ބޭނުންވާ ކަންކަން ޙާޞިލުކުރެވުމުން އަޅުކަންކުރުން އިތުރުކުރުމުގެ ވިސްނުމަކީ ޝައިޠޯނާގެ ކިބައިން އަންނަ ވިސްނުމެއް! ޢަމަލުކޮށްފިނަމަ ގާތީ އާޚިރަތް ނުލިބުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ބޭނުންވާ ކަންކަން ޙާޞިލުކުރެވުމުން އަޅުކަންކުރުން
އިތުރުކުރުމުގެ ވިސްނުމަކީ ޝައިޠޯނާގެ ކިބައިން އަންނަ ވިސްނުމެއް!
ޢަމަލުކޮށްފިނަމަ ގާތީ އާޚިރަތް ނުލިބުން!


ބައެއް މީހުންގެ ގާތު، އެމީހުން އަޅުކަންކުރުން ގިނަނުކުރަނީ ކީއްވެގެންތޯ ސުވާލުކުރުމުން ބުނަނީ މަސައްކަތްބުރަކަމުން ކަމަށެވެ. މިވެނި އެވެނިކަމެއް ޙާޞިލުކުރެވުމުން އަޅުކަންކުރުން ގިނަކުރާނެ ކަމަށެވެ.  

ތިމާއަށް މިވެނި ކަމެއް ޙާޞިލުކުރެވުމުން އިތުރަށް އަޅުކަން ކުރުމުގެ ވިސްނުމަކީ ވަރަށް ނުބައި ވިސްނުމެކެވެ. އެއީ ޝައިޠޯނާގެ ކިބައިން އަންނަ ވިސްނުމެކެވެ. އެވިސްނުން ޝައިޠޯނާ ވިސްނައިދެނީ އޭނާ އުންމީދުކޮށްގެން ހުންނަ ވަޤުތު ޖެހުމުގެ ކުރިން މަރުވެއްޖެނަމަ އެމީހަކީ ﷲ ތަޢަލާގެ ޙަޟްރަތުގައި ފޭލްވެފައިވާ މީހަކަށްވާނެތީއެވެ.

ފުރަތަމަ ކަމަކަށް އެއްވެސް އިންސާނެއްގެ ހިތަކީ ފުރޭނެއެއްޗެއް ނޫނެވެ. އެއްކަމެއް ޙާޞިލުކުރެވޭ އިރަށް އެއަށްވުރެ ބޮޑު އެހެންކަމަކަށް އެދެވުމަކީ އިންސާނީ ޠަބީޢަތެވެ. އެކަން ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ.  

ނިކަން ބުނެބަލާށެވެ! ހެނދުނުންސުރެ ހަވީރުވާއިރު މިލިއަނުން ޑޮލަރު ލިބުނު ނަމަވެސް ހިތް ފުރޭ މީހަކު އެބަހުރި ހެއްޔެވެ؟ ނުފުރޭ ތަނުގައި އެންމެ ކުޑަމިނުން ފުދިއްޖެ ކަމަށް ދެކޭ ނުވަތަ ޤަބޫލުކުރާ ހަމައެކަކުވެސް އެބަހުރި ހެއްޔެވެ؟  

ވީމާ މިކަމުން އެނގެނީ އެއްވެސް މީހެއްގެ ހިތް ނުފުރޭނެ ކަމާއި އިތުރަށް ކުރަންހުރި މަސައްކަތް ހުސް ނުވާނެ ކަމެވެ. ލިބޭ މިންވަރު އިތުރުކުރަން އަބަދުވެސް ބޭނުންވާނެ ކަމެވެ.  

މީސްތަކުންނޭވެ! ވިސްނާށެވެ! ކުރާ މަސައްކަތުން ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމުގައި ވެވިއްޖެ ނަމަ އެމީހަކަށް އެވަނީ ކިތަންމެހައިވެސް ގިނަ ފައިސާ ލިބިފައެވެ. ނަމަވެސް އެ މުއްސަނދި ބިލިއަނަރު ވެސް މަރުވާނެއެވެ. ކައްވަޅުގެ ސުވާލުތައްވެސް ކުރިމަތިވާނެއެވެ. ޤިޔާމަތް ދުވަހު ހިސާބު ވެސް ބައްލަވާނެއެވެ.

މީޒާނުގައި އެމީހާގެ އަމަލުތައް ކިރިގެންދާ ވަގުތު އެމީހާއަކީ ދުނިޔޭގެ އެންމެ ބޮޑު ބިލިއަނަރު ކަމުގައިވީތީ ތިލަފަތުގައި ހެޔޮކަމުގެ ކޮޅަށް ޒައްރެއްގެ މިންވަރުވެސް ބަރެއް ނުވާނެއެވެ. ސުވަރުގެ ވަދެވޭނީ ތައުބާވެ ހެޔޮ އަމަލުކޮށްފައިވާ ނަމައެވެ.

ތައުބާވެ ﷲ ތައާލާގެ މަގަށް ރުޖޫޢަވާން ބޭނުންވާ މީހާ ހެޔޮ ޢަމަލުތައް ކުރުން މާދަމާއަށް ފަސް ނުކުރާށެވެ! މިއަދުކުރާށެވެ! ތައުބާވުމަކީ ވަކި ދުވަހެއް ބަލައިގެން ކުރަން އޮތް ކަމެއް ނޫނެވެ. ވީހައި އަވަހަކަށް ކުރަން ޖެހޭ ކަމެކެވެ. މަރު އައިސް ބައްދަލުކުރާނީ ކޮން ވަގުތަކުކަން ހަމަ އެކަކަށްވެސް ނުއެނގޭނެތީއެވެ. ފަހުން ގިނަ ހެޔޮ އަމަލުކުރަން މަޑުކޮށްގެން ހުއްޓާ ހުސްއަތާ ދުނިޔެއިން ނުކުންނަންޖެހޭ މީހުން މަދެއް ނޫނެވެ! ޤިޔާމަތް ދުވަހު އެމީހުންގެ ޙާލަކީ ކޮބައިހެއްޔެވެ؟ އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ! މަސައްކަތްކުރަންވީ ތިމާއަކީ އެފަދަ ބޮޑު ބަދުނަބީބްވެރިއަކަށް ނުވުމަށެވެ.


--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން