޭނުމުގައި އެތައް ގަޑިއެއްގެ ކުރިން ކިޔޫގައި މަޑުވެސް ކުރެއެވެ. އެތައް ގަޑިއިރެއް ވަންދެން ގަދައަވީގައި ހުންނަން ޖެހުނަސް އެއްވެސް ޝަކުވާއެއް ނުކުރެއެވެ. އެކަންވަނީ ކުރާހިތުން ޖޯޝާ ފޯރީގައި ކުރާކަމަކަށެވެ.  

އެހެންކަމަށްވާއިރު މިފަދަ ސަމާލުކަމެއް ﷲ ތަޢާލާ އާއި ކުއްތަންވުމަށް ނުދެނީ ކީއްވެގެން ހެއްޔެވެ؟ ނުދީ ސުވަރުގެ ހޯދޭނެ ކަމަށް ހީކުރަނީ ހެއްޔެވެ؟  

މީސްތަކުންނަށް ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ދެ ހާލަތެއް ފާހަގަކޮށްލާނަމެވެ. ފުރަތަމަ ޙާލަތަކީ ނަމާދުގައި ކުރާ ސަޖިދައެވެ. އަހަރެމެންނަށް ބަރާބަރަށް ސަޖިދަ ކުރެވޭ ހެއްޔެވެ؟ ސަޖިދަ ކުރެވުނު ނަމަވެސް މިއޮވެވެނީ ﷲ ތަޢާލާ އާއި ތިމާއަށް ކުއްތަން ވެވޭނެ އެންމެ ބޮޑަށް ކުއްތަން ވެގެންކަން ހިތަށް ގެނެވޭ ހެއްޔެވެ؟ ސަޖިދައިގައި ދުލުންކިޔާ ތަސްބީޙް ހިތުން ކިޔޭހެއްޔެވެ؟ މާނަ ހިތަށް ގެނެވޭ ހެއްޔެވެ؟  

ދެވަނަ ޙާލަތަކީ ރޭގަނޑުގެ 3 ބައިން ފަހުބައެވެ. އެބައިގައި ﷲ ތަޢާލާ ބިމުގެ އުޑަށް ވޮޑިގަންނަވައެވެ. އެއީ ދުނިޔެއާއި އެންމެ ގާތަށް ވޮޑިގަންނަވާ ޙާލަތެވެ. އެހެންކަމުން އެއީ މީސްތަކުންނާއި އެންމެ ގާތަށް ވޮޑިގަންނަވާ ޙާލަތެވެ. ވަގުތެވެ. އަދި 3 ވަނަ އުޑަށް ފައިބައިވޮޑުގަތުމަށްފަހު "ތިމަން ﷲގެ ޙަޟްރަތުން ކަންކަމުގައި އެދި ދަންނަވާ ބައަކީ ކޮބައިތޯ އެބަ ސުވާލުކުރައްވަވައެވެ.  

އަހަރެމެން ކޮބައި ހެއްޔެވެ؟ ތިބެނީ ގަދަ ނިދީގައި ނިދާފައި ނޫން ހެއްޔެވެ؟ ނޫން ނަމަ ﷲ ތަޢާލާ ނަހީކުރައްވަވާފައި ކޮންމެވެސް ކަމެއް ކުރުމުގައި ޣާފިލުވެގެން ނޫންހެއްޔެވެ؟ އެވަގުތުގެ ބަރަކާތް ޙާޞިލުކޮށް ﷲ ތަޢާލާ އަށް އަޅުކަންކޮށް ދުޢާކުރަން ތިބެނީ ހާހަކުން އެންމެ މީހަކު ނޫން ހެއްޔެވެ؟ ނަމަވެސް ހެނދުނު ވުމުން ނިދީން ހޭލާފައި މިއެދެނީ ﷲ ތަޢާލާގެ ރަޙްމަތްފުޅަށް ނޫން ހެއްޔެވެ؟  

ނިކަން ވިސްނައިލަބަލާށެވެ! ރަސްގެފާނު ހަދިޔާ ހިއްޕަވައިގެން މިރޭގެ ވަކި ވަގުތެއްގައި ވަޑައިގަންނަވާކަން އެބަ އެނގެއެވެ. ނަމަވެސް ރަސްގެފާނު ވަޑައިގެން ޓަކިޖެއްސެވުމުންވެސް ތިބާ ނުހޭލަމުއެވެ. ދޮރު ހުޅުވައި ހަދިޔާ ލިބިގަންނަން މަސައްކަތެއް ނުކުރަމުއެވެ. ދެން ނިދީން ހޭލެވުމާއިއެކު ރަސްގެފާނު ބެއްސެވި ހަދިޔާ ނުލިބިގެން ޝަކުވާ ކުރެވިދާނެހެއްޔެވެ؟ އަދި އަދި އެ ހަދިޔާއަށް އެދެވިދާނެ ހެއްޔެވެ؟  

ރޭއަޅުކަމަށް ހޭލައި އަޅުކަންކުރުމާއިމެދުވެސް ބަލަންވީ ހަމަ މި އުޞޫލުންނެވެ! ނިދީން ޙޭލައި އެމީހަކު ބޭނުންވާ ކަންކަމަށް އެދެން އެވަޙީކުރައްވަވަނީ ﷲ ތަޢާލާއެވެ. އެކަން ނުކޮށްފައި ދެން ކުރެވޭނީ ކޮން ޝަކުވާއެއް ހެއްޔެވެ؟  

މީސްތަކުންނޭވެ! މިއީ މިއަދު ހަމަ ހުރިހާ މުސްލިމުންވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހިފައިވާ ކަމެކެވެ. ހުރިހާ މުސްލިމުން ކަމަސް މިބުނީ ކުރިން ބުނި ފަދައިން މިކަމަށް ސަމާލުކަން ދޭ މުސްލިމުންގެ އަދަދު މަދުކަމުންނެވެ! ޤިޔާމަތް ދުވަހު ސުވަރުގެ ލިބުމަށް އެދޭނަމަ މިކަމަށް އިތުރަށް ސަމާލުވާން އެބަ ޖެހެއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން