ކުރިއަރާ ގޮސްފައިވާ ޤައުމުތަކުން ފެންނަ މަންޒަރަކީ ޤައުމަށް ފައިދާހުރި ކަންކަމުގައި އެންމެން އެއްބަސްކިޔުން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
ކުރިއަރާ ގޮސްފައިވާ ޤައުމުތަކުން ފެންނަ މަންޒަރަކީ ޤައުމަށް ފައިދާހުރި ކަންކަމުގައި އެންމެން އެއްބަސްކިޔުން: ރައީސް

ކުރިއަރާ ގޮސްފައިވާ ޤައުމުތަކުން ފެންނަ މަންޒަރަކީ ޤައުމަށް ފައިދާހުރި ކަންކަމުގައި އެންމެން އެއްބަސްކިޔުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އއ. އުކުޅަހުގައި ބޭއްވި ޕީއެންސީގެ ޖަގަހަ ޖަލްސާގައި ވާހަކަފުުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ޤައުމަށް ފައިދާހުރި ކަންކަމުގައި އެންމެން އެއްބަސްކިޔަން ޖެހޭ ކަމަށާ އެއީ ތަހުޒީބުވެ ކުރިއަރާފައިވާ ޤައުމުތަކުން ފެންނަ ރީތި ނަމޫނާއެއް ކަމަށެވެ. ނަމަވެސް ރާއްޖެއިން އެކަން އެގޮތަށް ނުފެންނާތީ ހިތާމަކުރައްވާ ކަމަށާއި، ޤައުމު ހަލަބޮލިކުރަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސިޔާސީ ވިސްނުމުގައި ނުބައި އޮއިވަރެއްގެ ތެރެއަށް ނުދިއުމަށް އިލްތިމާސް ކުރައްވަމުން ރައީސް ވިދާޅުވީ، "އެ އޮއިވަރުގެ ތެރެއަށް ދީލާލައިފިނަމަ މި ގެނެސްދީފައިވާ ހަމަޖެހުން ގެއްލިގެން ހިނގައިދާނެ" ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަމާމެދު ރައްޔިތުން ވިސްނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ސިޔާސީ ހަމަޖެހުން ޤާއިމު ކުރެއްވުމަކީ އެމަނިކުފާނުގެ މުހިންމު ވަޢުދުފުޅެއް ކަމަށެވެ. އަދި މިހާރު ރާއްޖެއަކީ ބަދަލު ހިފުމުގެ ރޫހު އެއްކޮށް ނައްތާލައްވާ، ސިޔާސީ ހަމަޖެހުން އޮތް ޤައުމަކަށް ވެފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޖަލްސާގެ ބައިވެރިންނާ މުޚާތަބު ކުރައްވާ ރައީސް ވިދާޅުވީ، "އަޅުގަނޑު މުޅި ރާއްޖޭގެ އެންމެންގެ ކިބައިންވެސް އެދެނީ މިގޮތުގައި ކުރިއަށްދާށޭ. އޭރުން އަޅުގަނޑުމެންގެ ގައުމު އަނެއްކާވެސް ހަމަނުޖެހުމުގެ ތެރެއަށް ވައްޓާނުލެވޭނެ. އޭރުން އަޅުގަނޑުމެން އެ ފަނާކުރުމުގެ މަގުން ދާން އުޅޭ އުޅުމަކަށް ޖާގައެއް ނުލިބޭނެ،" ކަމަށެވެ.

މީގެ އިތުރުން، މިގޮތުގައި ކުރިއަށް ދިއުމުން ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ނުރައްކަލަށް ވައްޓާލުމުގެ ޖާގައެއް ނުލިބޭނެ ކަމަށާއި، އިޤްތިޞާދު އަނެއްކާވެސް އަނދަވަޅަކަށް ވެއްޓިގެން ދިއުމުގެ ފުރުސަތު ނުދެވޭނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މިއަދު އޮންލައިން