ވައްކަން ފޮރުވަން އެމްޑީޕީން ހުރީ ހިސާބުތައް ފޮރުވާފައި: ޝުޖާއު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ވައްކަން ފޮރުވަން އެމްޑީޕީން ހުރީ ހިސާބުތައް ފޮރުވާފައި: ޝުޖާއު

އެމްޑީޕީގެ ވޭތުވެދިޔަ ސަރުކާރުގައި ކޮށްފައިވާ ވައްކަންތައް ފޮރުވުމުގެ ބޭނުމުގައި ދައުލަތުގެ މާލީ ހިސާބުތައް އާންމުނުކޮށް ފޮރުވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އއ. އުކުޅަހުގައި ރޭ ބޭއްވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، ދައުލަތުގެ މާލިއްޔާތުގެ ތަފާސްހިސާބުތައް އާންމުނުކުރާތާ ހަ މަސް ދުވަސް ވެފައިވާ ކަމަށެވެ.

ޝުޖާއު ތުހުމަތު ކުރެއްވި ގޮތުގައި، ވެރިކަން ބަދަލުވުމުގެ މަރުހަލާ ނުވަތަ ޓްރާންޒިޝަން މަރުހަލާގައި ސަރުކާރުގެ އެއްވެސް ކުންފުންޏަކުން މާލީ ހިސާބުތައް ހިއްސާކޮށްފައި ނުވަނީ އެ ތަންތަނުގައި ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ އަމަލުތައް ބޮޑުކަމުންނެވެ.

"ދިވެހި ދައުލަތުގެ މާލީ ހިސާބުތައް ފެނުނީ 17 ނޮވެމްބަރު 2023 ވަނަ ދުވަހުގެ ރޭ. އެހިސާބުން ފެށިގެން މި ގައުމު އިސްލާހު ކުރުމުގެ މަސައްކަތް ރައީސް މުއިއްޒު ފެއްޓެވީމާ އުޅުނީ އެމަނިކުފާނު އަޒުލު ކުރަން. ވަރަކަށް ކާލެވުނީމަތާ މިވަރު ވާނީ،" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ދައުލަތުގެ ޚަޒާނާ އޮތީ ހުސްވެފައެވެ. އަދި ފަހުން މާލީ ހިސާބުތައް ބެލިއިރު، ގައުމު ހިންގައިގަތުމަށްޓަކައި އެކަނިވެސް ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު ބޭނުންވާކަން ހާމަވި ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވަނީ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ކުރިމަތިކުރަމުންދާ ހުރަސްތަކަށް ފާޑުވިދާޅުވެ، ރައީސް މުއިއްޒުގެ ސަރުކާރުން ގައުމުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރައްވާފައެވެ.

މިއަދު އޮންލައިން