"ވޯލްކް އޮފް ލެގަސީ"ގެ މައިގަނޑު މަގުސަދަކީ މުއައްސަސާގެ މުއްސަނދި ތާރީޚު ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް އެ މައުލޫމާތުތައް ފޯރުކޮށްދިނުން ކަމުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީޙް ވިދާޅުވެއްޖެއެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މިފަދައިން ވިދާޅުވީ މޯލްޑިވްސް އިމިގްރޭޝަންގެ މުއްސަނދި ތާރީޚު ރަމްޒުކޮށްދޭ 'އިމިގްރޭޝަން ވޯލްކް އޮފް ލެގަސީ އިފްތިތާހު ކުރުމަށްޓަކައި ބޭއްވި ރަސްމިއްްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަޙްމަދު ފަޞީޙް ވަނީ މި މަޝްރޫއު ފުރިހަމަކުރުމަށް މަސައްކަތްކުރި ޓީމުތަކަށް ޝުކުރު އަދާކުރައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ތާރީހީ ލިޔެކިޔުންތަކާއި އާކައިވް މައުލޫމާތުތައް އެއްކޮށް ސައްހަކަން ކަށަވަރުކުރުމަކީ ބޮޑު މަސައްކަތެކެވެ.
އަދި މި "ވޯލްކް އޮފް ލެގަސީ" ގެ މައިގަނޑު މަގުސަދަކީ މުއައްސަސާގެ މުއްސަނދި ތާރީހު ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް އެ މައުލޫމާތުތައް ފޯރުކޮށްދިނުން. ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން
މިއީ ވޭތުވެދިއަ ހަތް ދަހަރުގެ ތެރޭގައި އިމިގްރޭޝަނުން ހާސިލުކޮށްފައިވާ މުހިންމު ކާމިޔާބީތަކާއި، މުއައްސަސާއަށް އައިސްފައިވާ ކުރިއެރުންތަކާއި މުއްސަނދި ތާރީހު ރައްކާތެރިކޮށް ދައްކުވައިދިނުމަށް ގާއިމުކުރި ތަނެކެވެ. ވެލާނާގޭގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އިމިގްރޭޝަންގެ ހެޑް އޮފީހުގެ ތެރޭގައި ދާއިމީ މައުރަޒެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ މިތަނުން ފެނިގެންދާނީ 1950 ވަނަ އަހަރު އިމިގްރޭޝަން އުފެދުނީއްސުރެ މިއަދާ ހަމައަށް މުއައްސަސާ ބައްޓަންކުރުމުގައި ހިއްސާވި ފަރާތްތަކާއި، ހޯދާފައިވާ ކުރިއެރުންތަކުގެ ފުރިހަމަ ތަސްވީރެވެ.
މި މައުރަޒުގައި 1950 އިން ފެށިގެން 2020 ގެ އަހަރުތަކާ ހަމައަށް މޯލްޑިވްސް އިމިގްރޭޝަންގެ ތާރީހު ތަރުތީބުން ފެންނަން ހުންނާނެއެވެ. މީގެ އިތުރުން 'ފްރޮމް ދަ އާކައިވް'ގެ ނަމުގައި ހާއްސަ ކުރެވިފައިވާ ބައިގައި، މުއައްސަސާގެ ކުރީގެ ފޮޓޯތަކާއި، އިމިގްރޭޝަންގެ ކުރިއެރުމަށް މަސައްކަތްކުރެއްވި އޮފިސަރުންގެ ހަނދާންތައް ދައްކައިދެއެވެ.
އަދި ރާއްޖޭގެ އެކި ސަރަހައްދުތަކަށް އިމިގްރޭޝަންގެ ހިދުމަތްތައް ފުޅާވެފައިވާ މިންވަރާއި، މިހާރު ދިވެހި ޕާސްޕޯޓުގެ ހިދުމަތް ލިބެން ހުރި ރަށްތައް އަންގައިދޭ ޗާޓެއް ވެސް މިތަނުގައި ހިމެނެއެވެ.
މީގެ އިތުރުން، އިމިގްރޭޝަންގެ މައިގަނޑު މަސްއޫލިއްޔަތުތައް ކަމަށްވާ ޕާސްޕޯޓުގެ ހިދުމަތް، ވައިގެ މަގުންނާއި ކަނޑުގެ މަގުން ރާއްޖޭގެ ބޯޑަރު ބެލެހެއްޓުން، އިންޓެލިޖެންސް އޮޕަރޭޝަންތައް، ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތްތައް އަދި ވިސާގެ ހިދުމަތްތަކާ ގުޅޭ ހާއްސަ ބައިތަކެއް ހިމެނެއެވެ.
މި ބައިތަކުން އެ ހިދުމަތްތަކަށް އައިސްފައިވާ ބަދަލުތަކާއި ތާރީހީ މައުލޫމާތުތައް ލިބިގެންދާނެއެވެ. 'އެޗީވްމަންޓް ގެލެރީ' އިން މުއައްސަސާގެ ބޮޑެތި ކާމިޔާބީތައް ފާހަގަކޮށްފައިވާއިރު، އެންމެ ފަހު ބައިގައި އަލިއަޅުވާލާފައިވަނީ ރައްޔިތުންނަށް އަވަސް ހިދުމަތެއް ފޯރުކޮށްދިނުމަށް މިހާރު ބޭނުންކުރަމުންދާ ޒަމާނީ ޑިޖިޓަލް ވަސީލަތްތަކުގެ މައްޗަށެވެ.
މި ރަސްމިއްޔާތުގައި އިމިގްރޭޝަނަށް ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށްފަހު ރިޓަޔަރ ކުރައްވާފައިވާ ބޭފުޅުން ބައިވެރިވެވަޑައިގެން، އެބޭފުޅުންގެ ހިދުމަތުގެ ދުވަސްވަރުގެ ހަނދާންތައް އާކުރެއްވިއެވެ. އަދި މުއައްސަސާގައި މެދުނުކެނޑި 28 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވަމުންދާ އޮފިސަރުން ވެސް މި ހަފުލާގައި ބައިވެރިވިއެވެ.
މި މައުރަޒަކީ މޯލްޑިވްސް އިމިގްރޭޝަން މިއަދު ފެންނަން އޮތް ޒަމާނީ ފެންވަރަށް ގެނައުމުގައި އެކި ދުވަސްވަރު މަސައްކަތްކުރެއްވި އޮފިސަރުންނާއި މުވައްޒަފުންގެ އިހުލާސްތެރި ހިދުމަތުގެ ހަނދާނުގައި ބިނާކުރެވުނު ތަނެކެވެ.
ހަބަރު: ސަރުކާރު