މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، ތިލަފުށީ ފަޅުތެރޭގައި ހުރި އުޅަނދުތަކާއި ތަކެތި ނެގުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
މިއީ މާލޭ ކޮމާޝަލް ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތުގެ ބައެއް ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.
އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ތިލަފުށީގެ މެދަށްވާ ގޮތަށް އޮންނަ ފަޅުގައި އަޅާފައިވާ އުޅަނދުތަކާއި، ދޫކޮށްލާފައިވާ ތަކެތީގެ އިތުރުން އަޑިއަށް ގޮސްފައިވާ އުޅަނދުތައް 7 ދުވަހުގެ ތެރޭގައި ނަގައި އެ ސަރަހައްދު ހުސްކުރަންޖެހޭނެ ކަމަށެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގައި ނުނަގާ ހުންނަ އުޅަނދުތަކާ މެދު އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އެ ކޯޕަރޭޝަނުން ވަނީ ދީފައެވެ.
ތިލަފުށީގައި ގާއިމުކުރާ ބައިނަލްއަގުވާމީ ބަނދަރު ތަރައްގީކުރުމުގެ މައިގަނޑު މަސައްކަތްތައް ސަރުކާރުން ހަވާލުކޮށްފައިވަނީ ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީއާއެވެ. މި މަޝްރޫއުގެ ދަށުން 1,000 މީޓަރަށްވުރެ ދިގު ބައިނަލްއަގުވާމީ ކީ-ވޯލްއަކާއި، މާލޭގެ އުތުރު ބަނދަރާއި ހުޅަނގު ދެކުނު ބަނދަރު ބޭނުންކުރާ އުޅަނދުތަކަށް ހާއްސަކޮށްގެން 2,000 މީޓަރުގެ ޑޮމެސްޓިކް ޓާމިނަލެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި، މުދާ އުފުލާ ބޭލުމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އަހަންމިއްޔަތުކަންދޭ އެންމެ ބޮޑު އެއް މަޝްރޫއެވެ.