ހުކުރު ދުވަހު ހޯދެން އޮތް އެންމެ ބޮޑުފައިދާއަށް ގިނަ ބައަކު ސަމާލުކަން ނުވެސްދޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ހުކުރު ދުވަހު ހޯދެން އޮތް އެންމެ ބޮޑުފައިދާއަށް ގިނަ ބައަކު ސަމާލުކަން ނުވެސްދޭ!

މިއީ ހަމަ ހަނދުމަކޮށްދިނުމެކެވެ.

ހަނދުމަކޮށްދިނުމަކީ އަހުރެމެންނާއި ﷲ ތަޢާލާ ޙަވާލުކުރައްވަވާފައިވާ ޒިންމާއަކަށްވާތީ މި އަދާކުރަނީ އެ ވާޖިބެވެ. ހުކުރު ދުވަހު ހޯދެން އެންމެ ބޮޑުފައިދާގެ މަތިން ގިނަ ބައަކު ހަނދާންވެސް ނުކުރާކަން ފާހަގަކުރަންޖެހޭތީއެވެ. 

މާދަމާއަކީވެސް ހުކުރު ދުވަހެކެވެ. ހުކުރުދުވަހުގައި އެވަޤުތެއްގައި ދުޢާކުރެވިއްޖެނަމަ ވަގުތުން ޢިޖާބަކުރައްވަވާނެ ވަގުތެއް ވެއެވެ. ގިނަ ޢިލްމުވެރިން ބުރަވެވަޑައިގަންނަވަނީ އެވަގުތުކޮޅު ހިމެނިގެންވަނީ ހުކުރު ދުވަހުގެ ޢަޞްރު ނަމާދުން ފެށިގެން އިރުއޮއްސުމާއި ދެމެދުގައި ކަމަށެވެ.  

އަރެމެންނަށް އޮތީ އެވަގުތުކޮޅު ހޯދަން މަސައްކަތްކުރުމެވެ. އެވަގުތުކޮޅުގައި ދުޢާކުރެވޭތޯ މަސައްކަތްކުރުމެވެ. ކާމިޔާބީއަކީ އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާ މީހުންގެ ޙައްޤެވެ. އިން ޝާ ﷲ  

ދުޢާކުރަން ކޮންމެހެން ވަކިތަނެއްގައި އިންނާކަށް ނުވަތަ ހުންނާކަށްވެސް ނުޖެހެއެވެ. އެމީހަކު ހުރި ކޮންމެތަނެއްގައި ހުރެގެންވެސް ދުޢާކުރެވޭނެއެވެ. މަސައްކަތްކުރަންވީ ހުކުރު ދުވަހު ވީހާގިނައިން ދުޢާކުރުމަށެވެ.  

ފުރަތަމަ ކަމަކަށް އެކަމަށް ރަނގަޅަށް ތައްޔާރުވާށެވެ! ފަތިސްނަމާދުން ފެށިގެން ނަމާދުތައްކުރާށެވެ! ޛިކުރުކުރާށެވެ! ވީހާ ކުރިއަކުން ހުކުރަށްދާށެވެ! ވީހާ ހެނދުނަކާ ކަހްފި ސޫރަތްވެސް ކިޔަވާށެވެ! ފަހުން ވަޤުތު ނުލިބިދާނެތީއެވެ. ވީހާ ގިނައިން ރަސޫލް ޞައްލަﷲ ޢަލައިހި-ވަސައްލަމަގެ މައްޗަށް ޞަލަޥާތްކިޔަވާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން