ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު އާންމުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު އާންމުކޮށްފި

ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ދޫކުރާ ބިންތައް ދޫކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާތުތައް ކަނޑައަޅައި، ބިމާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލި އާ ގަވާއިދު ސަރުކާރުން މިއަދު އާންމުކޮށްފިއެވެ. މި ގަވާއިދު ހިންގައި ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް (ބިނާރާ، ގެދޮރުވެރިކަމާއި އުމްރަނީ ތަރައްގީއާ ބެހޭ ވުޒާރާ) އާއެވެ.

މި ގަވާއިދު ހިނގާނީ ދިރިއުޅުމުގެ ބޭނުން ފިޔަވައި އެހެނިހެން ބޭނުންތަކަށް ކައުންސިލްތަކާއި، ވުޒާރާތަކާއި، އަދި ދައުލަތުގެ އެހެނިހެން އިދާރާތަކުން ދޫކުރާ ނުވަތަ ހަވާލުކުރާ ބިންތަކުގެ މައްޗަށެވެ. ގަވާއިދުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ބިން ދޫކުރުމުގެ އިޖުރާޢަތްތަކާއި، ބިން ދޫކުރެވޭނެ އުސޫލުތަކާއި، ބިމުގެ ރަޖިސްޓްރީ ދޫކުރުމުގެ އިތުރުން ބިމާ ގުޅޭ ހައްގުތައް ބަޔާންކުރުން ހިމެނެއެވެ. މީގެ އިތުރުން ބިން ނަގާ ފަރާތްތަކުގެ މަސްއޫލިއްޔަތުތަކާއި އެއްބަސްވުންތައް އެކުލަވާލާނެ ގޮތްވެސް މި ގަވާއިދުގައި ވަނީ ހިމަނާފައެވެ.

ބިން ދޫކުރުމުގެ ބާރުތައް ބަހާލެވިފައިވާ ގޮތަށް ބަލާއިރު، ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ އަދި ކައުންސިލުގެ މިލްކުވެރިކަމުގައިވާ ބިންތައް ދޫކުރާނީ އެ ކައުންސިލަކުންނެވެ. ނަމަވެސް، އެ ނޫން ބިންތައް ދޫކުރުމުގެ މަސައްކަތް ކުރާނީ ބިނާރާ ވުޒާރާއިންނެވެ. މި ހުރިހާ ބިމެއްވެސް ދޫކުރަންވާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ބިންތަކުގެ އަގު ކަނޑައެޅުމަށްޓަކައި 9 މެންބަރުންގެ މައްޗަށް އެކުލެވޭ "ލޭންޑް ވެލުއޭޝަން ކޮމިޓީ" އެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާނެއެވެ. މި ކޮމިޓީން ބިން ކުއްޔަށް ދޫކުރާ އެންމެ ކުޑަ ކުއްޔާއި، ބިން ވިއްކާ އެންމެ ކުޑަ އަގާއި، އަދި އާންމު ހިދުމަތްތަކަށް ދޫކުރާ ބިންތަކުގެ އެންމެ ބޮޑު ކުއްޔާއި ދައުލަތުގެ ބޭނުމަށް އެކަށައަޅާ ބިންތަކުގެ އަގުތައް ކަނޑައަޅާނެއެވެ.

އަގު ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކުގެ ތެރޭގައި އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ބިމުގެ ތަނަވަސްކަމާއި، އާންމު އިގްތިސާދީ ފުދުންތެރިކަމުގެ އިތުރުން ބިމަށް އޮތް ޑިމާންޑަށް ރިއާޔަތްކުރަންޖެހޭނެ ކަމަށްވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މިއަދު އޮންލައިން