ޗައިނާ ސަރުކާރާއި ދިވެހިރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދާ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހާއްސަ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތަކާއި ފަނިފަކުސައިގެ ނުރައްކަލުން ސަލާމަތްކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި ތަމްރީންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 2 އިން 6 އަށް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައެވެ. މި ތަމްރީނުތައް ކުރިއަށް ގެންދަނީ ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސްގެ ފަންނީ މާހިރުންގެ ބެއްލެވުމުގެ ދަށުންނެވެ. އިނގިރޭސި ބަހުން ކުރިއަށްގެންދާ މި ތަމްރީނުތަކުގައި ތިއަރީ ބައިތަކުގެ އިތުރުން އަމަލީ މަސައްކަތްތައް ވެސް ހިމެނެއެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ގުދުރަތީ ދިރުންތައް ބޭނުންކޮށްގެން ޕެސްޓު ކޮންޓްރޯލުކުރުމުގެ އުކުޅުތައް ދަސްކޮށްދިނުމެވެ. މީގެ އިތުރުން ގަސްގަހާގެއްސަށް ގެއްލުންދޭ ފަނިފަކުސައާއި ބަލިތައް އިދާރީ ގޮތުން ކޮންޓްރޯލުކުރާނެ ގޮތްތަކުގެ މައުލޫމާތު ބައިވެރިންނަށް ފޯރުކޮށްދެވޭނެއެވެ.
މި ތަމްރީނުގެ ތެރެއިން ރުއްތަކަށް ބޮޑެތި ގެއްލުންތަކެއް ދޭ ކޮކޮނަޓް ލީފް ބީޓްލް (ކުދި ރުކުމަޑި) ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހާއްސަ ސަމާލުކަމެއް ދެވޭނެއެވެ. އެގޮތުން މި މަޑިތަކަށް ހަމަލާދޭ ސޫތްޕެއް ކަމަށްވާ އެސިކޯޑްސް ހިސްޕިނާރަމް އާއި ޓެޓްރަސްޓިކަސް ބްރޮންޓިސްޕާ އާލާކުރުމަށް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ގާއިމުކޮށްފައިވާ ލެބްގައި ކުރިއަށްދާ ފަންނީ މަސައްކަތްތައް ބައިވެރިންނަށް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ހަރުދަނާކޮށް، ހާއްސަކޮށް ރުއްތަކަށް ދިމާވެފައިވާ ފަނިފަކުސައިގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.