މާލީ ގޮތުން ދަތިތަކެއް ހުރިނަމަވެސް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައިދެއްވާނެ ކަމަށާއި، އެންމެ މުހިންމު މަޝްރޫޢުތައް މި ދައުރުގެ ތެރޭގައި ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހުގައި މިރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ޤައުމުގެ ޙާލަތު އޮތީ ހުރިހާ ދިމާއަކުން ވެސް ވަރަށް ކަންބޮޑުވާން ޖެހޭ ފަދަ ޙާލަތެއްގައި ކަމަށެވެ.
އިޤްތިސާދީ ގޮތުން ރާއްޖެ އޮތް ޙާލަތު ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ ދައްކަން ޖެހޭ ބޮޑު ދަރަނި ދައްކަމުން ވެސް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މަޝްރޫޢުތައް ކުރިއަށްދާ ކަަމަށެވެ. އަދި އަމާޒަކީ ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި އެ ރަށްތަކުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަން މި ދައުރުގެ ތެރޭގައި ނިންމެވުން ކަމުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ "އެންމެ މުހިންމު މަޝްރޫޢުތައް އިރާދަކުރެއްވިއްޔާ ހަމަ މި ދައުރުގެ ތެރޭގަ އަޅުގަނޑުމެން ނިންމާނަން," ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންފައިވާ އެންމެ ބޮޑު އެއް ވަޢުދަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާޢިމީ ޙައްލެއް ހޯދައިދިނުން ކަމަށެވެ. ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް މިހާރުވެސް ކުރިއަށްދާ ކަން ފާހަގަ ކުރައްވަމުން، މާލޭ ސަރަޙައްދުގައި 4,000 ހައުސިން ޔުނިޓްގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.