ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިއަދު ހާމަކުރި ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ މި ހިނގާ އޮގަސްޓް މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް އެތެރެކުރި ޝިޕްމަންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައެވެ. ރާއްޖެއަށް އެތެރެކުރުން މަނާ ނުވަތަ އުސޫލުތަކާ ޚިލާފަށް އެތެރެކުރާ ތަކެތި ހޯދުމަށް ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ތަކެތި ވަނީ މިހާރު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ރާއްޖެއަށް ގަވާއިދާ ޚިލާފަށް އެތެރެކުރާ ވޭޕް ކާޓްރިޖްތަކުގެ އަދަދު އިތުރުވަމުންދާއިރު، ކަސްޓަމްސްއިން ވަނީ މިދިޔަ ޖޫން މަހުވެސް ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް އަތުލައިގެންފައެވެ. އެގޮތުން، ޖޫން މަހުގެ ތެރޭގައި ހިންގި އެކި އޮޕަރޭޝަންތަކުގައި ޖުމްލަ 28,637 ވޭޕް ކާޓްރިޖް އަތުލައިގެންފައިވާ ކަމަށް އެ މުއައްސަސާއިން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ދަނީ ތަހުގީގު ކުރަމުންނެވެ. ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމާއި، ގަވާއިދާ ޚިލާފަށް އެތެރެކުރާ ތަކެތި ހުއްޓުވުމަށް ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.