ﷲ ތަޢާލާގެ ޙަޟްރަތުން އެންމެ މަތިވެރި ދަރަޖަ ހޯއްދެވި މިނިކަމެތި ޞަޙާބިއްޔާގެ ވާހަކައިން ޢިބްރަތް ޙާޞިލުކުރީމާ ކުރާނެ ފައިދާ ވަރަށް ބޮޑުވާނެ! އިން ޝާޜ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 14ސ
ﷲ ތަޢާލާގެ ޙަޟްރަތުން އެންމެ މަތިވެރި ދަރަޖަ ހޯއްދެވި މިނިކަމެތި ޞަޙާބިއްޔާގެ ވާހަކައިން ޢިބްރަތް ޙާޞިލުކުރީމާ ކުރާނެ ފައިދާ ވަރަށް ބޮޑުވާނެ! އިން ޝާޜ ﷲ

ތަނަވަސްކަން ލިބިގެންވާ މީހުން ޙައްޖުވެ ޢުމްރާވާ ޢަދަދު ގިނަވެދާނެއެވެ. ޞަދަޤާތްދޭ ޢަދަދުވެސް ގިނަވެދާނެއެވެ. ނަމަވެސް އެއީ ނިކަމެތިން މާޔޫސްވާން ޖެހެންވީ ސަބަބެއް ނޫނެވެ. އެމީހަކަށް ވެވުނު ވަރަކުން އެމީހަކަށް ކުރެވެންހުރި ހެޔޮ ޢަމަލުތައް ކުރަމުން ގެންދާނަމަ އެމީހަކަށް ހަމަ އެންމެ މަތިވެރި ދަރަޖަވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ  

މިރޭގެ ދަރުސްގައި ތިއަ ހުރިހާ އަޚުންނާއި އުޚުތުންނަށް މިކިޔައިދޭ ވާހަކައިން ޙާޞިލުކުރަން ޖެހޭ ޢިބްރަތަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި މީސްތަކުންގެ ޤަދަރު އުފުލިގެންދަނީ އެމީހާގެ ތަނަވަސްކަމާއި ނަސަބާއި ހަސަބަކުން ނޫން ކަމާއި ކިތަންމެ ނިކަމެތި މީހަކު ނަމަވެސް ﷲ ތަޢާލާއަށް އިޚްލާޞްތެރިވެ ލޯބިކޮށްފިނަމަ އެމީހެއްގެ ދަރަޖަ އުފުއްލަވައިދެއްވަވާނެ ކަމެވެ. އަދި އަންހެނަކަށްވެގެން ނުވަތަ ފިރިހެނަކަށްވެގެންވެސް ނޫންކަމެވެ. މިކަމަށް ވިސްނުމުގައި މީސްތަކުން މިއަދު މިވަނީ ވަރަށް ބޮޑަށް ޣާފިލުވެފައެވެ.  

މަސްޖިދުއްނަބަވީގައި ރަސޫލް (ﷺ) ގެ އަރިއަހުގައި އުޅުނު އަންހެނެކެވެ. އޭނާއަކީ މިސްކިތްކޮޅު ސާފުތާހިރުކޮށް ބެލެހެއްޓުމަށް ވަރަށް މަސައްކަތްކުރި އަންހެނެކެވެ. ކިތަންމެ ކުޑަ ކުނި ކޮޅެއް ވެއްޓިފައި އޮއްވާ ފެނުނަސް ވަގުތުން ނަގައެވެ. އޭނާ އޭނާގެ ހުރިހާ ސަމާލުކަމެއް ދެމުން ގެންދިއައީ މިސްކިތްކޮޅު ސާފުކޮށް ބެލެހެއްޓުމަށެވެ.

އޭނާގެ ޢާއިލާ މަދީނާގައި ނެތުމުން ރަސޫލް (ﷺ) ވަނީ އޭނާ ނިދައި ހެދުމަށް މިސްކިތް ކޮޅުގައި ކުޑަ ގެއެއް ވެސް އަޅުއްވައި ދެއްވަވައިފައެވެ. ޢައިޝަތުގެ ފާނު ކޮންމެ ދުވަހަކުހެން އޭނާއަށް ޒިޔާރަތް ކުރައްވަވައި އޭނާ އާއިއެކު ވަގުތު ކޮޅެއް ހޭދަ ކުރައްވަވައެވެ. އެގޮތުން ބައްދަލުވެވަޑައިގަންނަވާ ކޮންމެ ފަހަރަކު އޭނާ ޢައިޝަތުގެފާނަށް ޅެމެއް ކިޔައިދެއެވެ. އެޅެމުގައި ކިޔަނީ "ސްކާފްގެ ދުވަހެވެ. އެއީ ﷲ ތަޢާލާ މިންވަރު ކުރެއްވެވި ޢަޖައިބެއް ފަދަ ދުވަހެކެވެ. އެއީ ޖާހިލުކަމުން ﷲ ތައާލާ އަހަރެން ސަލާމަތް ކުރެއްވެވި ދުވަހެވެ." 

ކޮންމެ ދުވަހަކު އަންހެން މީހާ މި ޅެން ދަންނަވާތީ އެކަމުގެ ތަފްޞީލަކަށް ޢައިޝަތުގެފާނު އެދިވަޑައިގަތުމުން އޭނާ ދެންނެވިއެވެ.  

އަޅުގަނޑަކީ ބަދަވީންގެ މީހަކު ގެންގުޅުނު އަޅު އަންހެނަކީމެވެ. ސާޙިބު މީހާ ޢާއިލާ އާއިއެކު ކުރާ ދަތުރުތަކުގައި އަޅުގަނޑު ގެންދެއެވެ. އެގޮތުން ކުރި ދަތުރެއްގައި ގޮސް އުޅުމުގައި ސާހިބު މީހާގެ އަންހެން ދަރިފުޅު ގެންގުޅުނު ރަތްކަން ގަދަ ސްކާފެއް، އެ ކުއްޖާ ނިދާފައި އޮއްވާ މަތިން އައި ބާޒެއް ޖަހައިގަނެގެން ގެންދިއައެވެ.

ކުއްޖާއަށް ނިދިން ތެދުވެވުމާއިއެކު ސްކާފް ހޯދަން ފެށިއެވެ. ނުފެނުމުން އެންމެންވެސް ހީކުރީ އަޅުގަނޑު އެ ސްކާފް ފޮރުވައިގެން އުޅެނީ ކަމަށެވެ. އެހެންވެ އަޅުގަނޑާއި ސުވާލުކުރުމުން ބާޒެއް އައިސް ޖަހައިގަނެގެން ދިއައީ ކަމަށް ބުނީމެވެ. ނަމަވެސް އެއްވެސް މީހަކު އަހަރެން ދެއްކި ވާހަކަ ޤަބޫލެއް ނުކުރިއެވެ. އަޅުގަނޑަށް ތުހުމަތުކޮށް ވަރަށް ގިނަ އެއްޗެތި ކިޔެވެ. ވަގަށް ނަގައި ފޮރުވައިގެން އުޅެނީ ކަމަށްވެސް ބުންނެވެ. ދެކޮޅު ޖެހޭ ބުއްދި ޤަބޫލުކުރާ ޒާތުގެ ދޮގު ހެދުމަސްވެސް ބުންޏެވެ.  އަޅުގަނޑު ގެންގުޅޭހައި އެއްޗަކާއި އަޅުގަނޑުގެ ހަށިގަނޑު ބަލައި ފާސްކުރިއެވެ.  

އެކަމުގެ ތެރޭގައި އުޅެނިކޮށް ހަމަ އެދޫނި ސްކާފް ހިފައިގެން އައިސް އެތަނަށް ވައްޓައިލިއެވެ. އަހަރެން ހަދަނީ ތެދުކަން އެނގުނެވެ. އަދި އެކަމާއިމެދު އެންމެން ވަރަށް ބޮޑަށް ހައިރާންވިއެވެ. އަދި އެމީހުންނަށް ކުށެއް ކުރެވުނު ކަމަށް ޤަބޫލުކޮށް އަޅުގަނޑު މިނިވަން ކުރިއެވެ.  

މިނިވަންކުރި ނަމަވެސް ދާނީ ކޮންތަނަކަށްތޯއެވެ؟ އަޅުގަނޑަކީ ހަބުޝްކަރައިގެ އަންހެނަކީމެވެ. އަޅައިލާނެ އެއްވެސް މީހަކު ނެތް އަންހެނަކީމެވެ. އެދުވަސްވަރު ވަރަށް ގިނަ އަޅުންނާއި ނިކަމެތިން ރަސޫލް (ﷺ) ގެ އަތްޕުޅު މައްޗަށް އިސްލާމްވަމުންދާ ކަމުގެ ޚަބަރު އޮތީ ލިބިފައެވެ. އެހެންކަމުން އަޅުގަނޑު މަދީނާއަށް އައިސް އިސްލާމްވެ މިސްކިތްކޮޅުގައި ޚިދުމަތްކުރަން ފެށީއެވެ.

އޭނާގެ ވާހަކައަށް ޢައިޝަތުގެފާނު ވަރަށް ބޮޑު ސަމާލުކަމެއް ދެއްވެވިއެވެ. އަދި ރަސޫލް (ﷺ) އަބަދުވެސް އެ އަންހެން މީހާއަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވަވައެވެ. އެއީ އޭނާގެ ހެޔޮ އަމަލުތަކުގެ ސަބަބުން ﷲ ތަޢާލާ އޭނާދެކެ ވަރަށް ބޮޑަށް ލޯބިވެވޮޑިގަންނަވާކަން އެނގިވަޑައިގަންނަވާތީއެވެ. 

އެއްދުވަހު އޭނާ ފެނިވަޑައި ނުގަތުމުން ޞަޙާބީންގެ އަރިހުން އޭނާ ކޮބައިތޯ ސުވާލު ކުރެއްވެވުމުން ކުރީ ރޭ އޭނާ މަރުވުމުން ވަޅުލާފައިވާ ކަމުގައި ދެންނެވިއެވެ. އަދި އެއީ ދަންވަރުގެ ވަގުތު ކަމަށް ވުމުން ރަސޫލް (ﷺ) އަށް ނުދެންނެވުނީ ކަމަށްވެސް ދެންނެވިއެވެ. ހަޤީޤަތުގައި ޞަހާބީންނަށް އޭނާގެ މުހިންމުކަން އެނގިވަޑައި ނުގެންނެވީއެވެ.  

ރަސޫލް (ﷺ) އެކަމާއި ވަރަށް ބޮޑަށް ހިތްޕުޅާ ނުވިއެވެ. އިންތިހާއަށް ކަންބޮޑުވެވަޑައިގެންނެވިއެވެ. އަދި އޭނާގެ މަހާނަ ދެއްކުމަށް އެދިވަޑައިގެންނެވިއެވެ. ޞަހާބީން މަހާނަ ދެއްކުމުން އޭނާގެ މައްޗަށް ކަށުނަމާދު ކުރައްވަވައި ދެއްވެވިއެވެ. އެކަން ވެގެން ދިއައީ ވަރަށް ޚާއްޞަ ކަމަކަށެވެ. އެއް ފަސްގަނޑެއްގައި މިފަދައިން ދެފަހަރު ކަށު ނަމާދު ރަސޫލް (ﷺ)ގެ ޒަމާނުގައި ކުރެވުނު ހަމަ އެކަނި ފަހަރަކީ އެއީ ކަމުގައިވެގެންދިއުމުންނެވެ.  

ރަސޫލް (ﷺ) ކަށުނަމާދު ކޮށް ދެއްވެވުމަކީ އެ މީހެއްގެ މަހާނަ އަލިގަދަ ނޫރަކުން ދިއްލިގެންދާ ކަމެކެވެ. އެހެންކަމުން އެ ނޫރު އަންހެން މީހާއަށް ދެއްވަވަން ރަސޫލް (ﷺ) ބޭނުންފުޅުވެ ވަޑައިގަތީއެވެ. އޭނާއަކީ ކިތަންމެ ބޮޑު ނިކަމެއްޗެއް ނަމަވެސް އޭނާގެ ހުރި އީމާންތެރިކަމާ ތަޤްވާވެރިކަމުގެ ސަބަބުން އޭނާއަށް ލިބިގެން އެދިއައީ ކޮންފަދަ މަތިވެރި ދަރަޖައެއް ހެއްޔެވެ؟

 

- ބިލާލް އައްސަދުގެ ދަރުސްކުން

މިއަދު އޮންލައިން